ބައިޑަންގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ވޮޝިންގްޓަނަށް 25 ހާސް ސިފައިން ނެރެނީ

އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެންގެ ހުވާކުރުމުގެ ރަސްމިއްޔާތުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ވޮޝިންގްޓަނަށް 25،000 ނެޝަނަލް ގާޑުން ނެރޭނެ ކަމަށް އެމެރިކާގެ ނެޝަނަލް ގާޑް ބިއުރޯއިން ބުނެފިއެވެ.
ނެޝަނަލް ގާޑް ބިއުރޯއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮލަމްބިއާގެ ކޮންމެ ޑިސްޓްރިކްޓެއްގައި ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ނެޝަނަލް ގާޑުން ހަރަކާތްތެރިވާނެ ކަމަށެވެ.
ސީއެންއެން ގައި ރިޕޯޓްކޮށްފައިވާ ގޮތުން ބުރާސްފަތި ދުވަހު 7000 ގާޑުން ވަނީ ވޮޝިންގްޓަންގައި ސްޓޭޝަން ކޮށްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މި އަދަދު ތިން ގުނައަށް އިތުރުވެގެންދާނެ ކަމަށް އެނޫހުގައި ވަނީ ފާހަގަކޮށްފައެވެ.
ނެޝަނަލް ބިއުރޯއިން މިގޮތަށް ނިންމާފައި މިވަނީ ހުވާކުރުމުގެ ރަސްމިއްޔާތާ ދިމާކޮށް ޓްރަމްޕްގެ ސަޕޯޓަރުން ނުކުމެ ހަމަނުޖެހުން އުފައްދާނެ ކަމުގެ މައުލޫމާތު އެފްބީއައި އަށް ލިބިފައި ވަނިކޮށް ކަމަށާއި ސީއެންއެން.އަށް ލިބުނު ބުލެޓިންއެއްގައިވާ ގޮތުން 16 ޖެނުއަރީން ފެށިގެން 20 ޖެނުއަރީއާ ހަމައަށް ކެޕިޓޮލްގެ 50 ސްޓޭޓެއްގައި ހަމަނުޖެހުންތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އަދި ކެޕިޓޮލްގައި 17 ޖެނުއަރީން ފެށިގެން 20 ޖެނުއަރީއަށް ހަމަނުޖެހުންތައް ހިންގުމަށް ވަނީ ރާވާފައެވެ.
އަންގާރަ ދުވަހު އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްއިން ވަނީ ވޮޝިންގްޓަންގެ ސަލާމަތީ ކަންތައްތައް ބެލުމަށް ނެރޭ ގާޑުން ތިބޭނީ ހަތިޔާރު ހިފައިގެން ކަމަށް ބުނެފައެވެ.
ބައިޑަންގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ވޮޝިންގްޓަން ތައްޔާރުވަމުންދާ އިރު، ވައިޓް ހައުސްގެ އޮފިޝަލަކު ވަނީ ބައިޑަން ހުވާކުރައްވާއިރު، ޓްރަމްޕް ވޮޝިންގްޓަންގައި ނުހުންނަވާނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ