ކޮރަޕްޝަން ފެތުރޭ ސަބަބު ހޯދާ، ހައްލު ހޯދަން ޖެހޭ: ގާސިމް

ރާއްޖޭގައި ކޮރަޕްޝަން ފެތުރޭ ސަބަބު ހޯދާ ހައްލު ކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން މިއަދު ނެރުއްވި ބަޔާނެއްގައި ގާސިމް ވިދާޅުވީ ކޮރަޕްޝަންއަކީ ހުރިހާ މުޖްތަމައެއްގެ ތެރެއަށް ވެސް އޭގެ ނުބައި އަސަރު ފެތުރި މޫ ލާފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. ދުނިޔޭގެ ފެންވަރުގައި ކޮރަޕްޝަން ދުވަސް ފަދަ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރުމަކީ މައިގަނޑު ބޭނުމަކީވެސް ކޮރަޕްޝަން ނައްތާލުން ކަމަށް ހަދަން ޖެހޭ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"..އެހެން ގައުމުތަކެކޭ އެއްފަދައިން، މި ދިވެހިރާއްޖޭގެ ތަރައްގީއަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ކޮރަޕްޝަންގެ ނުބައި އަމަލު. ގައުމުގެ ފުދުންތެރިކަން ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްނުދެވޭ މައިގަނޑުގެ އަސްލަކީ ވެސް އަޅުގަނޑުމެންގެ ތެރޭގައި ކޮރަޕްޝަންގެ މިނުބައި ވަބާ ފެތުރިފައިވާލެއް ބޮޑުކަމެއް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ވަކި މީހެއް އިސްތިސްނާ ނުވާނެހެން ބެލެން ޖެހޭ ކަމަށާއި، ކޮރަޕްޝަންގައި ޝާމިލްވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅައި ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް ހައްގު އަދަބު ދީގެން ނޫނީ އެ ވަބާއިން މި ގައުމު ސަލާމަތް ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް މިއަދު އެފަދަ ބަޔާނެއް ނެރެފައިވާ އިރު، ސަރުކާރުގެ ތެރޭގައި ހިނގާ ކޮރްޕްޝަންތައް ހާމަކުރާ ފަރާތްތަކަށް ޤާނޫނީ ރައްކާތެރިކަން ދިނުމަށް ފަރުމާކޮށްފައިވާ، "ވިސްލްބްލޯރކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ވައްދާފައެވެ.
ސަރުކާރުގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، މި ބިލް މަޖިލީހަށް ވައްދާފައިވާއިރު، ބިލުގެ ފުރަތަމަ ކިޔުން އިއްވުން މާދަމާ ހެނދުނު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ