އިންޓަނެޓްގެ އަގުހެޔޮ ކުރުމުގެ މަޝްވަރާތައް ނިމި، އުފާވެރި ހަބަރުގެ ވަގުތު ކައިރިވެއްޖެ: މިނިސްޓަރު

އިންޓަނެޓްގެ އަގުހެޔޮ ކުރުމަށް މަޝްވަރާކޮށް ނިމުނުތާ ދެ މަސް ދުވަސް ވެއްޖެ ކަމަށާއި އުފާވެރި ހަބަރުގެ ވަގުތު ވަރަށް ކައިރިވެއްޖެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ މައިގަނޑު ތިން ކުންފުންޏަކީ ދިރާގާއި އުރީދޫ އާއި ރާއްޖެ އޮންލައިން (އާރުއޯއެލް)އެވެ. ނަމަވެސް އިންޓަނެޓުގެ އަގު ބޮޑު ވާހަކައަކީ ވަރަށް ގިނަ ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ.
އެގޮތުން ރާއްޖޭގައި އިންޓަނެޓުގެ އަގުހެޔޮ ކުރުމުގެ މަޝްވަރާތަކާއި ދިރާސާތައް ސަރުކާރުން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ދިރާސާގެ ތެރެއިން ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތައް ހިމަނައިގެން ދުނިޔޭގެ 26 ގައުމެއްގެ އިންޓަނެޓްގެ ހިދުމަތުގެ އަގުތައް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ބެލިއެވެ. އެ ދިރާސާއިން ދެއްކި ގޮތުގައި ރާއްޖެ ހިމެނެނީ އޭގެ ތެރެއިން ހަތް ވަނައިގައެވެ.
ޔުނިވާސިޓީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރަކު ޓުވިޓަރުގައި ހިއްސާކުރި ޝަކުވާއަކަށް ޖަވާބު ދެއްވަމުން ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ވިދާޅުވީ، ދަރިވަރުންނަށް އަތްފޯރާފަށުގައި އިންޓަނެޓް ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"އަގު ހެޔޮކުރުމުގެ މަޝްވަރާ ނިމުނުތާ ދެމަހެއްހާ ދުވަސްވެއްޖެ. ސަރުކާރުން އަދިވެސް ރަނގަޅުކުރެވޭތޯ ކުރާ މަސައްކަތް މިހާރު ކުރިއަށް ދަނީ. އުފާވެރި ހަބަރުގެ ވަގުތު ކައިރިވެއްޖެ،" މަލީހުގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީގެ ޕޮލިސީ ކަނޑައަޅަން ހުރީ މިނިސްޓަރު ނޫންތޯ އެހެން މީހަކު ކުރެއްވި ޓުވީޓަކަށް ވެސް މިނިސްޓަރު މަލީހު ޖަވާބު ދެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ބައެއް ޕޮލިސީ ތަކަކީ ހަމައެކަނި އެންމެ ވަޒީރެއް ނިންމާ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި އެންމެ ވަޒީރެއް ނިންމާ ކަންތައްތައް ވެސް ފައިނަލް ކުރާ އެކި އިޖުރާއަތްތަކެއް ހުންނަ ކަމަށް ވިދާޅުވެ މަލީހު ވަނީ އިންޓަނެޓް އަގުހެޔޮކުރަން ކުރާ މަސައްކަތް ކާމިޔާބު ވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ