އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންނާއެކު 347 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅައިފި

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް އެކުލަވާލުމަށް މި އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންފެ ތެރެއިން 347 ކެންޑިޑޭޓަކުން މާލީ ބަޔާން ހުށަހަޅައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތު ރޭ 12:00 އަށް ހަމަވިއިރު މާލީ ބަޔާން ހުށަަހަޅާފައި ވަނީ 347 ކެންޑިޑޭޓަކު ކަމަށެވެ.
އިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، އެހުރިހާ ކެންޑިޑޭޓުން ވެސް މާލީ ބަޔާން ހުށަހަޅަން ޖެހެ އެވެ. އެހެންކަމުން މާލީ ބަޔާން ހުށަހަޅާފައި ނުވަނީ 39 ކެންޑިޑޭޓެކެވެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ، ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާ ގުޅޭ މާލީ ކަންކަމާ ބެހޭ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އިންތިހާބެއް ބާއްވާ ތާރީހުން ފެށިގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި މިގޮތުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އޮޑިޓަރަކު އޮޑިޓުކޮށްފައިވާ މާލީ ބަޔާނަކަށް ވާންވާނެ ކަމަށެވެ.
އަދި އެ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަނާޅައިފި ނަމަ އަދަބެއްގެ ގޮތު ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 6،000ރ. އާއި 24،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށްވެސް ގާނޫނުގައި ބުނެފައި ވެއެވެ.
އެމްޑީޕީގެ ސެކެރެޓަރީ ޖެރަނަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެމްޑީޕީގެ ޓިކެޓްގައި މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
މަޖިލިސް އިންތިހާބުގައި ސަރުކާރު ކޯލިޝަންގެ މައިޕާޓީ އެމްޑީޕީން ވަނީ 85 ދާއިރާއަކަށް ވާދަކޮށް، 65 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އެއީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެވެ. ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ 5 ގޮނޑި އެވެ.
މި އިންތިހާބުގައި އިދިކޮޅު ޕީޕީއެމްއަށް 5 ގޮނޑި ލިބިފައިވާއިރު، އެޕާޓީއާއެކު ކޮލިޝަން ހަދާފައިވާ ޕީއެންސީއަށް 3 ގޮނޑި ލިބިފައި ވެއެވެ. އަމިއްލަ ގޮތުން ވާދަކޮށް 7 ގޮނޑިއެއް މިނިވަން ކެންޑިޑޭޓުންވަނީ ކާމިޔާބު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ