200 މީހުން ޕޮޒިޓިވް ވިޔަސް ހަދާނެ ގޮތް ހުސްވެގެން އުޅޭކަށް ނުޖެހޭ

ކޮވިޑް-19 އަށް 200 މީހުން ޕޮޒިޓިވް ވިޔަސް ހަދާނެ ގޮތް ހުސްވެގެން އުޅެން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތާއި ގުޅޭގޮތުން، ވިޝާމް އެންޑް ކޯގެ ފަރާތުން ކުރިއަށް ގެންދާ ނޮލެޖް އޮން ލޯ އިނިޝިއޭޓިވް ޕްރޮގްރާމަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އެގޮތުން ދުސްތޫރީ ހުކޫމަތެއްގައި ތިބުމަށް ދެއްވާނެ އިރުޝާދަކީ ކޮބައިތޯ ދެންނެވުމުން ނަޝީދު ވިދާޅުވީ މިއީ ވަރަށް ދޮށީ ދައުލަތެއް ކަމަށާއި އެހެންކަމުން ކަންކަމުގައި ހާސްނުވުމަށާއި ކަންބޮޑު ނުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
"200 މީހުން ޕޮޒިޓިވް ވީމާ އެއީކީ ވެސް އަޅުގަނޑުގެ ނަޒަރުގައި އެހެން ހަދާނެ ގޮތް ހުސްވެގެން އުޅެންޖެހޭ ކަހަލަ ކަންކަމެއް ނޫން" ނަޝީދު ވިދާޅުވިއެވެ.
ދިވެހިން މީގެކުރިން ވެސް ތިބީ ކަންކަމުން އަރައިގެންފައި ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ގާނޫނީ ހަމަ އާއި އެހެން ވަސީލަތްތައް ވެސް ހޯދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެ ކަންކަން ހޯދައިގެން މި "ގުލްޒާރު" ކާމިޔާބު ކުރާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ނުރައްކާ މާލެ ސަރަހައްދުގައި އަނެއްކާވެސް ބޮޑުވެފައިވާއިރު، އިއްޔެ ވެސް މި ބައްޔަށް ރާއްޖެއިން ވަނީ 86 މީހަކު ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 56 މީހުންނަކީ ދިވެހިންނެވެ. އެ މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4680 އަށް އަރާފައެވެ.
މި ބަލިން މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުން ރަނގަޅުވެފައިވާއިރު، މި ބަލީގައި 19 މީހަކު ވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ