ޕާޓީ ވަރުގަދަކުރަން މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ވަނީ ފަށާފައި: މައުމޫން

ޕީޕީއެމް މިހާރަށް ވުރެ ވަރުގަދަކުރުމަށްޓަކައި އެ ޕާޓީ އަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ޕީޕީއެމް މެމްބަރުންނާއި 18 ވަނަ މަޖިލީހަށް ހޮވިވަޑައިގެންނެވި މެމްބަރުންނާ ބައްދަލުކުރެއްވުމަށް ސީ ހައުސްގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރު ދެމެހެއްޓުމަށްޓަކައި ޕާޓީ ވަރުގަދަކުރަން ޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ މެމްބަރުންގެ އަދަދު މިހާރަށް ވުރެ އިތުރުކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މައުމޫން ވިދާޅުވި ގޮތުގައި އެ ޕާޓީ އަށް މެމްބަރުން އިތުރުކުރަން މިހާރު ވަނީ ޓާސްކްފޯހެއް ވެސް އެކުލަވާލައިފަ އެވެ. ޕީޕީއެމަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ބައެއް ރަށްރަށުގައި މިހާރު ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރިޔާސީ އިންތިހާބު އެ ޕާޓީން ކާމިޔާބުކޮށް، ކައުންސިލް އިންތިހާބާއި މަޖިލިސް އިންތިހާބުގެ އަޣުލަބިއްޔަތު ލިބުނީ ޕީޕީއެމަށް ހެޔޮއެދޭ ގިނަ ބައެއްގެ މަސައްކަތުން ކަމަށް މައުމޫން ވިދާޅުވި އެވެ. ކުރިއަށް ކުރަން ހުރި މަސައްކަތްތަކަކީ ވެސް ޒިންމާބޮޑު މަސައްކަތްތަކެއް ކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ ސަރުކާރު ދެމެހެއްޓުމަށްޓަކައި ޕާޓީގެ ހުރިހާ މެމްބަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކައުންސިލަރުންނާއި އާއްމު މެމްބަރުންގެ ވެސް އެހީތެރިކަން ޕާޓީ އަށް ދިނުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ. އެ ބައްދަލުވުމުގައި މައުމޫން ވަނީ، ކެންސަރު ބަލީގެ އާލާސްކަންފުޅުގައި އުޅުއްވަނިކޮށް އަވަހާރަވެވަޑައިގެންނެވި ފާތިން ހަމީދަށް ތައުޒިޔާ ވިދާޅުވެފަ އެވެ. މަސްވެރިކަމުގެ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރެއްވި ޑރ. ފާތިން އަކީ އެ މަނިކުފާނަށް ބޮޑުބޭބެ ވިދާޅުވި ބޭފުޅެކެވެ. މިއަދަކީ ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ކަމަށްވާތީ، ކުޑަކުދިންނާއި އެ ކުދިންގެ އާއިލާ އަށް ތަހުނިޔާ ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ