އަބުދުﷲ ގާޒީ ހައްޔަރުކުރީ ވެސް ދޫކޮށްލީ ވެސް ރައީސް ނަޝީދުގެ އަމުރަށް: ތޮލްހަތު

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކޮށްފައިވަނީ ވެސް އަދި ދޫކޮށްލާފައިވަނީ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަމުރުފުޅަށް ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބުރާހީމު ކަލޭފާނު ވިދާޅުވެއްޖެއެވެ.
އަބުދުﷲ ގާޒީ ހައްޔަރު ކުރުމާއި ގުޅިގެން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމުގައި ދިފާއުގައި ވާހަކަ ދައްކަވަމުން ތަލްހަތު މިއަދު ވިދާޅުވީ އަބުދުﷲ ގާޒީ ހައްޔަރު ކުރަން އެންގެވީ ފޯނުން ގުޅާ މުލިއާގެއަށް ގެންގޮސްގެން ކަމަށެވެ. އަދި ގާޒީ ހައްޔަރު ކުރި އިރު ގާޒީއަކު ހައްޔަރު ކުރަން އޮންނަ ގޮތް އެނގިނުލައްވާ ކަމަށާއި ނަމަވެސް ރައީސް ނަޝީދަށް އެކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަން ނުކުރުމަށް އެދުނު ކަމަށެވެ.
ޕީޖީއާއި ސްޕްރީމު ކޯޓާއި ހައިކޯޓުން އަމުރުތައް ނެރުމުން ވެސް އިސްތިއުފާ ނުދެއްވާ ހުންނެވީ ކީއްވެތޯ ދައުލަތުން ސުވާލު ކުރުމުން ތަލްހަތު ވިދާޅުވީ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ރައީސް ނަޝީދު ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ. އަދި އަބުދުﷲ ގާޒީ ގިރިފުއްޓަށް ގެންދިޔައީ ވެސް ރައީސް ނަޝީދުގެ އަމުރުފުޅަށް ކަމަށާއި ދެފަހަރެއްގެ މަތިން ހާއްސަ މަންދޫބު އިބްރާހީމު ހުސައިން ޒަކީއާއި ޔޫތް މިނިސްޓަރު ހަސަން ލަތީފާ އެކު ގާޒީ އަރިހަށް ވަޑައިގެންނެވި ކަމަށެވެ.
އަދި ރައީސް ނަޝިދުގެ އެދިލެއްވުމުގެ މަތިން އަބުދުﷲ ގާޒީއަށް ރާއްޖޭން ބޭރަށް ކިޔަވަން ދިއުމަށް ހުށަހެޅުއްވޗި ހަދާނެއް ވެސްވާ ކަމަށް ތަލްހަތު ވިދާޅުވިއެވެ.
އަޑުއެހުމުގައި އެމްއެންޑިއެފްގެ ފަސްޓް ލެފްޓިނެންޓު އަލީ އިހުސާނުގެ ހެކި ބަސް ނަގާފައިވެއެވެ. އޭނާ ބުނެފައިވަނީ އަބުދުﷲ ގާޒީ ދޫކޮށްލުމަށް އަމުރުތައް އައުމުން ވެސް ތަލްހަތު ނަޝީދަށް ގުޅުއްވި ކަމަށާއި އެއަމުރުތަކަށް ޖަވާބު ނުދެއްވާ ބޭއްވީ ވެސް ނަޝިދުގެ ފަރާތުން ބަހެއް ނުލިބުމުން ހެން ހީވާ ކަމަށެވެ.
މިއަދުގެ އަޑުއެހުމަށް ހެކި ބަސް ނެގުމުގެ ގޮތުން އަބުދުﷲ ގާޒީ ވެސް ހާޒިރުކޮށްފައިވެއެވެ. ނަމަވެސް ހެކިބަސް ނަގާފައެއް ނުވެއެވެ. ދައުލަތުން ބުނީ ތަލްހަތު އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށާއި ބެންޗުން ދެން ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. އަދި އެމައްސަލާގައި ދެން ކުރިއަށްދާނެ ގޮތަކާއި މެދު ޕީޖީއާއި މަޝްވަރާ ކުރުމަށްފަހު ގޮތެއް ކޯޓަށް އެންގުމުގެ ހުއްދައަކަށް ވެސް ދައުލަތުން އެދުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ