ރައީސްގެ ދެކަނބަލުން ބާއްވަވަން ހަމަޖެއްސެވި ކުޑަކުދިންގެ ހަވީރު ވެސް ކެންސަލްކޮށްފި

އީދުގެ މުނާސަބަތުގައި މިއަދު ހަވީރު ރައީސްގެ އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ފަރާތުން ބާއްވަން ހަމަޖެއްސި ކުޑަކުދިންގެ ހަވީރު ވެސް މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ދެންމެ ކުރެއްވި ޓްވީޓެއްގައި ވަނީ ސަލްޓަން ޕާކުގައި ބާއްވަން ހަމަޖެއްސި ކުޑަކުދިންގެ ހަވީރު ކެންސަލްކުރިކަން ކަށަވަރު ކޮށްދެއްވައިފަ އެވެ. އަދި ފަހުގެ ތާރީޚެއްގައި ވަރަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވާނެ ކަމަށް އެ ޓްވީޓްގައި މުއާޒު ވިދާޅުވެފައިވެ އެވެ. ރައީސް ޔާމީންގެ ދެކަނބަލުން ބާއްވަވަން ހަމަޖެއްސި ކުޑަކުދިންގެ ހަވީރު މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ކުރިއިރު މިއަދު ހެނދުނު ބާއްވަން އޮތް ރައީސްގެ އީދުގެ ސަލާމް ކުރެއްވުން ވެސް މޫސުން ގޯސްވުމުގެ ސަބަބުން ވަނީ ކެންސަލްކޮށްފަ އެވެ. އަދި އެހެން އީދުތަކުގައި މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނަ ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ޖަމާއަތް ވެސް މިފަހަރު ނުބާއްވަ އެވެ. މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެންވެ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާ އިން އިއްޔެ ވަނީ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ