ކަރަންޓުގެ އާ އަގުތައް: ސަރުކާރާއި އާންމުންގެ ހިޔާލު ތަފާތު
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށަށް ދާތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ. އެ ބަދަލާ ގުޅިގެން ރާއްޖޭގެ ބާޒާރުގައި ވެސް ތެލުގެ އަގު ވަނީ މީގެ އަހަރުތަކަކާ އަޅައި ބަލާއިރު އެތައް ގުނައެއް ދަށްވެފަ އެވެ. މިހެން މިކަން އޮއްވައި ކަރަންޓުގެ އަގަށް ގެންނަން ސަރުކާރުން ނިންމި ބަދަލާ ގުޅިގެން ގިނަ ބަޔަކަށް ވަނީ ޝޮކެއް ލިބިފަ އެވެ. އެއީ، ރާއްޖޭގައި ކަރަންޓު އުފައްދަނީ ތެޔޮ އަންދައިގެން ކަމަށް ވެފައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާ ދަނޑިވަޅެއްގައި ކަރަންޓުގެ އަގަށް ގެނައި ބަދަލުގެ ސަބަބުން ކަރަންޓަށް ކުރަން ޖެހޭ ހޭދަ އިތުރުވުމުންނެވެ. މި ކަމާ ގުޅިގެން ހިޔާލު ބަދަލުކޮށްލި ގިނަ މީހުން ބުނި ގޮތުގައި އެއީ އެ މީހުން ހީކޮށްގެން ތިބި ފަދަ ނިންމުމެއް ނޫނެވެ. "އަޅުގަނޑު ހީކޮށްގެން މި ހުންނަނީ ތެލުގެ އަގުތައް މި ވަރަށް ދަށަށް ދާތީ ކަރަންޓުގެ އަގު ވެސް ވާނީ ހެޔޮ ކަމަށް. އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގުތައް ވެސް ވަރަށް ފަހުން މިވަނީ ދެ ފަހަރަށް ދަށް ކޮށްފައި. އެހެންވީމާ، ތެލުގެ އަގަށް ބަދަލު ގެންނަން އުޅޭ ވާހަކަ އަޑު އިވުނީމާ މި ހުރީ ވަރަށް އުފަލުން އަގު ހެޔޮ ވާނެ ކަމަށް ބަލައިގެން. އެކަމަކު އިވޭ އަޑުތަކަށް ބަލާއިރު ކުރިއަށް ވުރެ ކަރަންޓުގެ އަގު މިވީ ބޮޑު. ދެން އެނގޭނީ އަންނަ މަހުގެ ބިލް އައިމަ،" މާލޭގައި ޓެކްސީ ކުރާތާ ގިނަ އަހަރުތަކެއް ވެފައިވާ ޑްރައިވަަރަކު ބުންޏެވެ. ސަރުކާރުން މިހާރު ނިންމާފައިވަނީ ފެބްރުއަރީ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށްތަކުގެ ކަރަންޓުގެ އަގުތަކަށް ބަދަލު ގެނައުމަށެވެ. މި ބަދަލުތައް ގެންނަ އިރު، މައިގަނޑު ތިން ކަމެއް ފާހަގަކުރެވެ އެވެ. މާލޭގެ ސްކޫލެއްގެ ފުރާޅުގައި ސޯލާ ޕެނަލް: އިއާދަކުރަނިވި ހަކަތަ އުފައްދަން ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން އެނާޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ފުރަތަމަ ކަމަކީ 400 ޔުނިޓުން ދަށުގެ ޓެރިފް ރޭޓްތަކުގެ އަގުތައް ކުރިއަށް ވުރެ ދަށް ކޮށްފައިވާ ކަމެވެ. ދެ ވަނަ ކަމަކީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ދެ ކުންފުނި ކަމަށްވާ ސްޓެލްކޯ އާއި ފެނަކަ އަށް ސަރުކާރުން ދެމުން އައި ތެލުގެ ސަބްސިޑީ ކަނޑައިލުމެވެ. ތިން ވަނަ ކަމަކީ ތެލުގެ ސާޗާޖް ނަގާ އުސޫލަށް ބަދަލުތަކެއް ގެނައުމެވެ. މީގެ ތެރެއިން ތެލުގެ ސާޗާޖް ނަގާ އުސޫލަށް ގެނައި ބަދަލަށް ބަލާއިރު، މާލޭގެ ގޭބިސީތަކުން ތެލުގެ ސާޗާޖް ނަގާނީ އެ ގެއަކުން ކަރަންޓު ބޭނުންކުރާ މިންވަރު 400 ޔުނިޓަށް ވުރެ އިތުރުވެފައި، ސްޓެލްކޯ އަށް ޑީސަލް ލިބޭ އަގު ލިޓަރެއް 10ރ. އަށް ވުރެ ބޮޑު ނަމަ އެވެ. އަދި ފެނަކަ އިން ހިދުމަތް ދޭ ރަށްތަކުގައި ތެލުގެ ސާޗާޖް ނަގާނީ އެ ގެއަކުން ކަރަންޓު ބޭނުންކުރާ މިންވަރު 400 ޔުނިޓަށް ވުރެ އިތުރުވެފައި، ފެނަކަ އަށް ޑީސަލް ލިބޭ އަގު، ލިޓަރެއް 10.75ރ. އަށް ވުރެ މަތިވުމުންނެވެ. އެނާޖީ މިނިސްޓްރީން ބުނި ގޮތުގައި މާލެ ފިޔަވައި އެހެން ރަށްތަކުގެ ގޭބިސީތަކުގެ 88 ޕަސެންޓް އެވްރެޖްކޮށް މަހަކު ކަރަންޓު ބޭނުންކުރާ މިންވަރު 400 ޔުނިޓަށް ވުރެ މަދެވެ. އަދި މާލޭގެ ގޭބިސީތަކުގެ 45 ޕަސެންޓަކީ އެވްރެޖްކޮށް މަހަކު ކަރަންޓު ބޭނުންކުރާ މިންވަރު 400 ޔުނިޓަށް ވުރެ މަދު ގެތަކެވެ. މި ތަފްސީލުތައް ހިއްސާ ކޮށްލުމުން، މާލޭގެ ޕްރައިމަރީ ޓީޗަރަކު ބުނީ އެ ކަހަލަ ޓެކްނިކަލް ވާހަކަތަކާ ބެހޭ ގޮތުން އެއްޗެއް ބުނަން ނޭނގޭ ކަމަށާއި ކޮންމެ ގޮތަކަށް ހިސާބު ހަދައިގެން ވިޔަސް، ކަރަންޓު ބިލަށް ކުރަން ޖެހޭ ހޭދަ އިތުރުވާ ނަމަ އެއީ މައްސަލައެއް ކަމަށެވެ. "އަޅުގަނޑަކަށް ނޭނގެ ތި ޔުނިޓްތަކާ އެއްޗެހި ކިޔާކަށް. މިހާރު ސަރުކާރުން އެ ބުނަނީ ސަރުކާރުން ދެމުން އައި ކަރަންޓު ސަބްސިޑީ ކަނޑައިލިއްޔޭ. އެހެން ވިއްޔާ ސަރުކާރުން އެ ކަނޑައިލި ބައި އަޅުގަނޑުމެން އަތުން ނަގާނެތާ. އެބައި އަޅުގަނޑުމެން އަތުން ނަގާއިރު، ކުރިން ކަރަންޓު ބިލަށް ދައްކަން ޖެހޭ ވަރަށް ވުރެ އިތުރު ވަންޏާ އެއީ މައްސަލައެއް. އަޅުގަނޑަށް ހެޔޮ ޔުނިޓެއް ހިލެޔޭ ބުންޏަސް. ދެން އެހެން ގޮތްގޮތުން ކަރަންޓު ބިލް ބޮޑުވަންޏާ ބުނެވޭނެތަ ކަރަންޓު އަގު ހެޔޮ ވިއްޔޭ؟" އެ ޓީޗަރު ބުންޏެވެ. ޖަޕާން ސަރުކާރުގެ އެހީގައި ހިންގާ މަޝްރޫއުގެ ދަށުން ވެލާނާގެ ޓެރަސްގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް: ހަކަތައިގެ ހަރަދު ކުޑަކުރުމަށް އިއާދަ ކުރަނިވި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުން ހިފުން މުހިންމު -- ފައިލް ފޮޓޯ ސަރުކާރުގެ ވުޒާރާއެއްގެ ޑިރެކްޓަ ޖެނެރަލަކު ވިދާޅުވި ގޮތުގައި ސަރުކާރުން މި އެޅީ ރަނގަޅު ފިޔަވަޅެކެވެ. "އަޅުގަނޑުމެން ފަދަ ގުދުރަތީ ވަސީލަތްތައް އެހާ މަދު، އަދި ހުރިހާ އެއްޗަކާއި ހުރިހާ ވަސީލަތެއް އިމްޕޯޓްކޮށްގެން ތަރައްގީވުމަށް މަސައްކަތްކުރާ ގައުމަކަށް އެއްގޮތަކަށް ވެސް އޮބި އޮންނާނެ ކަމެއް ނޫން، އަސާސީ ހުރިހާ ހިދުމަތްތަކަށް ސަރުކާރުން ސަބްސިޑީ ދިނުމަކީ. އެ ގޮތަށް ގައުމެއްގެ އިގްތިސާދު ކޮޅަކަށް ނުޖެހޭނެ،" އޭނާ ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަރަންޓުގެ އަގަަށް ގެނައި ބަދަލުގެ ސަބަބުން ބައެއް މީހުން ކަންބޮޑުވަނީ، ސަބްސިޑީ އަށް ހޭނިފައި ތިބުމުންނެވެ. "އަސްލު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓެން ފެށި ހިސާބުން، ސަރުކާރުގެ ސަބްސިޑީ ކަނޑާލަންވީ. އޭރު ސަބްސިޑީ ކަނޑައިލި ނަމަ، މިއަދު ސަރުކާރުން ކަރަންޓުގެ އަގަށް މި ގެނައި ބަދަލަކީ ކަރަންޓުގެ އަގު ހެޔޮވުން ކަމަށް ގަބޫލުނުކުރާނެ ހަމަ އެކަކު ވެސް ނުުހުންނާނެ. އަޅުގަނޑަކީ ވެސް މާލޭގައި ގެދޮރު ކުއްޔަށް ހިފައިގެން ދަރިންނަށް ކިޔަވައިދޭން އުޅޭ މީހެއް. ކުރަން ޖެހޭ ހޭދަތައް ވެސް މަދެއް ނޫން. އެކަމަކު ގައުމުގެ ހަގީގީ ހާލަތުގެ މައްޗަށް މުޖްތަމައު ހޭނެން އެބަ ޖެހޭ. ހުރިހާ ކަމެއްގައި ސަރުކާރުގެ ސަބްސިޑީ އަށް ބަރޯސާވާކަށް ނުވާނެ،" އޭނާ ވިދާޅުވި އެވެ. ނަމަވެސް އެހެން ބައެއް މީހުން ދެކޭ ގޮތުގައި ގައުމުގެ އިގްތިސާދީ ހާލަތާއި އާންމު ރައްޔިތުންގެ މާލީ ތަނަވަސްކަން ހުރީކީ، އިތުރަށް އެންމެ ރުފިޔާއެެއް ވެސް ހޭދަކުރެވޭ ފަދަ ގޮތަކަށެއް ނޫނެވެ. "ހަމައެކަނި ކަރަންޓުގެ ވާހަކަ ނުދައްކަމާ. ދިރިއުޅުމަކީ ކަރަންޓު އެކަންޏެއް ނޫން. ކޮބާ މާލޭގެ ގެތަކުގެ ކުލި؟ ކޮބާ ދަތުރުފަތުރުގެ ހަރަދުތައް؟ ކޮބާ ކާބޯތަކެއްޗާއި އެހެން މުދަލުގެ އަގުތައް؟ މިއިން އެއްވެސް އެއްޗެއްގެ އަގެއް ތިރިއެއް ނުވެޔޭ،" ބާޒާރުމަތީ ފިހާރައެއްގެ ސޭޓެއް ކަމަށްވާ މުހައްމަދު ބުންޏެވެ. "ތެލުގެ އަގު ކިތައް ފަހަރު ހެޔޮ ވެއްޖެ. މަތިންދާބޯޓު ދަތުރުގެ އަގު ހެޔޮވިތަ؟ މި ޗުއްޓީގައި ދަރިންކޮޅު ރަށަށް ފޮނުވާފައި މި އަހަރުގެ ކިޔެވުން ފެށުނު އިރު، ހިފައިގެން އުޅޭ ގޭގެ އަގު އެ އޮތީ 500ރ. އިތުރު ކޮށްފައި. މުސާރަތައް ބޮޑުވީކީ ނޫން. މިހެން ކަން އޮތް އިރު، ކަރަންޓު ހެޔޮ ކޮށްފީމޭ ބުނެފައި ބިލު ބޮޑުކުރީމާ، މި ކިޔަނީ ކީކޭ. މި ކިޔާ އެއްޗެއް ދެކޮޅު ދިމާވާން އެބަ ޖެހޭ." ވައިން ކަރަންޓު އުފައްދަން ހއ. އުލިގަމުގައި ހަރުކުރި ބުރަފަތިތަކެއް: ހަކަތައިގެ ހަރަދު ކުޑަކުރަން އިއާދަ ކުރަނިވި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުން ހިފުން މުހިންމު-- ހަވީރު ފައިލް ފޮޓޯ ނަމަވެސް ސަރުކާރުން ބުނާ ގޮތުގައި ކަރަންޓުގެ އަގަށް ގެނައި ބަދަލުގެ ސަބަބުން ގައުމުގެ މުޅީ އިގްތިސާދީ ނިޒާމަށް އޭގެ ހެޔޮ އަސަރު ފެންނާނެ އެވެ. އަދި ކަރަންޓު ސަބްސިޑީން އުނިކުރި ބައި، ތަރައްގީގެ އެހެން މަޝްރޫއުތައް ހިންގަން ހޭދަކުރާނެ އެވެ. "މިއީ ސަރުކާރުގެ އިސްލާހީ އެޖެންޑާގެ ތެރެއިން އައި ކަމެއް. މިއީ ކުއްލިއަކަށް އަގަށް ބަދަލެއް ގެނައީކީ ނޫން. މިދިޔަ އަހަރު އެކަނި ވެސް ކަރަންޓު ސަބްސިޑީ އަށް 760 މިލިއަން ހޭދަކުރި ސަރުކާރުން. އޭގެ ކުރިން 2014 ގައި ހޭދަކުރި 800 މިލިއަނަށް ވުރެ މައްޗަށް،" މަތީން ވިދާޅުވި އެވެ. "މި ބަދަލުގެ ސަބަބުން ސްޓެލްކޯ އަށް އިތުރަށް ސަބްސިޑީ ދޭކަށް ނުޖެހޭނެ. ސްޓެލްކޯ ހިންގޭނެ ސްޓެލްކޯ އަށް ލިބޭ އާމްދަނީއަކުން. ފެނަކަ އަށް އިތުރަށް 120 މިލިއަން ރުފިޔާގެ އެހީއެއް ދިން ކަމުގައި ވިޔަސް ވެސް، ސްޓެެލްކޯގެ ސަބްސިޑީ ކަނޑާލުމުން އެންމެ މަދުވެގެން ވެސް 500 މިލިއަން ރުފިޔާ އަހަރެއްގެ މައްޗަށް ދައުލަތުގެ ރިކަރަންޓު ހަރަދުން ސަލާމަތްވާނެ. އެ ފައިސާ ހަރަދުކުރެވޭނެ ކަރަންޓުގެ ނިޒާމާއި ފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމުތައް ގާއިމުކުރުމަށް ރަށްރަށުގައި." ހަގީގަތްތައް މިހެން ހުރި ކަމުގައި ވިޔަސް، އާންމު ރައްޔިތުންގެ އަތުން ހޭދަކުރަން ޖެހޭ މިންވަރު އެންމެ ރުފިޔާއެއް އިތުރު ވިޔަސް ކަންބޮޑުވުންތަކެއް އުޅޭނެ އެވެ. އާންމު ރައްޔިތުން އަބަދުވެސް އަޅައި ކިޔާނީ އެމީހުންނަށް ލިބޭ އާމްދަނީ އާއި ކުރާ ހޭދަތަކާ އެވެ. އަނެއްކޮޅުން ސަރުކާރުގެ ވިސްނުމަކީ ސަބްސިޑީ ދީގެން ހުރިހާ ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ