އަމާޒަކީ ފޯރަމްގެ ތެރެއިން ބޮޑެތި އިންވެސްޓަރުންތަކެއް ހޯދުން: ރައީސް

މާދަމާ ސިންގަޕޫރުގައި ފަށާ އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖެ ބޭރުގެ ފަރާތްތަކަށް ހުޅުވި، ސަރުކާރުން ފަށަން ބޭނުންވާ ބޮޑެތި މަޝްރޫއުތަކަށް ރަނގަޅު އިންވެސްޓަރުންތަކެއް ހޯދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ. ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސް ގައި އިކޮނޮމިކް މިނިސްޓްރީން އިންތިޒާމް ކޮށްގެން ބާއްވާ އެ ފޯރަމަށް ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓްގައި މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމްގައި 16 ގައުމެއްގެ 200 އަށް ވުރެ ގިނަ އިންވެސްޓަރުން ބައިވެރިވާ ކަމަށެވެ. އެހާ ބައިވަރު އިންވެސްޓަރުންނާ އެއްތަނަކުން ބައްދަލުވެ ސަރުކާރުގެ މަޝްރޫއުތަކެއް ހުށަހަޅައި ދިނުމަށް ފުރުސަތު ލިބުމަކީ އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރު ކުރެވޭނެ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ރައީސް ޔާމީން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: އިންވެސްޓްމަންޓް ފޯރަމަކީ ރާއްޖެ ބޭރު ދުނިޔެއަށް ހުޅުވުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް ވިދާޅުވި. -- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު ރައީސް ވިދާޅުވި ގޮތުގައި އިންވެސްޓަރުންނަށް ރާއްޖޭގައި އޮތް މާހައުލު ބުނެދީ އެ ފަރާތްތަކަށް ރާއްޖެއާ ގުޅޭ ރަނގަޅު މައުލޫމާތުތަކެއް ފޯރުކޮށް ދިނުމަކީ އެ ފޯރަމްގެ ވަރަށް ބޮޑު އަމާޒެކެވެ. އަދި ފޯރަމްގައި ބައިވެރިވާ އެންމެ ބޮޑެތި އިންވެސްޓަރުންނާ ވަކިން ބައްދަލު ކުރައްވާ ވަކި ހާއްސަ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. "މިއީ ރާއްޖެ ބޭރުގެ ދުނިޔެއަށް ހުޅުވާލުމަށް އެޅޭ ފުރަތަމަ ފިޔަވަޅު. މި ފޯރަމްގެ ތެރެއިން މެގަ މަޝްރޫއުތަކަކަށް ރާއްޖެ މި ހުޅުވާލެވެނީ. އަޅުގަނޑު އުންމީދު މި ކުރަނީ ސަރުކާރުން ބޭނުންވާ އެންމެ ބޮޑެތި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދޭނެ ކަމަށް. އޭގެ ތެރޭގައި ޔޫތު ސިޓީ ހެދުމުގެ މަޝްރޫއާއި އައިހެވަން ފަދަ މަޝްރޫއުތަކަށް އަޅުގަނޑުމެންގެ ފޯކަސް މި އޮތީ،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ޒުވާނުންނަށް ފައިސާ ދެއްކޭނެ ވަރުގެ އެޕާޓްމަންޓްތަކެއް ހުޅުމާލޭގައި ހެދުމަށް ޗައިނާގެ ވަރަށް ބޮޑު އިންވެސްޓަރަކާ އެކު ފޯރަމްގެ ތެރޭގައި މަޝްވަރާ ކުރާނެ އެވެ. މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް އެތަން ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުން އޮސްޓްރޭލިޔާގެ ޓީމަކާ އެކު ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހުޅުމާލެ އިތުރަށް ހިއްކާ ތަރައްގީ ކުރުމުގެ މަޝްރޫއަށް އިންވެސްޓަރުން ހޯދުމަށް ވެސް ސަރުކާރުގެ ފޯކަސް ހުރި ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ޔާމީން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: އިންވެސްޓްމަންޓް ފޯރަމަކީ ރާއްޖެ ބޭރު ދުނިޔެއަށް ހުޅުވުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް ވިދާޅުވި. -- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު "މިނިސްޓަރުން ވެސް އިތުރު ދާއިރާތަކުން އިންވެސްޓްމަންޓްތައް ހޯދުމަށް މަސައްކަތް ކުރައްވާނެ. މިކަހަލަ ބޮޑަތި މަޝްރޫއުތަކަށް އަޅުގަނޑުމެންގެ ފޯކަސް މި އޮތީ. ކުދިކުދި މަޝްރޫއުތަކަކަށް ނޫން. އަޅުގަނޑުމެން ބުނެދޭނަން އިންވެސްޓަރުންނަށް ފަހި ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ކުރެވިފައި ހުރި މަސައްކަތްތައް. މިއީ އިންވެސްޓަރުންނާ އަޅުގަނޑުމެންނާ ދެމެދު ގުޅުން އުފައްދައިދޭނެ މަސައްކަތެއް،" ރައީސް ވިދާޅުވި އެވެ. އެ ފޯރަމްގައި އިންވެސްޓް ކުރަން ޝައުގުވެރިވާ ބޭރުގެ ފަރާތްތަކަށް ހުޅުވާލަން ނިންމާފައިވާ މެގަ ޕްރޮޖެކްޓްތަކަކީ އިހަވަންދިއްޕޮޅު އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް، "އައިހެވަން" އާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުމުގެ ޕްރޮޖެކްޓާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމުގެ މަޝްރޫއު އާއި މިހާރު ބޭނުން ކުރާ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް އެތަން ތަރައްގީ ކުރުމުގެ މަޝްރޫއު އަދި ރާއްޖޭގެ ސަރަހައްދުން ތެލާއި ގޭސް ނެގުމުގެ މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ