ފަނޑިޔާރު ޑރ. ދީދީގެ ޝަރުތު ހަމަނުވާ ކަމަށް ބުނާ މައްސަލަ ދަށު ކޯޓަށް ހުށަހެޅުމަށް ހައި ކޯޓުން ބުނެފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ޝަރުތު ހަމަނުވާ ކަމަށް ބުނާ ދައުވާ ހައި ކޯޓަށް ހުށަހެޅުމުން އެ ދައުވާ ދަށު ކޯޓަށް ހުށަހެޅުމަށް ބުނެފައިވާ ކަމަށް އެ މައްސަލަ ހުށަހެޅުއްވި ވަކީލު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ވަނީ ދަށު ކޯޓަށް ބެލުމުގެ އިހްތިސާސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށް ބުނެ އެ މައްސަލަ މަދަނީ ކޯޓުން ބަލައިނުގަތުމުންނެވެ.
އެ މައްސަލައިގައި ދައުވާކުރައްވާ ވަކީލު އަނަސް އަބްދުއްސައްތާރު ވިދާޅުވީ ހައި ކޯޓުން ބުދަ ދުވަހު އެ މައްސަލަ އަށް ޖަވާބެއް ދީފައިވާ ކަމަށެވެ. އަދި އެ ޖަވާބުގައި ބުނެފައި އޮތީ އެ މައްސަލަ ދަށު ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަނަސް ކުރިން ވިދާޅުވެފައި ވަނީ އެ ދައުވާ ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ކިބައިގައި ވަކާލާތުކުރުމުގައި ނުވަތަ ފަނޑިޔާރަކަށް ހުންނަވައިގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާއިރު ޑރ. ދީދީގެ އެ ޝަރުތު ހަމަނުވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ ޑރ. ދީދީގެ ބަންޑާރަ ނައިބުގެ ނައިބަކަށް ތިން މަހާއި ދުވަސްކޮޅެއް ވަންދެން އުޅުއްވުމަށްފަހު މަޖިލީހުގެ ކައުންސެލް ޖެނެރަލެއްގެ މަގާމުގައި ހުންނެވީ 40 ދުވަހު ކަމަށެވެ. އެހެންކަމުން ޑރ. ދީދީގެ ކިބައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ޝަރުތު ހަމަނުވާ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ފަނޑިޔާރުންނާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާގެ ރ. ގައި ބުނެފައިވަނީ ފަނޑިޔާރެއްގެ ތަޖުރިބާކަމަށް ބެލެވޭނީ ފަނޑިޔާރުކަމުގައި ނުވަތަ ވަކާލާތުކުރުމުގައި ހޭދަކޮށްފައިވާ ދުވަސްތައް ކަމަށެވެ. އެ މާއްދާގެ އެއް ވަނަ ނަންބަރުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހަތް އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށެވެ.
އެކަމަކު ރައްޔިތުންގެ މަޖިލިހުން ނިންމާ ކަމެއްގެ ސައްހަކަން ބަލަން އެއްވެސް ކޯޓަކަށް ދިއުމުގެ ފުރުސަތެއް ނެތް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ. ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ށ. ގައި ބުނެފައި ވަނީ "މި ގާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނެ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ