އައްޑޫ ރައްޔިތުން އަދިވެސް ވިސްނާކަށް ނުވޭ ހެއްޔެވެ؟

މިފަހަރު ދައްކާން މިއުޅެނީ ފިސާރި ވާހަކައެކެވެ. މިވާހަކަ ދެއްކީމާ ދެން
ހިތާވާހައި ހުކުމެއް އިއްވައި ހިތަށް އުހައުވެރިކަން ލިބޭނެހެން ހީވާހާ
ނަމަކުން ގޮވާށެވެ. މަށަކުވާ ފިކުރުކުރާކަށް ނެތީމެވެ. އަހުރެންގެ ބަސް
އިއްވައިފީމެވެ. ވިސްނައި ފިކުރުހިންގުމަކީ ތިޔަބައިމީހުންގެ ކަމެކެވެ.
ކޮންމެގޮތަކަށް އަމަލުކުރިޔަސް އަހުރެންނަށް ފަރުދީގޮތުން ލިބޭނެ އިތުރު
ދެރައެއް އަދި މަންފާއެއް ވެސް ނެތެވެ.
އައްޑު އަތޮޅަށްވުރެ ވަކީން ނިކަމެތި އަތޮޅެއް މި ދިވެހިރާއްޖޭގައި
ނެތެވެ. އަދި އެއްފަހަރު ތަކުރާރުކޮށްލާނަމެވެ. އައްޑު އަތޮޅަށްވުރެ
ވަކީން ދެރަވަރު އަތޮޅެއް މިދިވެހި ދިދައިގެ ދަށުގައި ނުވެއެވެ.
މިހެންވާން މެދުވެރިވީ އެހެން ބަޔަކު ކުޅަކަމަކުން ނޫނެވެ. މައްސަލައަކީ
ހަމަ އަހުރެމެންނެވެ. އަހުރެމެންގެ ވިސްނުން ގޯހީއެވެ. އެކުވެރިކަމާއި
އެއްބައިވަންތަކަން ނެތީއެވެ. ދުރަށް ވިސްނުމުގެ އާދަ ނެތީއެވެ.
އިޚުލާސްތެރި ލީޑަރުން ނެތީއެވެ.
ނަތީޖާއަކީ ފަހެ ކޮބައިބާވައެވެ. ނަތީޖާ ވަރަށް ސާފެވެ. އެންމެ
ފަސޭހައިން ހައްލާލެވެނީ އަހުރެމެންނެވެ. އަހުރެމެންނަށް ކޮށްދޭން
ޖެހޭހާވެސް ކަމަކީ މޮޅު ވާހަކައެއް ބުނެލުމާއި ކުލަ މަންޒަރު ފެންނަ
ޒާތުގެ އަނދުނެއް އަޅުވައިލުމެވެ. ހައްދަވައިގެން އިތުރު އެހެންކަމެއް
ނުކުރިޔަސް އަހުރެމެން ތިބޭނީ ފުދިފައެވެ. އަހުރެމެންގެ ތެރޭގައި
މިއޮންނަ ދެ ކުލައިގެ ފިކުރު އޭގެ ވާޖިބު އަދާކުރާހާ ހިނދަކު މިނޫން
އެހެން ހާލަތެއް އަހުރެމެންނަށް ފެންނާނެ ގޮތެއް ނެތެވެ.
މިސާލު ބޭނުންހެއްޔެވެ؟ ގަމުގެ ވައިގެ ބަނދަރަށް ބަލާށެވެ. ދައްކާފައިވާ
ހުވަފެންތަކުގެ އަދަދެއްވެސް ނޭގެއެވެ. އޭގެތެރެއިން ހަގީގަތަކަށް
ހަދައިދެވުނީ ކިތައް ހުވަފެން ބާވައެވެ. މިހާރުވެސް ގަލްފު ކޮބްލާއަކާއި
އަނެއް ކޮބްލާއަކާއި ކޭބަލަކާއި ގުޅިގެން އެތައް އެތައް މަޝްރޫއު
ކުރިއަށް ގެންދާ ވާހަކަ އެބަދައްކައެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގައި
ވައިގެ ބަނދަރު ހެދި ބައެއް ތަންތަން ބައިނަލްއަގުވާމީ ފެންވަރަށް
ތަރައްގީވެ އެކަމުގެ ނަފާ ފެންނަމުންދާއިރު ގަމުގައި ބަދަލުވަނީ
ހަމައެކަނި ނަން ބޯޑެވެ. މަތިންދާބޯޓު ތިރިކުރަން އަދިވެސް އޮތީ މީގެ
ބައިސައްތަ އަހަރު ކުރިން އިނގިރޭސިން އަޅައިދިން ކޮންކްރީޓް ގަނޑެވެ.
ތިޔައިގެ ތެރޭން ގިނަބަޔަކު އެތަނަކާ ދޭތެރޭ ކިބުރުވެރިވާ އިކުއެޓޯރިއަލް
ކޮންވެންޝަން ސެންޓަރުގެ ހާލަތު ދެކޭށެވެ. އެތަނަކީ ބަޔަކު
ކަންދައްކާންވެގެން ކުޅަ އިސްރާފެއްގެ ނަތީޖާއެވެ. ދެމެހެއްޓެނިވި
ގޮތެއްގައި އެތަން ބޭނުން ކުރެވޭނެ ރޭވުމެއް ނެތެވެ. ދައްކާފައިވަނީ
ހައްތާވެސް މޮޅެތި ވާހަކަތަކެވެ. ރޭވުމެއް އޮތީވިއްޔާ އެރޭވުމަކީ
އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ ލެއްވުމެވެ. އެކަން ވަރަށް މޮޅަށް
ކުރިކަމަށް ފެނެއެވެ. އެހެނީ މިހާރު އެހެރަ އީސީސީއަކީ ހަމައެކަނި
ތޮށިގަނޑެކެވެ. އެތެރޭގައި ހުރި އެއްޗަކާއި ސާކްސަމިޓުގެ ނަމުގައި
ގެނައިހާ ތަކެއްޗެއް ގެއްލި ނިމިއްޖެއެވެ.
ގުޅިފައިވާ ރަށްރަށަށް ކަރަންޓުދޭން ގާއިމުކޮށްފައިވާ މަރުކަޒީ
އިންޖީނުގޭގެ ހާލަތު ދެކޭށެވެ. އެތަނުގެ ކަރަންޓެކޭ ބޭރަށް ހިންގާ
ގެރިއެކޭ ތަފާތެއް ނެތެވެ. ފެނަކައިގެ ވެރި ނިމާލުގެ ލަވަޔަކީ އާ
އިންޖީނު "އަންނަނީ އަންނަނީ" އެވެ. މިލަވަ ކިޔާތާ ތިން އަހަރު ވެއްޖެއެވެ.
އެންމެފަހުން 77 ޖެނެރޭޓަރު ގެނެސް ރާއްޖޭގެ އެކި ރަށްރަށަށް ބަހާލިއިރު
އައްޑޫއަށް ފޮނުވާނެ ޖެނެރޭޓަރެއް ނެތެވެ. އައްޑޫއަށް ދިނީ ލިޔުމެކެވެ.
އޭގައި އަނެއްކާވެސް ލިޔެފައި އޮތީ "އަންނަނީ އަންނަނީ" އެވެ. ނިމާލު
ކުރީގައި ބުނަމުން އައީ ގެންނާނީ ދެ މެގަވޯޓުގެ އިންޖީނެއް ކަމަށެވެ.
މިހާރު މިކިޔަނީ ދެމެގަވޯޓު އިންޖީނަކީ ދުނިޔޭގެ އެއްވެސް ކުންފުންޏަކުން
އުފައްދާ އިންޖީނެއް ނޫންކަމަށާއި އެހެންވެ ދެ މެގަވޯޓު އިންޖީނެއް
އުފައްދާދޭނެ ބަޔަކު ވޭތޯ ބަލަމުން އަންނަކަމަށެވެ.
އައްޑޫގެ ދަތުރުފަތުރުގެ ނިޒާމު އޮތް ހާލަތު ދެކޭށެވެ. އެވާހަކައަށް
ނުގޮސް ދަތުރުފަތުރު އިންތިޒާމުކުރުމުގެ އިނާމެއްގެ ގޮތުން އެމްވީކޭއަށް
ދިގު މުއްދަތަކަށްދިން ގަމުގެ ދޫގަސް ގެސްޓް ހައުސްއަށްވީ ގޮތާ ދޭތެރޭ
ފިކުރުކޮށްބަލާށެވެ. އެތަން އެހެރީ މިހާރު ފަޅަށެވެ. ވީރާނާވާން
ދޫކޮށްލެވިފައެވެ. ހަމަ ރަގަޅަށް ހިގަހިގައި ހުރި ތަނެއް ވީރާނާ
ވަނީއެވެ. ވިސްނައި ފިކުރުކުރާ ބަޔަކު ތިބީވިއްޔާ ކަރުނަ އަޅައި ރޯން
ޖެހޭވަރުގެ ކަމެކެވެ.
ރާއްޖޭގެ އެންމެ ބައިބޯ ދެވަނަ ސަރަހައްދުގެ ރައްޔިތުންނަށް ޚިދުމަތްދޭން
އެހެރަ ހަސްފަތާލެއް ބަލައިލަ ބަލާށެވެ. ޓާރޝަރީ ޓާރޝަރީ ކިޔާލަ ކިޔާލަ
ތިއްބާ ވާނެއެތި ވެނިމެނީއެވެ. އެތަނެކޭ އާދައިގެ ރަށެއްގެ ސިއްހީ
މަރުކަޒެކޭ ތަފާތެއް ނެތެވެ. ތިނަދޫ އާއި ކުޅުދުއްފުށި ކަހަލަ
ރަށްރަށުގައި ގާއިމް ކުރެވިފައިވާ ސަރަހައްދީ ހަސްފަތާލުތައް
ބަލައިބަލާށެވެ. އެތަންތަނުގެ ފެންވަރު މާބޮޑަށްވެސް ރަގަޅެވެ.
އިމާރާތްވެސް ރަގަޅެވެ. މުވައްޒަފުންވެސް ރަގަޅެވެ. ހުރިހާކަމެއް ވެސް
ރަގަޅެވެ. އެކަމަކު އަހުރެމެން މިތިބީ ޓާރޝަރީ ލަވައެއްގެ މަސްތުގައި
ޖެހި ދީވާނާވެ އަވަދިވެފައެވެ.
ހެރެތެރެ ކުރިއަށްދާ ގޮތާ ދޭތެރޭ ޚިޔާލުކޮށްބަލާށެވެ. އެއްފަހަރު
ހުޅުވާނެއެވެ. އަނެއްފަހަރު ލައްޕާނެއެވެ. މުސާރަ ލިބޭނެއެވެ.
އަނެއްފަހަރު ނުލިބޭނެއެވެ. އެތަން އެހިގަނީ ރާއްޖޭގެ އެހެން އެއްވެސް
ރިސޯޓެއް ހިގާގޮތަށް ނޫންކަން ދެނެގަންނާކަށް މާބޮޑު ދިރާސާއެއް ބޭނުމެއް
ނޫނެވެ. މިހެން މިވަނީ ބައެއްގެ އިހުމާލުން ނޫންކަމަށް ބުނާ މީހަކު
ހުރިނަމަ އެމީހަކު އެހެރީ އުރެދިފައެވެ. އާއެކެވެ. ހެރެތެރެ ނުހިގާ އޮތީ
އެންމެ ސަބަބެކެވެ. އެސަބަބަކީ ބަޔަކު މިކަން ކުރާން ނޫޅުމެވެ. ކުރާން
އުޅުނަސް އެކަން ވިޔަނުދޭން ބަޔަކު ފައިވިއްދާފައި ތިބުމެވެ.
މިހެން މިވަނީ ރާއްޖޭގެ އެހެން އަތޮޅުތަކުގެ މީހުންނާއި އަހުރެމެންގެ
ވިސްނުމުގައި ހުރި ތަފާތަކުންނެވެ. ތަރައްގީއާ ގުޅޭ ކަންކަމުގައި
އެއްގަލަކަށް އެރުމުގެ ވިސްނުމާއި ކުޅަދާނަކަން އެހެން އަތޮޅުތަކުގައި
އެބަހުއްޓެވެ. މީގެ މިސާލަކީ ކުޅުދުއްފުށީގެ ހަސްފަތާލުގެ
ތަރައްގީއަށްޓަކައި ދާދިފަހުން އެރަށުގެ ރައްޔިތުން ފާޅު ކުރި
ޝުއޫރުތަކެވެ. ރީނދުލެއް އަސުރުމަލެއް އިސްތިސްނާ ނުވެ އެންމެން ދެއްކީ
އެއްބައިވަންތަކަމެވެ. އަޅެ ވިސްނައިބަލާށެވެ. މިއީ އައްޑޫގައި
ކުރެވިދާނެ ކަމެއް ބާވައެވެ؟ އަހުރެން ކެރިހުރެގެން ބުނަމެވެ.
ނުކުރެވޭނެއެވެ. އަސުރު މަލާއި ރީދޫ މާ އަހުރެމެންނަށް މާ މުހިއްމެވެ.
އެހެންވީމާ އެއްބަޔަކު އަނެއްބަޔަކަށް ހުރަސް އަޅައި އެއްވެސްކަމެއް
ވިޔަކަ ނުދޭނެއެވެ.
އެއްގަލަކަށް ނާރާނެކަން އަދި ނޭރޭނެކަމާއި އެރިޔަވެސް ނުދޭނެކަމުގެ
މިސާލެއް ދައްކާނަމެވެ. އައްޑު އަތޮޅުގެ ކަރަންޓުގެ ކަންތަކުގައި
މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު މަވޯޓާ ޝަރީފާއި މީދޫ ދާއިރާގެ
މެންބަރު ރޮޒޭ އިސްކޮށް ތިއްބަވައިގެން މަޖިލީހަށް ވެއްދެވި މައްސަލަ
އެތަނުން ބޭރުވީގޮތާ ދޭތެރޭ ވިސްނާށެވެ. އެމައްސަލަ ބޭރުވީ ފޭދޫ ދާއިރާގެ
އައިބީ އާއި ހުޅުދޫ ދާއިރާގެ ޝާޑުގެ ވޯޓުންނެވެ. އަޅެ ރޮޒޭ އާއި މަވޯޓާ
އުޅުއްވީ އެދެ ބޭފުޅުންގެ އަމިއްލަ ގެދޮރަށް ކަރަންޓު ދޭން ބާވައެވެ.
އެހެންކަމަށް ވެއްޖިއްޔާ ދެން ދައްކާނެ ވާހަކައެއް ނެތެވެ.
ރޮޒޭއާއި ޝަރީފު މަޖިލީހުގައި ކުރައްވާކަމަކީ އެކިއެކި ވަޒީރުން
ހާޒިރުކުރައްވައި ސުވާލު ކުރެއްވުމެވެ. ބައެއްފަހަރު ޖެއްސުން ކުރުންވެސް
އެކުލެވޭ ގޮތަށެވެ. މިހެންވީމާ ވާގޮތަކީ މީދޫ ދާއިރާއާއި މަރަދޫ ދާއިރާ
ސަރުކާރުގެ ޕްލޭންތަކުގެ ޗާޓުން ފޮހެވޭގޮތްވުމެވެ. ހުޅުމީދޫ ސިއްހީ
މަރުކަޒުގެ ލޯންޗު ނިޒާމުން ގެއްލުމާއި ޑޮކްޓަރުން ނުލިބުންފަދަ ކަންތައް
ގުޅިފައިވަނީ މިމައްސަލައާއެވެ. އެކަމަކު ރޮޒޭ އަށް މިއީ މައްސަލައެއް
ނޫނެވެ. ސުރުޚީތަކުން ރޮޒޭއަށް ޖާގަ ލިބޭކަމުގައި ވަނީނަމަ އަދި
ސަރުކާރަށް މެސެޖުދެވޭކަމުގައި ވަނީ ނަމަ ދެން އޭނާއަށް އެންމެ
ރަގަޅުވާނެތާއެވެ.
ހަމަފިސާރި ތެދެކެވެ. ހަނިމާދޫ ޝަހުދީ އާއި ބިލެތްދޫ މުބީނާއި
ފުވައްމުލަކު ފައިސަލް ނަސީމު ފަދަ މަޖިލީހުގެ މެންބަރުން އެބޭފުޅުންގެ
ދާއިރާގެ ކަންތަކާއި އެނޫންވެސް ކަންތަކުގައި އުޅުއްވާގޮތް ފެނިފައި
އައްޑޫ މެންބަރުންނާ މެދު އަހުރެން ލަދުގަނެއެވެ. ހިތަދޫ އުތުރު މެންބަރު
އަސްލަމް ކޮބައިހެއްޔެވެ؟ މެދު މެންބަރު ބުރިގޭޑިއާ ޖެނެރަލް ކޮބައި
ހެއްޔެވެ؟ މިއީ އަހުރެންގެ ސުވާލެއް ނޫނެވެ. މިއީ ރައްޔިތުން ކުރާ
ސުވާލެވެ. މީޑިއާއިން ކުރާ ސުވާލެވެ.
އަހުރެމެންގެ ތެރޭގައި އެމީހެއްގެ ބަސް އަހުރެމެންގެ ގިނަ ބަޔަކު
ގަބޫލުކުރާ ލީޑަރަކު އެބަހުރިހެއްޔެވެ؟ ނެތެވެ. އަހުރެމެންގެ ތެރޭގައި
އެފަދަ މީހަކު ނެތެވެ. އަހުރެމެން ގަބޫލުކުރަނީ ފިކުރުތަކެކެވެ.
އެފިކުރުތަކުގެ ވެރިން ތިއްބަވަނީ މާލޭގައެވެ. އަހުރެމެންގެ ތެރޭގައި
ތިބެނީ އެފަދަވެރިން އަންގަވާ އެންގެވުންތައް އެއްވެސް
ވިސްނުމަކާއިނުލައި ތަންފީޒުކުރަން ރުހޭ ޒާތުގެ ރޮބޮޓް ތަކެކެވެ. އެއީ
އަހުރެމެންގެ އަތޮޅުގެ ވެރީންގެ ހާލަތެވެ. ދެން މިވާގޮތަކީ މާލޭގައި
ހުންނަވާ ކޮންމެވެސް ފިކުރެއްގެ ލީޑަރު ތިޔަ އަތޮޅުގައި ހުޅުޖަހައި
އަންދާލާށޭ އަންގަވައިފިނަމަ އެކަންވެސް ކޮށް ނިންމާލަނީއެވެ. މިސާލެއް
ބޭނުންކަމުގައި ވަނީނަމަ ފެބްރުއަރީ ހަތެއް އަށަކަށް ރުޖޫއަވާށެވެ.
އަހުރެންގެ އަޚުންނޭވެ. މާތްކަލާގެ ރަސްކަންފުޅަށްޓަކައި ބުނާތެދެކެވެ.
މިވާހަކަ ދެއްކުމުގައި އަހުރެން ބުރަވާ ސިޔާސީ އެއްވެސް ފިކުރެއް ނެތެވެ.
އަހުރެންގެ ފިކުރަކީ އައްޑޫގެ ކުރިމަގެވެ. ކުރިމަގު އުޖާލާވާން އޮތީ
އަހުރެމެން ވިސްނާގޮތަށް ބަދަލު އައިސްގެންނެވެ. ދޮންރަހާބެޔާގެ
އަބްދުﷲދީގެ މުއްސަނދިކަމާއި ޝައިޚު ހުސައިން ރަހާގެ އިލްމުވެރިކަމާއި
ދީދީގެ އަބްދުﷲ ދީގެ ހިލްމާއި ފެންނާ މަނިކުފާނުގެ ހުޝިޔާރު ވިސްނުމާއި
ކަތީބު ދޮންރަހާގެ ހިކުމަތަކީ މާޒީއެވެ. އެއަކުން އަހުރެމެންނަށް މިއަދު
ކުރާނެ ފައިދާއެއް ނެތެވެ. މިއަދާއި މާދަމާ އުޖާލާވާން އޮތީ އަހުރެމެންގެ
ބުރަ މަސައްކަތުންނެވެ. ސިޔާސީ ވިޔަސް އަދި ސިޔާސަވިޔަސް މި ހަގީގަތް
ހަނދާން ނައްތާނުލުން ބުއްދިވެރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ