ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖައްސާފައިވާ އިންތިޒާމުގެ ނާޖާއިޒު ފައިދާ ނުނެގުމަށް ވެމްކޯއިން އިލްތިމާސްކޮށްފި

ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖައްސާފައިވާ އިންތިޒާމުގެ ނާޖާއިޒު ފައިދާ ނުނަގައި ކޮމާޝަލް ވިޔަފާރިތަކުން ރަޖިސްޓްރީވެ ހިދުމަތް ހޯދުމަށް ވެމްކޯއިން އިލްތިމާސްކޮށްފިއެވެ.
ވެމްކޯ އިން ކުރި ޓުވީޓެއްގައި ބުނީ މިހާރު މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވުމާ ގުޅިގެން އާންމު ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖައްސާފައިވާ އިންތިޒާމުގެ ތެރެއިން ކޮމާޝަލް ވިޔަފާރިތަކުން އޭގެ ނާޖާއިޒް ފައިދާ ނަގަމުންދާކަން ފާހަގަކުރެވޭ ކަމަށާއި އެކަމުގެ އުނދަގޫ އެކުންފުނީގެ މުވައްޒަފުންނަށް ވަމުންދާ ކަމަށެވެ. ސަބަބަކީ މިދުވަސްކޮޅު އެކުންފުނިން ހިދުމަތްދެމުން އަންނަނީ މަދު މުވައްޒަފުން ނެރެގެން ކަމަށްވާއިރު އެގޮތަށް އަމަލު ކުރުމުން ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
ވެމްކޯ އިން ބުނީ އެފަދަ ބައެއް ތަންތަނުން އާންމުން ނެރެފައި ހުންނަ ކުނިތަކުގެ ތެރެއަށް އެތަންތަނުގެ ކުނިތައްވެސް ލާފައި ހުންނަ ކަމަށެވެ. އެހެންކަމުން ކުނި އުކާލަން ޖެހޭ ހުރިހާ ތަނަކުން ވެސް އެކުންފުނީގައި ރަޖިސްޓްރީވުމަށް ވެމްކޯއިން ވަނީ އެދިފައެވެ. މީގެ ކުރިންވެސް އެކުންފުނިން ވަނީ ކޮމާޝަލް ވިޔަފާރިތަކުން ރަޖިސްޓްރީވުމަށް އެދިފައެވެ.
މާލެ ސަރަހައްދުން ގާތްގަނޑަކަށް 36000 ގޭބިސީތައް ކުނި ނެގުމަށް ރަޖިސްޓްރީވެފައިވާ އިރު މިސަރަހައްދުގައި 12000 ކޮމާޝަލް ވިޔަފާރިތައް ހިންގާކަމަށް ވެމްކޯ އިން ލަފާކުރެއެވެ. ނަމަވެސް އޭގެތެރެއިން އެކުންފުނީގައި ރަޖިސްޓްރީވެފައިވަނީ މަދު ފިހާރަތަކުން ކަމަށްވެސް ވެމްކޯ އިން ބުންޏެވެ.
ލޮކްޑައުން ދުވަސްވަރުގައި ގޭބިސީތަކުގެ ކުނި އެ ގެއެއްގެ ބޭރަށް ނެރުމުން ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން މެންދުރުފަހު 2:00އަށް ކުނިތައް ނެރެފައި ބެހެއްޓުމުން ވެމްކޯއިން ކުނި އުކާލުމުގެ ހިދުމަތްދެމުން ގެންދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ