މައުމޫން ހަމީދަށް ވޯޓު ނުދީ، މުހުތާޒަށް ވޯޓު ދެވޭ ގޮތަށް އެމްޑީޕީން ނިންމައިފި

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނީ ވަކީލް މައުމޫން ހަމީދަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް މެމްބަރުން ވޯޓު ނުދިނުމަށާއި ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު މުހުސިން ޕީޖީގެ މަގާމަށް އައްޔަން ކުރަން ވޯޓު ދެވޭ ގޮތަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން މިރޭ ފާސްކޮށްފި އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އެގޮތަށް ފާސް ކުރީ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ހުށަހަޅުއްވައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އެ ހުށަހެޅުވުމަށް ދާއިރުކޮށް، ޕާލަމެންޓްރީ ގްރޫޕުގެ އަގުލަބިއްޔަތު ލިބުމުންނެވެ.
ޕީޖީގެ މަގަމަށް މީހަކު އައްޔަން ކުރުމަށް މާދަމާ މަޖިލީހުގައި ނަގާ ވޯޓުގައި އެމްޑީޕީގެ މަޖިލިސް މެމްބަރުން ބައިވެރިނުވެ، ވޯކްއައުޓް ކުރުމަށް ވެސް ޕާލަމެންޓްރީ ގްރޫޕުގެ މިރޭގެ ބައްދަލުވުމުގައި ހުށަހެޅި އެވެ. ނަމަވެސް އެ ހުށަހެޅުން ފާހެއް ނުވެ އެވެ.
މައުމޫން ހަމީދާއި މުހުތާޒު މުހުސިނަށް ރުހުން ނުދިނުމަށް ނިންމައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ކޮމެޓީ ރިޕޯޓަށް ފާސްކުރަން ވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިރޭ ނިންމި އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މޫސާ މަނިކު މިރޭ "ސަން"އަށް ވިދާޅުވީ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން މަޖިލީހުގައި މާދަމާ ނަގާ ވޯޓުގައި އެމްޑީޕީން ބައިވެރި ނުވުމަކީ ހައްލެއް ނޫން ކަަމަށެވެ. އަދި އެ ވޯޓުގައި ބައިވެރިނުވާން ހުށަހެޅި ހުށަހެޅުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ގިނަ މެމްބަރުން ދެކޮޅު ހެެއްދެވި ކަމަށް މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވި ގޮތުގައި މައުމޫން ހަމީދަށް ވޯޓު ނުދޭން އެމްޑީޕީން ނިންމީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އޭނާއަށް ތާއިދު ކުރައްވާތީ ކަމަށެވެ. އަދި މުހުތާޒަށް ވޯޓު ދެވޭ ގޮތަށް ފްރީ ވިޕެއް އެ ޕާޓީގެ ޕީޖީ ގްރޫޕުން ނެރުނީ ޕީޕީއެމުން މުހުތާޒާމެދު އަމަލު ކުރާނެ ގޮތެއް ނޭނގޭތީ ކަމަށް މޫސަ ވިދާޅުވި އެވެ.
މުހުތާޒަށް ވޯޓު ދިނުމަކީ އިހްތިޔާރީ ކަމެއްގެ ގޮތުގައި އެމްޑީޕީގެ 23 މެމްބަރުންގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި ވަނީ އޭނާއަށް ވޯޓު ދިނުމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ތުރީލައިން ވިޕެއް ނެރެފައި ވަނިކޮށެވެ. މުހުތާޒަށް ވޯޓުދޭން ޕީޕީއެމުން ނެރުނު ތުރީލައިން ވިޕަށް ތާއިދު ކުރާނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއިން ވެސް ވަނީ ބުނެފަ އެވެ.
ޕީޖީގެ މައްސަލާގައި ޖުމްހޫރީ ޕާޓީން އަމަލު ކުރާނެ ގޮތެއް އަދި ނިންމާފައެއް ނުވެ އެވެ. މިރޭ ބޭއްވި ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި ވެސް ވަނީ ވަކިގޮތެއް އެ މައްސަލައަށް ނުނިމި ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުން ނިންމާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ