ކޯވިޑުގެ ސަބަބުން އާމްދަނީއަށް އަސަރުކުރި މީހުންނަށް އައިސީޓީ ދާއިރާގެ ކޯސްތަކެއް

"ކޯވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ ދަށުން ކޯސްތައް ހިންގުމަށް އިކޮނޮމިކް މިނިސްޓްރީން 5 ފަރާތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއެކޮށްފައިވަނީ މި މަޝްރޫޢުގެ ދަށުން ހިންގަމުންދާ އަޕްސްކިލިންގއާއި ޓްރެއިނިންގ ޕްރޮގްރާމްގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ދާއިރާއާ ގުޅޭ ކޯސްތައް ހިންގާ ފަރާތްތަކާއިއެކުގައެވެ.
މި އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް ނީޒާ ޢިމާދެވެ.  މި މަޝްރޫޢުގެ ދަށުން ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމަށް މިނިސްޓްރީއާއެކު އެއްބަސްވުމުގައި ސޮއެކޮށްފައިވާ ޔުނިވަރސިޓީތަކަކީ އެވިޑް ކޮލެޖް، ސައިރިކްސް ކޮލެޖް، އެމް.އައި. ކޮލެޖް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި ވިލާ ކޮލެޖެވެ.
މި އެއްބަސްވުމުގެ ދަށުން އައި.ސީ.ޓީގެ ދާއިރާއިން ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ މައިގަނޑު 4 ދާއިރާއަކުންނެވެ. އެއީ ކްލައުޑް، ސައިބަރ ސެކިއުރިޓީ، ވެބް ޑިޒައިން، ޑިވޮލޮޕްމަންޓް، ސަރވާ އަދި ނެޓްވޯކިންގ ގެ އިތުރުން މަލްޓިމީޑިއާގެ ދާއިރާއިންނެވެ.
އަޕްސްކިލިންގ އެންޑް ޓްރެއިނިންގ ޕްރޮގްރާމުގެ މަޤްސަދަކީ ކޯވިޑް-19 އާ ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ މީހުން ވަޒީފާގެ ބާޒާރަށް ނިކުތުމަށް ބޭނުންވާ ހުނަރާއި ތަމްރީނު ފޯރުކޮށްދިނުމާއެކު ވަޒީފާގެ ފުރުޞަތު ހޯދުމަށް މަގުފަހިކޮށްދިނުމެވެ. އައި.ސީ.ޓީ ދާއިރާގެ އިތުރުން މި ޕްރޮގްރާމުގެ ދަށުން އެކައުންޓިންގ އަދި ޑައިވިންގ ދާއިރާއިން އެތަކެއް ފުރުސަތުތަކެއް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރ މެދުވެރިކޮށް މިހާރު ވެސް ވަނީ ހުޅުވާލައި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ