މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީއްޖާ އިއުލާން ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ހައިކޯޓުން މިގޮތަށް ނިންމީ އިންތިހާބުގައި ވޯޓް ލީ މީހުންގެ ލިސްޓާއި ނަތީޖާ ޝީޓްތައް ހޯދުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާގައިވާ މައްސަލައިގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުން ފަސް ކުރުމުގެ އަމުރަކަށް އެދުމާއި ގުޅިގެންނެވެ.
ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ މައްސަލައަކީ "ރިޔާސީ އިންތިޚާބުގެ ގަވާއިދު 2013" ގެ 17 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކޮށްފައިވާ ވޯޓުދިން މީހުންގެ ރަޖިސްޓްރީ ހޯދުން ކަމަށްވެފައި، އެ ޤަޒިއްޔާ އާއި ގުޅިގެން އެދިފައިވާ ވަގުތީ އަމުރަކީ، ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި ދާއިމީ ނަތީޖާ އިޢުލާން ކުރުން ފަސްކުރުމުގެ އަމުރަކަށް ކަމަށްވާތީ، ހުށަހެޅިފައިވާ މައްސަލައަށާއި ވަގުތީ އަމުރަށް އެދިފައިވާ ސަބަބުތަކުގެ މައްޗަށާއި، ވަގުތީ އަމުރު ނެރުމާއި ވަގުތީ ފިޔަވަޅު އެޅުމުގައި ޢަމަލު ކުރުމަށް ކަނޑައެޅިފައިވާ ގަވާޢިދަށް ރިޢާޔަތްކޮށް ބެލުމުން، އެދިފައިވާފަދަ ވަގުތީ އަމުރެއް ނެރެންޖެހޭފަދަ ސަބަބެއް މިހިނދުން މިހިނދަށް ވުޖޫދުވެފައި އޮތްކަމަށް ފަނޑިޔާރުންނަށް ނުފެންނަ ކަމަށެވެ.
އާންމު އިންތިހާބުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ވޯޓުލުން ބާއްވާ ދުވަހުން ފެށިގެން ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ރަސްމީ ނަތީޖާ އިއުލާންކުރަންޖެހެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނި ގޮތުގައި އަންނަ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނާތީޖާ އިއުލާންކުރާނެ އެވެ.
ހައި ކޯޓަށް ޖޭޕީން ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުމެއް އާދީއްތަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ.
ރަސްމީ ނަތީޖާ އިއުލާން ކުރުން ފަސްކުރުމުގެ އަމުރެއް ކޯޓުން ނުނެރުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ