ޖުމްހޫރީ ޕާޓީއަށް 30،000 މެމްބަރުން ހަމަވެއްޖެ: ގާސިމް

ޖުމްހޫރީ ޕާޓީގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާ އިރު މިއަދަކީ އެ ޕާޓީ އަށް 30،000 މެމްބަރުން ހަމަވި ދުވަސް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ޕާޓީގެ ޖަގަހައިގައި ހާއްސަ ކޭކެއް ފަޅުއްވައިދެއްވުމަށް ފަހު މީޑިޔާ އާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާ ކަމަށެވެ. އެގޮތުން، އެ ޕާޓީ އަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލިބެމުންދާ ތާއީދު ފެންނަމުންދާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"މި 30،000 މެމްބަރުންނެއް އަދި އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިގެން ނުދޭ. އަޅުގަނޑުމެން އަތުގައި ހުރި ފޯމްތަކާއި އަދި އަޅުގަނޑުމެންގެ ދަފްތަރުގައި މިދެންނެވި އަދަދަށް ހުރި ކަމަށް މި ދަންނަވާލީ،" އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ފުރަތަމަ ފަސް އަހަރަކީ ކޮންމެ ކަމެއްގައި ވެސް އަންނާނެ އެންމެ އުދަނގޫ ދުވަސްވަރެވެ. ނަމަވެސް، އެ ދުވަސްވަރު ފަހަނައަޅާ ގޮސް، ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ޕާޓީ އަށް ޖުމްހޫރީ ޕާޓީ ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރަށްވުރެ ބޮޑު ކާމިޔާބީތައް ހާސިލްކުރެވެމުންދާ ދުވަސްވަރެއް ޖުމްހޫރީ ޕާޓީގެ ހަޔާތުގައި އައިސްފައި ނުވާ ކަމަށާއި ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައްޔިތުން އެންމެ އިތުބާރު ކުރާ ޕާޓީއަކަށް އެޕާޓީ ވެފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ޕާޓީގެ ނައިބު ލީޑަރުންނަށާއި އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާއި އަދި ވަރަށް ހާއްސަކޮށް ޕާޓީ އުފެއްދުމުގައި އުޅުނު ހުރިހާ ބޭފުޅުންނަށް މި ފުރުސަތުގައި އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން. އަދި ޕާޓީގެ ކުރިއެރުމަށް މަސައްކަތް ކޮށްދެއްވަމުން ގެންދަވާ އެންމެހާ ބޭފުޅުންނަށް ވެސް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގައި ޖުމްހޫރީ ޕާޓީ ރަޖިސްޓްރީ އޮގަސްޓް 3، 2008ގަ އެވެ. ގާސިމް ވިދާޅުވީ އެ ޕާޓީގެ އަހަރީ ދުވަހަކީ އިއްޔެ ނަމަވެސް ރޭ އެއްވެސް ހަރަކާތެއް ނުބޭއްވީ ރަމަޟާން މަހުގެ 27 ވިލޭރޭ ކަމަށް ވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ