ގާނޫނާ ހިލާފުވާ ސިޔާސީ ޕާޓީތަކާ މެދު ފިޔަވަޅު އެޅުމުގައި އިލެކްޝަންސް ކޮމިޝަނުން ތަފާތު ކުރުންތައް ގެންގުޅޭތީ އެކަން ފާހަކޮށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ސިޓީ ފޮނުވީ ކޮމިޝަންގެ އެހެން މެމްބަރުންނަށް ވެސް އެނގިވަޑައިގެން ކަމަށާއި އެއީ އަމިއްލަ ހައިސިއްޔަތުން ފޮނުއްވި ސިޓީއެއް ނޫން ކަމަށް އޭގައި ސޮއިކުރެއްވި އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަބްދުލްކަރީމް މިއަދު ވިދާޅުވެއްޖެ އެވެ.އެ ސިޓީ ފޮނުވާފައި ވަނީ ކޮމިޝަނުގެ އެންމެ މެމްބަރަކު ކަމަށާއި އެކަމާ
ހިތާމަކުރައްވާ ކަމަށް އެޗްއާރުސީއެމުން ބުނެފައިވާ ކަމަށް އިލެކްޝަންސް
ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ވެސް ވަނީ ވިދާޅުވެފަ އެވެ.އެހެން ނަމަވެސް އަހުމަދު ވަނީ އެ ހުރިހާ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. "ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި އަހުމަދު ވިދާޅުވީ އޭނާ އަކީ ދުވަހަކު ވެސް ޒާތީ ގޮތުން މިހާތަނަށް ކަންތައްތައް ކުރައްވާފައިވާ ބޭފުޅެއް ނޫން ކަމަށާއި ކުރިމަގުގައި ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި އެކި ޕާޓީތަކާ މެދު އިލެކްޝަންސް ކޮމިޝަނުން ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ބުނެ ހުށަހެޅި ގިނަ ޝަކުވާތަކަކާ ގުޅިގެން އެޗްއާރުސީއެމްގެ މެމްބަރުންގެ މެދުގައި އެކަމާ މަޝްވަރާ ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "ގިނަ ޝަކުވާތަކެއް އަޅުގަނޑުމެންނަށް ލިބިފައި ހުރުމުން ކޮމިޝަންގެ މެމްބަރުންގެ މެދުގައި މަޝްވަރާކޮށް ނިންމީ އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސަށް ރަސްމީކޮށް ސިޓީއެއް ފޮނުވުމަށާއި އޭގެ ހަބަރެެއް ވެބްސައިޓަށް ލުމަށް. އެގޮތަށް ނިންމީ އެ ދުވަހުގެ ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުން. ދެން ކޮމިޝަނުން މުއައްސަސާތަކަށް ފޮނުވާ ސިޓީތަކުގައި ސޮއިކުރަނީ ކޮމިޝަންގެ ކޮންމެވެސް މެމްބަރެއް. އެގޮތުގެ މަތިން އަޅުގަނޑު ސޮއިކުރީ. ކޮމިޝަންގެ އެއްވެސް މުވައްޒަފަކު ރަސްމީ ލެޓާހެޑްގައި ސޮއެއް ނުކުރާނެ،" އަހުމަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެޗްއާރުސީއެމުން ނިންމާ ނިންމުންތައް ތަންފީޒު ކުރަނީ އެތަނުގެ ސެކްރެޓެރިއޭޓުންނެވެ. އަދި މެމްބަރުން ނިންމާފައިވާ ނިންމުމަކާ މެދު އަލުން ރުހުން ހޯދަން ނުޖެހޭ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ. "އިލެކްޝަންސް ކޮމިޝަންގެ ރައީސް އެބަ ވިދާޅުވޭ އެޗްއާރުސީއެމްގެ ދެ މެމްބަރަކު އެސްއެމްއެސް ކުރައްވާފައި ވިދާޅުވިއޭ ސިޓީގައި ވަނީ ރަސްމީ އެންގުމެއް ނޫނޭ. އެހެންވެ އެއަށް އަމަލު ކުރަން ނުޖެހޭނެއޭ. އެކަމާ އަޅުގަނޑު ވަރަށް ހިތާމަކުރަން. އެއީ ކޮމިޝަންގެ މުވައްޒަފުންނަށް ވެސް ދެވޭ
ވަަށް ބޮޑު ނިކަމެތި ކަމެއް. މުވައްޒަފުންގެ ބޮލުގައި އިލްޒާމް އެޅުވުމުގެ ފުރުސަތު އެބަދެވޭ އެހެން ހެދުމުން. މުއައްސަަސާތަކަށް ސިޓީ ފޮނުވުމުގެ ކަންތައް ކުރަމުންދާނީ ކޮމިޝަންގެ ސެކްރެޓޭރިއޭޓްގެ މުވައްޒަފުން،" އަހުމަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮމިޝަނުން ރަސްމީކޮށް ނިންމާފައިވާ ކަމަކަށް އަމަލު ނުކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވުމުން އެއީ އެޗްއާރުސީއެމްގެ "ގާނޫނުގެ ބާރު ކެނޑުވުން" ކަމަށް ބަލާނެ ޖާގަ އެބައޮތް ކަމަށެވެ. އަދި އެކަމާ ވަރަަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށް އަހުމަދު ވިދާޅުވި އެވެ. އެޗްއާރްސީއެމުން އިލެކްޝަންސް އަށް ފޮނުވި ސިޓީއެއްގައި ބުނީ ގާނޫނާ
ގަވައިދާ ހިލާފަށް ސިޔާސީ ޕާޓީތަކުން ކުރާ ކަންތައްތަކަށް އިލެކްޝަންސް
އިން ފިޔަވަޅު އެޅުމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ތަފާތުކުރާކަން
ފާހަގަ ކުރެވިފައިވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނަކީ ދައުލަތުގެ
މުއައްސަސާއަކަށް ވެފައި ޕާޓީތަކުން ކުރާ ގަވައިދާ ހިލާފު އަމަލުތަކާ މެދު
އިންޒާރުދީ ފިޔަވަޅު އަޅާާއިރު ތަފާތު ކުރުމެއް ނެތި ހަމަހަަމަ އުސޫލަކުން
ފިޔަވަޅު އެޅުމަށް އެ ސިޓީގައި ގޮވާލާފައިވެ އެވެ. އެޗްއާރުސީއެމްގެ ރައީސް މަރިޔަމް އަޒްރާ ހައްޖަށް ވަޑައިގެން އުޅުއްވާތީ މި ވަގުތު ކޮމިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ތޮލާލް "ހަވީރަ"ށް ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއަކީ އެ ކޮމިޝަނުން ތަންކޮޅެއް ކުރިން މަޝްވަރާ ކޮށްފައިވާ ކަމެއް ކަމަށެވެ. އެއީ "މިހާލަތާ" ގުޅޭ ކަމެއްގައި މަޝްވަރާކުރި ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ތޮލާލް ވިދާޅުވީ ސެޕްޓެމްބަރު ހަތެއްގައި ބޭއްވި ރިޔާސީ އިންތިހާބު ކުރިއަށް ދިޔައީ އިލެކްޝަންސް ކޮމިޝަނުގެ މައްސަލައެއް ނެތި އިންސާފުވެރިކަމާ އެކުގައި ކަމަށާއި އެހެންކަމުން މި ފަހަރު ވެސް އެ ޔަގީންކަން އެ ކޮމިޝަނުގެ މައްޗަށް އެބައޮތް ކަމަށެވެ.
އަމިއްލަ ހައިސިއްޔަތުން އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ނުފޮނުވަން: އަހުމަދު އަބްދުލްކަރީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ