އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 11

އެގާރަވަނަ ބައި
"އީރަން ރުހުނަސް ނުރުހުނަސް ތި ލޯބި ހާސިލްކުރަން ފަހު ނޭވައަށް ދަންދެން އަހަރެން މަސައްކަތްކުރާނަން" ފަސްއެނބުރި ހިނގައިގަތް އިރާނިޔާގެ ފިޔަވަޅުތަކަށް މިފަހަރުވެސް ލަސްކަމެއް އައީ އާޝިދްގެ ދުލުން ބޭރުވި ބަސްތަކެއްގެ ސަބަބުންނެވެ. ނަމަވެސް މިފަހަރު އޭނާ ބަލައެއްނުލިއެވެ. ދިޔަގޮތަށް ދިޔައީއެވެ.
ނިމިގެން ހޮސްޕިޓަލުން ބޭރަށް ނިކުމެވެންދެންވެސް އިރާނިޔާ ހުރީ ކަރުނަތައް ހިފަހައްޓާލައިގެންނެވެ. ހޮސްޕިޓަލުން ދިމާވި އެތައް ބަޔަކު އޭނާ އެކަނި އައިސް އިނުމުން އެކަމާއި ސުވާލުކުރިއެވެ. އޭނާގެ ފަރާތުން ޖަވާބެއް ނުލިބުނަސް އުނޭޝް އިތުރު ކައިވެންޏެއްކުރި ކަމާއި އިރާނިޔާއާއި މެދު އުނޭޝް ކަންތައްކުރަނީ ރަނގަޅަށް ނޫންކަން ބައެއް މީހުންނަށް އިނގެއެވެ. އެވަގުތުތަކުގައިވެސް އިރާނިޔާ މަސައްކަތްކުރީ އުނޭޝްގެ ކުށެއްނެތްކަން އެމީހުންނަށް ހާމަކުރުމަށެވެ.
ޑިޔުޓީއަށް އައި ޒަމްހާއަށް އިރާނިޔާ ފެނުނީ ހޮސްޕިޓަލް ކައިރިން އެކަނި ހިނގާފައި ދަނިކޮށެވެ. ވަގުތުން އޭނާ އިރާނިޔާ ހުއްޓުވިއެވެ.
"މިތަނުގައި ރާނީ މަޑުކޮށްލާ. އަހަރެން ވަރަށް އަވަހަށް މިނިކުންނަނީ؟" ބަހެއް ނުކިޔަސް އިރާނިޔާގެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ޒަމްހާއަށް ފެނި ކަމެއް ގޯސްވެއްޖެކަން އިނގުނެވެ. ޒަމްހާ ބުނި ފަދައިން އިރާނިޔާ އެތަނުގައި މަޑުކޮށްލައިގެން ހުއްޓެވެ.
އިރާނިޔާ ގޮވައިގެން ޒަމްހާ ވަނީ އައިސްކޯނަށެވެ. މީހުން މަދު ހިސާބެއްގައި އިރާނިޔާ ބައިންދާފައި ޒަމްހާ ފަރުވާތެރިކަމާއެކު އިރާނިޔާގެ މޫނަށް ބަލައިލިއެވެ.
"ބޭބީ ރަނގަޅުތަ؟ ކީއްވެ އެކަނި އައީ؟ ޙާއިޝާއްތައަށް އިނގޭތަ އެކަނި އައިކަން" ހުރިހާ ސުވާލުތަކެއް އެއްފަހަރާ ޒަމްހާ ކުރިއެވެ.
"ﷲ އިރާދަކުރެއްވީތީ ބޭބީ ރަނގަޅު. ޒަމް! އަހަރެން ވަރަށް ނަސީބުދެރަ ދޯ. އަހަރެންނާއެކު މިހާ ވަގުތުކޮޅަކަށްވެސް އުނޭއަށް ނާދެވުނު" އިރާނިޔާއަށް ރޮވިއްޖެއެވެ.
"އެތަނުގައި ތިބި ހުރިހާ މީހުން އެދެއްކީ އެވާހަކަ. އަހަރެން ނޫން އެހެން ހުރިހާ މީހުން ކައިރީގައި އެހީތެރިން ތިބި" އިރާނިޔާ ވާހަކަދެއްކިއެވެ. މޭޒުމަތީގައި އޮތް އިރާނިޔާގެ އަތުގައި ހިފައިގެން ޒަމްހާ އިނީ އެކުވެރިޔާގެ ދެލޮލުން ކަރުނަ ފައިބާތަން ފެނި އިންތިހާއަށް ހިތުގައި ޖެހިފައެވެ.
"ސުދާ މަންމަ ބުނީ އޭނަ އައިރު އުނޭޝް ތަމަންނީ ގޮވައިގެން ދުއްވަން އުޅެނިކޮށް ފެނުނޭ. އަހަރެން ކިހާ ދެރަވާނެ. ޒަމް! އަހަރެން ގޭތެރޭގައި މިއުޅެނީ ވަރަށް ކެތްކޮށްގެން. އެކަމަކު މިއަދު އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފި. އުނޭ އަހަރެންދެކެ ލޯބިނުވަނީ ކީއްވެތަ؟ އަހަރެން ވަރަށް ދެރަވޭ އެހެން ހިތަށްއަރާފަ" އިރާނިޔާ ވާހަކަދެއްކިއެވެ. މީހުންގެ ސަމާލުކަން އޭނާއަށް ހުއްޓިދާނެތީ އަވަސް އަވަހަށް ޓިޝޫއަކުން މޫނު ފޮހެލިއެވެ.
"ރާނީ...!! ދެރަނުވޭ. ރާނީ ތިގޮތަށް ހިތްވަރުދެރަކޮށްފަ ރޯތަން ފެނުނީމަ އަހަރެން ވަރަށް ދެރަވޭ. އަހަރެން އަބަދުވެސް ބުނަމެއްނު ވަގުތާއެކު ހުރިހާ ކަމެއް ބަދަލުވާނޭ" ޒަމްހާ އިރާނިޔާ ހިތްހަމަޖައްސަން މަސައްކަތް ކުރަމުން ދިޔައެވެ.
"އެކަމަކު އުނޭ....." އިރާނިޔާއަށް ނުބުނެވުނެވެ.
"ތިގޮތަށް ހިތްވަރު ދެރަކުރަންޏާ ކުރިއަށް އޮތް ތަނުގައިވެސް އުނޭޝް ހަދާނީ ހަދާނެގޮތެއް. އަހަރެންނަށް އިނގޭ ރާނީ ތިއީ މީހުންނާ ޒުވާބުކޮށް އާއިލާ ތެރޭގައި ކުނިޖައްސަން އިނގޭ ކުއްޖެއްނޫންކަން. އެކަމަކު އުނޭގެ ކަންތަކުގަ ތަންކޮޅެއް ގަދަކޮށްލަންވެއްޖެ. ފަހަރެއްގަ ތިއީ ރާނީއަށް އެންމެ ރަނގަޅު ގޮތް ކަމުގައިވެސް ވެދާނެ. މޮޅަށް ދެނެވޮޑިގެންވަނީ ހެއްދެވިފަރާތް" ޒަމްހާ ވާހަކަދެއްކިއެވެ.
"ދެން ނުރޮއި ހުއްޓާލާ. މިހާރުވެސް ރާނީގެ ދެލޮލުން އެބައިނގޭ ރޮއެފަ ހުރިކަން. ޙާއިޝާއްތައަށް ފެނިއްޖިއްޔާ ވަރަށް ސުވާލުކުރާނެ" ޒަމްހާ ބުނެލިއެވެ.
"އަހަރެންންނަށް ހީވަނީ އުނޭ ކަންތައް އެކުރާގޮތުން އެންމެފަހުން އަހަރެން ފޫހިކަންނޭނގެ ވާނީ" އިރާނިޔާ ބުނެލިއެވެ. މިހާރު އޭނާގެ ދެލޮލުން ކަރުނަ ނުފޭބި ނަމަވެސް ދެލޯ ކޮންމެވެސް ދުޅަވެ ރަތްކަމެއް ހުއްޓެވެ.
"ތިއީ އެންމެ ރަނގަޅު ގޮތަކީވެސް. އަހަރެން ދުޢާ އަކީ ރާނީގެ ދެލޮލުން އޭނައަށްޓަކައި ތިއޮހޮރާހާ ކަރުނަތަކުގެ ޑަބަލް ކަރުނަ ރާނީއަށްޓަކައި އޭނަގެ ދެލޮލުންވެސް އޮހޮރަން ޖެހުން" ޒަމްހާ ބުނެލިއެވެ.
ދެކުދިންގެ ސަމާލުކަން މޭޒުމަތީގައި އޮތް އިރާނިޔާގެ ފޯނަށް ހުއްޓިއްޖެއެވެ. 'މަންމަ' ގެ ނަމުން ސޭވްކޮށްފައިވާ ނަންބަރުން އެގުޅަނީ ޙާއިޝާކަން އިނގުމުން އެކަކު އަނެކަކަށް ބަލައިލިއެވެ.
"ޔަޤީން މަންމައަށް އިނގުނީ އަހަރެން އައިކަން" އިރާނިޔާ ބުނެލިއެވެ.
ފޯނު ކަންފަތުގައި ޖަހާފައި އޭނާ ޙާއިޝާއަށް ގޮވައިލިއެވެ.
"މަންމަ މިހިރީ ހޮސްޕިޓަލުގަ. ރާނީއެއް ނެތް. އަދޫ ބުނި ސްކޭނަށޭ އައީ" ޙާއިޝާ ބުނެލިއެވެ.
"ޒަމްއާއެކު މީނީ. މި ނިކުންނަނީ" އިރާނިޔާ އަވަސް އަވަހަށް ބުނެލިއެވެ.
އިރާނިޔާ ގެއަށް ވަދެގެން އައިރު އުނޭޝް ސޯފާގައި އިނެވެ. އިތުރު އެއްވެސް މީހަކު ގޭތެރެއިން ފެންނާކަށް ނެތެވެ. ޙާއިޝާއައީ ތަންކޮޅެއް ފަހަތުންނެވެ.
"ސްކޭން ހެދުނުތަ؟ ރަނގަޅުތަ؟" އިރާނިޔާ އަރާ ހަމަވުމާއެކު އުނޭޝް އަހައިލިއެވެ.
"ކިހިނެއްވީ؟ އުނޭޝްއަށް ކޮންކަމެއް؟ މިއީ އުނޭޝްގެ ދަރިއެއްތަ؟" އިރާނިޔާ ވާހަކަދެއްކިއެވެ. އެއީ އޭނާ އުނޭޝްއަށް ދޭން ބޭނުންވި ޖަވާބެއްނޫނެވެ. އެހެންނަމަވެސް އޭނާގެ ހިތަށްވަނީ މާބޮޑަށް އަސަރުކޮށްފައެވެ.
އިރާނިޔާގެ ވާހަކަތައް އިވޭ ހިސާބުގައި ހާއިޝާވެސް އާޝިދް ހުރިކަން އުނޭޝްއަށް އިނގުނީ އިރާނިޔާ ވަދެގެން ދިޔަ ފަހުންނެވެ. ކުރިމަތީގައި ހުރި މަންމަގެ މޫނުމަތި ފެނި އުނޭޝް އިސްޖަހައިލިއެވެ.
"އަހަރެން ހަމަ ޚައިރާންވެއްޖެ. އުނޭޝްއަށް އެވަރުގެ ކަމެއް އަޅެ ނުވީތަ؟ ރާނީ ބަނޑުގައި އެވަނީ އުނޭޝްގެ ދަރިއެއް ނޫންތަ؟ އިންސާނަކާމެދު ތިގޮތަށް ކަންތައްތައް ކުރަން އުނޭޝްއަށް ކެތްވޭތަ؟ ތިއީތަ އުނޭޝްއަށް އަހަރެން ދިން ތަރުބިއްޔަތަކީ؟" ޙާއިޝާ ވާހަކަދައްކަމުން ދިޔައިރު އޭނާގެ އަޑުގައިވި ރިހުން އުނޭޝްއަށް އިހުސާސްވިއެވެ. އާއިލީ މައްސަލަތަކެއްގެ މެދުގައި ހުރުން ރަނގަޅުކަމަށް ނުފެންނާތީ އާޝިދް މަޑުމަޑުން ހިނގާފައި ގޮސް ކޮޓަރިއަށް ވަނެވެ.
"އުނޭޝްއަކަށް ނުޖެހޭނެ އިރާނިޔާ ދާހާ ތަނަކަށް ފަހަތުން ދާކަށް" ކޮޓަރި ދޮރުމަތީގައި ހުރި ތަމަންނީ ވާހަކަދެއްކިއެވެ. މިކަހަލަ ވަގުތެއްގައި ތަމަންނީ ވާހަކަދެއްކުމުން އުނޭޝް ހިތްހަމަނުޖެހުނެވެ.
"ކަލޭ ޖެހޭތަ މިދައްކާ ވާހަކައިގެ ތެރެއަށް އަނގަ ބާނަން. އަހަރެން ވާހަކަދެއްކީ އަހަރެންގެ ދަރިފުޅާ. މިގޭތެރޭގެ މުޅި މަސްލަހަތު ކަލޭގެ ސަބަބުން ގެއްލިއްޖެ. ރަނގަޅު ގޮތާއި ނުބައި މަގު އަހަރެންގެ ދަރިފުޅަށް އޮޅިއްޖެ. އަހަރެންގެ މުޅި އާއިލާ ރޫޅާލައިފި. މީގެފަހުން އަހަރެން ހުންނަ ތަންތަނުގައި ކަލޭ ވާހަކަނުދައްކާތި" ޙާއިޝާގެ ހުރިހާ ރުޅިއެއް ތަމަންނީއަށް ބޭލިއެވެ.
މަންމަގެ ކުރިމަތީގައި ތަމަންނީ އެވައްތަރު ޖެއްސުމުން އުނޭޝްއަށް ކަމުނުދިޔައެވެ. ކޮޓަރި މެދުގައި ދެކޮޅަށް ހިނގަން ހުރިއިރު އެނދުގައި އިން ތަމަންނީ އުނޭޝްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިނެވެ. ކުށްވެރިކަމުގެ އިހުސާސެއް އޭނައަށް ކުރެވެމުން ދިޔައިރު އޭނާ އިނީ އުނޭޝްއާއި ކުރިން ވާހަކަދައްކަން ނުކެރިފައެވެ.
"މަންމަ ނުޖެހޭ އުނޭއާއި ދިމާލަށް...."
"ހަބަރުދާރު. ތަމަން އެއްވެސް ވާހަކައެއް މިވަގުތު ނުދައްކައިފިއްޔާ އަހަރެންނަށް ރަނގަޅީ. ބަލަ އެތަނުގައި ވާހަކަދެއްކީ ރާނީއެއް ނޫނޭ. އަހަރެންގެ މަންމައޭ..." ތަމަންނީގެ މޫނާއި ދިމާކޮށް ޝަހާދަތް އިނގިލިން އިޝާރާތްކޮށް އުނޭޝް އެންގިއެވެ. އިތުރަށް އެއްވެސް އެއްޗެއް ބުނަން ތަމަންނީއަށް ނުކެރުނެވެ. އުނޭޝް އެހާ ރުޅިގަދަވެފައި ހުއްޓާ މިއީ އޭނާއަށް ފެނުނު ފުރަތަމަފަހަރެވެ.
"އަހަރެން ވަރަށް ވަރަށް ލޯބިވޭ..... ހެހެހެ.... ޝާމް....!" ދޮރުމައްޗަށް އެރި ސަބްރީންއަށް އިވުނު އަޑަކުން ވަގުތުން އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. އެނދުގައި ފޯނުގައި އޮތް ޝެނަލް ވާހަކަދައްކަމުން އެދަނީ ހުޝާމްއާއި ކަން އޭނާއަށް ޔަޤީންވެއްޖެއެވެ. ލިބުނު ހިތްހަމަޖެހުމުގައި އެހަބަރު ބައްސާމަށް ދިނުމަށް ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.
"ކީއްވެތަ އަދޫ ޝާމްގެ ވާހަކަ އެވަރަށް ތިދައްކަނީ" ޝެނަލް ބުނެލިއެވެ.
"އެހެންތަ. އެކަމަކު މިހާރު ޝާމްވީ އޭނަގެ ދަރިފުޅާ ބައްދަލުކުރަން މާލެގޮސް. ހީވަނީ ވަރަށް އަވަހަށް އަންނާނެހެން. އައިމަ އަހަރެން ބުނާނަން އިނގޭ އަދޫ ބޭނުންވެޔޭ ކޮފިއަކަށްއަރަން" ޝެނަލް ވާހަކަދެއްކިއެވެ.
ކޮޓަރިއަށް ވަންގޮތަށް ސަބްރީން އެރީ އެނދަށެވެ. އޭރު ބައްސާމް ފޯނަށް ބަލަހައްޓައިގެން އިނެވެ. އޭނާއާއި ދާދި ގާތުގައި ހެވިފައި އިން ސަބްރީން ފެނުމުން ބައްސާމްގެ ހުރިހާ ސަމާލުކަމެއް އަނބިމީހާއަށް ދިނެވެ.
"އަނެއްކާ ކިހިނެއްވީ؟ ހާދަ ވަރަކަށް ހެވިފައި ތީނީ" ބައްސާމް އެހިއެވެ.
"ވަރަށް އުފަލުން މީނީ. އަހަރެން ރިހަކޮޅަށް ހޫނުކޮށްފަ ކޮޓަރިއަށް އަންނަނިކޮށް ޝާނީގެ ކޮޓަރި ދޮރުހުޅުވާފައި ހުރިތަން ފެނުމުން އެކޮޓަރިއަށް ވަންނަން ދިޔައީ" ސަބްރީން ވާހަކަދެއްކިއެވެ.
"ދެން...؟" ބައްސާމް އެހިއެވެ.
"ޝާނީ އުޅެނީ އެސޮރާ ލޯބީގެ ގޮތުން ގުޅިގެން. އަހަރެން މިއައީ އަހަރެންގެ ދެކަންފަތުން އަޑުއަހާފަ" ހެވި ދިލިފައި އިން ސަބްރީން ބުނެލިއެވެ.
"ތިއީ ތެދެއްތަ؟ ރީންއަށް އަޑު އިވުނު ގޮތް ކަމަށްވެސް ވެދާނެއްނު" ބައްސާމް ބުނެލިއެވެ.
"އެއްކަލަ ބައްސާމް. ދެން ހުރެބަލަ ބަލަން. މާގިނަ ދުވަހެއް ނުވަނީސް ޝާނީ އަމިއްލައަށް އަހަރެމެން ކައިރީގައި މިވާހަކަދައްކާނެ" ސަބްރީން ވާހަކަދެއްކިއެވެ.
"ބަލަން މިހިރީ" ބައްސާމް ބުނެލިއެވެ.
ވަޒީފާއަށް ކަނޑައެޅިފައިވާ ވަގުތު ހަމަކޮށް އާޝިދު ގެއަށް ވަންއިރު ގޭތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެންކަމުން އޭނާ ގޮސް ވަނީ ކޮޓަރިއަށެވެ. ގޭތެރޭގައި ލާން ގެންގުޅޭ ޓީޝާޓްގައި ރޫޖެހިފައި ހުރުމުން އެހިފައިގެން ނިކުތީ ބޭރަށެވެ. އިސްތިރިކުރާނެ ގޮތެއް ހޯދަމުން ދަނިކޮށް ޙާއިޝާގެ ކޮޓަރިން ނިކުތީ ދެމައިން އެއްކޮށެވެ.
"އަނހަ... މިއޮށް އައީނު. ރާނީ އެކިޔަނީ މިއަދު ގޭތެރެއިން އެއްވެސް ކުއްޖަކު ނުފެންނަ ވާހަކަ. އެހެންނޫނީ މިހާއިރު ހުރިހާ އެންމެން ހަމަވާނެ އަދޫ ނޫނީ" ޙާއިޝާ ހީލަމުން ވާހަކަދެއްކިއެވެ.
"އިސްތިރިކުރަންވީތަ؟" އާޝިދްގެ އަތުގައި އޮތް ޓީޝާޓުގައި ހިފަމުން އިރާނިޔާ އަހައިލިއެވެ.
"ސިޑް ދޭ. އަހަރެން ދާނަން ހިފައިގެން" އިރާނިޔާ ބުނެލިއެވެ.
ޓީޝާޓް އިސްތިރިކޮށް ނިމިގެން ކޮޓަރިން ނިކުތް އިރާނިޔާ އެރުނީ އުނޭޝްގެ ކުރިމައްޗަށެވެ. އުނޭޝްއަށް ބަލަހައްޓައިގެން ހުރެވުނީ އިރާނިޔާ ބަހެއްނުކިޔާ ކުރިއަށް ހިނގައިގަތުމުންނެވެ.
"ރާނީ...!" އުނޭޝް ގޮވައިލިއެވެ.
"ކިހިނެއްވީ...؟" އިރާނިޔާ އަހައިލިއެވެ.
"އަހަރެން ބުނީ....." އުނޭޝްއަށް ނުބުނެވުނެވެ.
"ނުބުނެވުނެއްނު. އެހެންނޫނަސް ލޯބިވާ އަނބިކަނބަލުން އަޑުނޭހީތަ ތި ބުނަން އުޅޭ އެއްޗެއް" އިރާނިޔާ ވާހަކަދެއްކިއެވެ. އުނޭޝް އެއްޗެއް ނުބުނެ ހުއްޓެވެ.
"އަހަރެން ބުނަން އުޅުނީ މިއަދު ތަމަން އުޅެނީ ކުޑަކޮށް ބަލިވެޔޭ. އަހަރެން މިދަނީ މާލިކުބެއާ އެއްކޮށް މަސްފެކްޓްރިއަށް ދާންވެގެން. ތަމަންގެ ހާލު ބަލާލައްޗެ" އުނޭޝް ބުނެލިއެވެ. އިރާނިޔާ އެއްޗެއް ބުނުމުގެ ކުރިން އުނޭޝް ހިނގައިގަނެއްޖެއެވެ.
އިރާނިޔާގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ. އުނޭޝް އެންމެފަހަރަކު އޭނާގެ ހާލު އަހާލިނަމައޭ ހިތަށް އެރިއެވެ. ދެވަނަ އަނބި ބަލަން ހަވާލުކޮށްފައި ދިޔައިރު އެއްވެސް އެއްޗެއް ހިތަށް ނޭރީތީ އިރާނިޔާ ހިތުގައި ރިއްސައިލިއެވެ.
ހުސް ޖީންސުގައި އެނދުގައި ފޯނުގައި ހިފައިގެން އިން އާޝިދު ތެދުވީ އިރާނިޔާ ކޮޓަރި ތެރެއިން ފެނުމުންނެވެ. އިރާނިޔާގެ މޫނަށް ދެވުނު ފުރަތަމަ ނަޒަރުންވެސް އޭނާއަށް ތަފާތެއް ފާހަގަކުރެވިއްޖެއެވެ.
"އީރަން ބަލީތަ؟" ޓީޝާޓުގައި ހިފަމުން އާޝިދް އަހައިލިއެވެ. އިރާނިޔާއަށް އާޝިދުގެ މޫނަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. މީގެ ކުޑައިރުކޮޅެއްކުރިން އޭނާގެ ކުރިމަތީގައި ހުރީ އޭނާގެ ފުރާނަ ފަދަ ލޯބިވާ ފިރިމީހާއެވެ. ދުވަހަކުވެސް ދެގޮތެއް ނުވާނެކަމަށް ބުނެ އޭނާގެ އަތުގައި އުމުރަށް ހިފި އިންސާނާއެވެ. އެ އިންސާނާއަށް އެންމެފަހަރަކުވެސް އޭނާގެ ހާލު ބަލައިނުލެވުނުއިރު ހިލޭ މީހާއަށް ހާލު އަހައިލެވިއްޖެއެވެ.
"އީރަން..." އިރާނިޔާގެ މޫނު ކުރިމަތީގައި އަތްތިލައިން ހަނާއަޅާލަމުން އާޝިދް ގޮވައިލިއެވެ.
"ކަމެއްނުވޭ. ބައްޔެއްނޫން. އެއްޗެއް އިސްތިރިކުރަންވެފަ ހުރިއްޔާ މާދަމާ އޮފީހަށް ދިޔުމުގެ ކުރިން ނަގާފަ ބަހައްޓައްޗެ އިނގޭ" އިރާނިޔާ ބުނެލިއެވެ. އެއްޗެއް ނުބުނެ އާޝިދް ބަލަހައްޓައިގެން ހުންނަން ފެށުމުން އިރާނިޔާއަށް އުނދަގުވަމުން ދިޔައެވެ.
"އަހަރެންނަށް ހުރިހާ އެއްޗެއްވެސް އިނގިއްޖެ" އިރާނިޔާ ހިނގައިގަތް ވަގުތު އާޝިދް ބުނެލިއެވެ. އިރާނިޔާ ހުއްޓުނެވެ.
"އަހަރެންނަށް އިނގޭ ސިޑްއަށް އެއްވެސް ކަމެއް ސިއްރެއް ނުވާނެކަން. އެކަމަކު އަހަރެންނަށް ރަނގަޅީ އެއްވެސް ސުވާލެއް އަހަރެންނާ ނުކުރިއްޔާ" އިރާނިޔާ ބުނެލިއެވެ.
"އެއީ ކީއްވެ؟ ކީއްވެ އަހަރެންގެ ދުލުގަ ތަޅުއަޅުވަން ތިއުޅެނީ؟" އާޝިދް ބުނެލިއެވެ.
"އެއީ އަހަރެންނަށް އުނޭގެ ވާހަކަދައްކަން އެހާ ފަސޭހަނޫންވީމަ. އެއީ އަހަރެންގެ ފިރިމީހާ ވީމަ" އިރާނިޔާ ބުނެލިއެވެ.
"އެކަހަލަ ފިރިއެއް ހުރުމަށް ވުރެ އުމުރު ދުވަހު ހުހަށް ހުރުންވެސް މާ ރަނގަޅުވާނެ. ސޮރީ ވަރަށް ބޮޑަށް. އެކަމަކު އަހަރެންނަށް މިހެން ނުބުނެ ނުހުރެވޭނެ. އަހަރެން ކުރިން ހީކުރީ އުނޭޝްއަކީ ވަރަށް އަހްލާގް ރަނގަޅު ޒިންމާދާރު މީހެއް ކަމަށް. އެކަމަކު އެހެނެއްނޫން. އެއީ ވަރަށް އަމިއްލަ އެދުން ބޮޑު ޒިންމާނަގަން ނުކެރޭ ފީކަޅާ ފިރިހެނެއް" ފާޅުގައި އާޝިދް ބުނެލިއެވެ. އިރާނިޔާ އާޝިދްދެކެ ހިތްހަމަނުޖެހުނެވެ. އެހެންނަމަވެސް އޭނާ އެއްޗެއް ނުބުނެއެވެ.
"އީރަން ރުޅިއަޔަސް އަހަރެންދެކެ ފޫހިވިޔަސް ތެދަށް އެއްޗެއް ހާމަކުރަން އަހަރެން ފަސްނުޖެހޭނަން. އީރަންއަށް ކަމޭނުހިތާ ގޮތްހަދާ ކޮންމެ އިންސާނަކަށް އަހަރެން ނަފްރަތުކުރަން. އެމީހަކީ އީރަންގެ ލޯބިވާ ފިރިމީހާ ކަމުގައި ވިޔަސް އަހަރެންގެ ފަރުވާލެއްނެތް" އާޝިދް ބުނެލިއެވެ.
"ހުއްޓާލާ ސިޑް... ޕްލީޒް!" އެންމެފަހުން އިރާނިޔާ ބުނެލިއެވެ.
"އަހަރެންގެ މޭގައި މިވާ ހިތް އީރަންއަށްޓަކައި ވިންދުޖަހަމުން ދާހާ ހިނދެއްގައި، ތި ލޯބީގެ ހައްޤުގައި އަހަރެންގެ އަނގައިގެ ތެރޭގައި މިއޮތް ދޫ ތެޅުވޭނެ. އީރަންއަށްވެސް އަހަރެން ނުހުއްޓުވޭނެ" އާޝިދް ބުނެލިއެވެ.
"ތިއީ މުޅީންވެސް ބޭކާރުވާހަކަ. އިންސާނެއްގެ ފަރާތުން ތެދުވެރި ލޯތްބެއް ލިބިދާނެކަމަށް އަހަރެން މިހާރު ޤަބޫލެއްނުކުރާނަން.... ނުކުރާނަން...." އިރާނިޔާ ވާހަކަދެއްކިއެވެ.
"ތީކީ މައްސަލައެއްނޫން. އެންމެ މީހަކަށް ދެލޯ މަރައިގެން ހުރެ އިތުބާރުކޮށް ދެލޯ ހުޅުވާލުމާއެކު ބިއްލޫރިކޮޅެއް ފަދައިން އިތުބާރު ފުނޑުފުނޑުވެގެން ދިޔައިމަ ކޮންމެ މީހަކުވެސް ބުނާނީ ތިހެން. އެކަމަކު ތީކީ ހަޤީޤަތެއްވެސްނޫން" އާޝިދް ހުއްޓުނީ އޭނާއަށް ފުރަގަސްދީގެން ހުރި އިރާނިޔާ ކުރިމަތީގައެވެ. އިރާނިޔާގެ ދެލޮލުން ވެއްޓެން ތައްޔާރުވެފައިވާ ކަރުނަތިކި ފޮހެލުމަށްޓަކައި އާޝިދްގެ ދެއަތް ހަރަކާތް ކޮށްލިއެވެ.
"ނޫން... ސިޑް ތިކަހަލަ ވާހަކަ އަހަރެން ކައިރީގަ ނުދެއްކިއްޔާ ރަނގަޅީ" އިރާނިޔާ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
"މިގެއަށް އައިފަހުން އަހަރެންނަށް އީރަންގެ ހިނިތުންވެފައިވާ މޫނު ފެނުނުނަމަ ފަހަރެއްގަ އެ ހިނިތުންވުމުގެ ބާރުގަ ދުރުދުރުން ތިސޫރަ ބަލާލައިގެން އަހަރެން ކެތްކޮށްގެން ހުރެވުނީސް. އަހަރެންނަށް ކެތްތެރިނުވެވުނީ ފުރަތަމަދުވަހުވެސް އީރަންގެ މިލާފައިވާ މޫނު ފެނުނީމަ" އީރަން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެ އާޝިދް އޭނާގެ އަމިއްލަ ނަފްސަށް ބުނެލިއެވެ.
ބޭރު ތެރެއިން ސަބްރީން ތަމަންނީއާއި ބައްދަލުކުރަން ބޭނުމެއްނުވިއެވެ. އެހެންކަމުން ތަމަންނީގެ ފޯނުކޯލު ލިބުމާއެކު ސަބްރީން އެންގީ ގެއަށް ބައްދަލުކުރަން އައުމަށެވެ. ހަވީރު ގޭތެރޭގައި އިނީ ސަބްރީން އެކަންޏެވެ. ތަމަންނީ އަންނަދެން އޭނާ އިނީ ޖޯލިފަތީގައެވެ.
ދޮރާށި ހުޅުވައިލާފައި ވަން ތަމަންނީ ފެނި ސަބްރީންގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ކައިރީގައި އިށީންނަން ތަމަންނީ ކައިރީގައި ބުނެލިއެވެ.
"އެ ރާނީދެކެ އައި ރުޅިން އަހަރެންނަށް އުނޭ މަންމައާއި ދިމާލަށްވެސް މިހާރު އެއްޗެހި ބުނެވޭ. އެކަމާ މިހާރަކަށް އައިސް އުނޭ ހުންނަނީ ކަޓާފަ" ތަމަންނީ ވާހަކަދެއްކިއެވެ.
"އެއީ މައްސަލައެއްނޫން. ތަމަންއަށް ވަދެވިފައި ތިހުރީ މިލިޔަނުން ގުނާލެވޭ ވަރުގެ ފައިސާތަކެއްގެ ތެރެއަށް. ތިއީ މަދު މީހަކަށް ލިބޭނެ ނަސީބެއް. ފުރުސަތު ނަގާނުލާ ދަރިފުޅާ" ތަމަންނީގެ ބުރަކަށީގައި ފިރުމައިލަމުން ސަބްރީން ބުނެލިއެވެ.
"އުނޭގެ މަންމަގެ ވަރަށް ވިސްނުން ރަނގަޅު. އަހަރެން އެގެއަށް ދިޔަތާ ދެވަނައަށް ވީދުވަހު އުނޭ އަތުން އޭނަ ކޮއްކޮގެ ޑޮލަރު އެކައުންޓުގެ ހުރިހާ ލިޔުމެއް ހޯދައިފި. މިހާރު މިއުޅެނީ އުނޭގެ ބޮލަށް އެރިގެން ކަންނެލި ދޯންޏެއް ހޯދަންވެގެން" ތަމަންނީ ވާހަކަދެއްކިއެވެ.
"ކޮންތާކު؟ އެ ޙާއިޝާ އެއީ އެއްވެސް މީހެއްނޫން. އޭނައަށް ކުރަން އިނގޭނެ ކަމަކީ މީހުންގެ ހައްޤުތަކަށް އަރައިގަނެގެން މީހުންގެ ދިރިއުޅުން ހަލާކުކުރުން. އެއްޗެއް ބުނަންވިއްޔާ އޭނައާ ދިމާލަށްވެސް ބުނޭ" ސަބްރީން ވާހަކަދެއްކިއެވެ.
"އުނޭ ރާނީދެކެ ލޯބިވާހެނެއް ހިއެއްނުވޭ. އެކަމަކު އޭނަ މަންމަދެކެ ވަރަށް ލޯބިވޭ. މަންމައާއި ޒުވާބުކުރަންޏާ މަށަށް ހީވަނީ މަ އެގެއިން ހުސްއަތާ ނިކުންނަން ކަންނޭނގެ ޖެހޭނީ" ސަބްރީންގެ އުނގުމަތީގައި ހުރި ފޯށް ތަބަކުން ފޯށް ފޮއްޗެއް ނަގާ އަނގައަށް ލަމުން ތަމަންނީ ވާހަކަދެއްކިއެވެ.
"ތިއީއޭ ކުރިންވެސް ރީންދައްތަ ބުނި ވާހަކައަކީ. އެންމެފުރަތަމަ ކުރަންވީ ކަމަކީ ފިރިމީހާގެ ހިތް ހޯދަންވީ. ފިރިމީހާ ތަމަންއަށް މޮޔަވާވަރު ކުރަންވީ. އޭނަ ދުވަހަކުވެސް ހިތަށް ނާރާ ގޮތްގޮތަށް ކައިރިވާންވީ. ތިއީ މިޒަމާނުގެ ކުދިންނެއްނު. މޮޅެތި ކަންތައްތައް ވިސްނޭނެ ތިކުދިންނަށް. ފިރިމީހާ ތިމާގެ މުށުތެރެއަށް ލެވި އެޔަޤީންކަން ލިބުނީމަ ދެން މަޑުމަޑުން ގޭތެރެއަށް ނިކުންނާނީ" ސަބްރީން ވާހަދައްކަމުން ދިޔައިރު ތަމަންނީ ޝައުޤުވެރިކަމާއެކު އަޑުއަހަން އިނެވެ.
ރޭގަނޑުގެ ކެއުން ނިމި ހުރިހާ މީހުން ކޮޓަރިތަކަށް ވަންއިރުވެސް ފެންތަށި ލަސްލަހުން ބޮމުންދިޔަ އާޝިދް އުނދުން ކައިރީގައި ކާއެއްޗިއްސަށް ހޫނުކުރަން ހުރި އިރާނިޔާއަށް އިރުކޮޅަކާ ބަލައިލައެވެ. އިރާނިޔާއާއި ދާދި ކައިރީގައި ކަމްލާ ހުރުމުން އޭނާ އިނީ އެއްވެސް ވާހަކައެއް ނުދައްކައެވެ.
"ދަރިފުޅާ! މަންމަ ވަންނަނީ އިނގޭ ކޮޓަރިއަށް. ލަސްނުކޮށް މަންމަ ހެދި ބޭސްކޮޅު ފައިގަ ހާކާލާތި އިނގޭ" ބަދިގޭ ދޮރަށް އަރާފައި ޙާއިޝާ ވާހަކަދެއްކިއެވެ.
އާޝިދް އިރާނިޔާއަށް ތަފާތު ނަޒަރަކުން ބަލަމުންދާކަން ކަމްލާއަށް ވިސްނުމާއެކު އޭނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ދެއަތް ދޮވެލައިގެން ކަމްލާ ބަދިގެއިން ނިކުތުމާއެކު އާޝިދް ތެދުވެއްޖެއެވެ. މަޑުމަޑުން ހިނގާފައި އައިސް އިރާނިޔާ ކައިރީގައި ހުއްޓިއްޖެއެވެ. އިރާނިޔާ ބަލައިލީ އާޝިދް ކައިރީގައި ހުއްޓި ބަހެއްނުކިޔާ ހުރުމުންނެވެ.
"ކިހިނެއްވީ...؟" އިރާނިޔާ ވާހަކަދެއްކީ އާޝިދަށް ބަލައިނުލާ ހުރެއެވެ.
"ވަރަށް ބޮޑު ކަމަކުއެދެން ވެގެން. އަހަރެންނަށް ކޮށްދޭނަންތަ؟" އާޝިދް އަހައިލިއެވެ.
"ބުނޭ. އަހަރެންނަށް ކުރެވޭވަރުގެ ކަމެއްވިއްޔާ ކޮށްދޭނަން" އުނދުން ނިއްވާ ތެލިތަކުގެ މަތިޖަހަމުން އިރާނިޔާ ބުނެލިއެވެ.
"މާލިކްބެއާއި ވާހަކަދައްކައިދޭންވީ؟" އާޝިދް ބުނެލިއެވެ.
"އެއީ...؟" އަހަރެން ކީއްވެ؟ އޮފީސް ކަންތަކުގަ އަހަރެން ކީކޭ ކިޔާނީ؟" އިރާނިޔާ ބުނެލިއެވެ.
"ހެހެހެ... އޮފީސް ކަންތަކުގަ އަހަރެން ކީއްކުރަން އީރަން ލައްވާ ވާހަކަދައކުވަންވީ؟" އާޝިދް ހީލުމަކާއެކު ބުނެލިއެވެ.
"އަހަރެން އަންނަންތަ ކޮޓަރިއަށް ވަދެލާފަ" އިރާނިޔާ ބުނެލިއެވެ.
"ބޭރުޖޯލީގަ އަހަރެން އިންނާނަން" އާޝިދް ބުނެލިއެވެ. އިރާނިޔާ ހިނގައިގަތުމުން އާޝިދް ހިނިތުންވުމަކާއެކު ބަލަހައްޓައިގެން ހުއްޓެވެ.
"އަހަރެން އިންތިޒާރުކުރާނަން" ދެމާނަ އެކުލެވޭ ޖުމްލައެއް އާޝިދް ބުނެލިއެވެ.
"މިބުނީ ޖޯލީގަ. އަވަސްކުރައްޗެ" އިރާނިޔާ ފަހަތް ބަލައިލުމާއެކު ހީލަމުން އާޝިދް ބުނެލިއެވެ. އިރާނިޔާ ހިނގައިގަތުމާއެކު އިސްތަށިގަނޑުތެރޭގައި އަތް ހިންގައިލަމުން އާޝިދްވެސް ހިނގައިގަތެވެ.
(ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ