ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުންގެ މައްޗަށް ސުޕްރީމް ކޯޓުން ސޫމޯޓޯ ދައުވާއެއް އުފުލުމަކީ ގާނޫނޫ އަސާސީން އުފައްދާފައިވާ މިނިވަން މުސްތަގިއްލު ކޮމިޝަނެއްގެ ގާނޫނީ ބާރުވެރިކަން ގެއްލުވާލުން ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިހެން ބުނެފައިވަނީ ސުޕްރީމް ކޯޓުން އެޗްއާރްސީއެމްގެ މެންބަރުންގެ މައްޗަށް ސޫމޯޓޯ ދައުވާ އުފުލުމަށް ނިންމާ ކޮމިޝަންގެ މެންބަރުން އިއްޔެ ސުޕްރީމް ކޯޓަށް ހާޒިރުކުރުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސް ބަޔާނެއްގަ އެވެ.
އެމްޑީޕީ އިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ މި ދައުވާއަކީ އެޗްއާރްސީއެމް ފަދަ މިނިވަން މުއައްސަސާއެއްގެ ޒިންމާގެ ދަށުން އެކުލަވާލާފައިވާ ރިޕޯޓަކާއި މެދު ސުޕްރީމް ކޯޓުން އަމިއްލައަށް އުފުލާ ދައުވާއެއް ކަމުގަ އެވެ. މި ދައުވާގެ ސަބަބުން މިނިވަން މުއައްސަސާއެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި އެޗްއާރްސީއެމްގެ ގާނޫނީ ޒިންމާއަށް ހުރަސްއެޅޭ ކަމަށް ބުނެ އެވެ.
އެމްޑީޕީން ބުނީ އެޗްއާރްސީއެމްގެ މެންބަރުންގެ ގާނޫނު އަސާސީއާ ގާނޫނުތަކުގައިވާ ގޮތަށް މަސައްކަތް ކުރަމުންދަނިކޮށް އެ މެންބަރުންގެ މއްޗަށް ސޫމޯޓޯ ދައުވާއެއް ކުރުމުގެ ހައްގު ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށެވެ. މީގެ އިތުރުން ކޮމިޝަން މެންބަރުންގެ ގާނޫނީ ޒިންމާ އަދާކޮށް ހެޔޮ ނިޔަތުގައި ކުރިއަށް ގެންދާ އެއްވެސް ކަމަކާއި ގުޅިގެން އެ ކޮމިޝަންގެ ރައީސް، ނައިބު ރައީސް، ކޮމިޝަންގެ އެއްވެސް މެންބަރެއް އަދި މުއައްޒަފަކަށް ދައުވާ ނުކުރެވޭނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ 27 މާއްދާގެ (ހ) ގައި ބުނެފައިވާ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ މިހާރުވެސް ބައިނަލްއަގްވާމީ އަދި ރާއްޖޭގެ އެތަށް ފަރާތުގެ ފާޑުކިޔުން އަމާޒުވެފައިވާ މުއައްސަސާއެއް ކަމަށް މި ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެޗްއާރްސީއެމް އަކީ ބައިނަލްއަގްވާމީ ގުޅުންތަކެއް އޮންނަ މުއައްސަސާއަކަށްވާތީ މި ދައުވާގެ ސަބަބުން ސުޕްރީމް ކޯޓަށް އިތުރު ފާޑުކިޔުންތައް އަމާޒުވާނޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.
"ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓާމެދު އދ. އިންނާއި ދުނިޔޭގެ ބޮޑެތި ޑިމޮކްރެޓިކް ގައުމުތަކުންނާއި ބައިނަލްއަގްވާމީ އެތަކެއް ޖަމިއްޔާތަކަކުން މީގެ ކުރިން ވެސް އާދަޔާ ހިލާފަށް ފާޑުކިޔާފައިވީހިނދު ސްޕްރީމް ކޯޓުން އެޗްއާރްސީއެމް ގެ މެމްބަރުންގެ މައްޗަށް މިފަދަ އަމަލެއް ހިންގުމަކީ ސްޕްރީމް ކޯޓާމެދު އެކިފަރާތްތަކުން އިތުރަށް ފާޑުކިޔައި އަދި އިތުރަށް އިތުބާރު ގެއްލިގެންދާނޭ ކަމަކަށްވާތީ ސްޕްރީމް ކޯޓުން އެފަދަ އަމަލުތައް ހިންގުން ހުއްޓާލުމަށް މި ޕާޓީން އިލްތިމާސްކުރަމެވެ،" ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
އެޗްއާރްސީއެމްގެ މެންބަރުންގެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަން ފެށީ އެކޮމިޝަނުން ދާދި ފަހުން އެކުލަވާލާ ކޮމިޝަންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ރިޕޯޓަކާ ގުޅިގެން ކަމަށް އެނގިފައިވެ އެވެ. ރާއްޖޭގެ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އެޗްއާރްސީއެމުން ތައްޔާރުކޮށް އދ ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާފައިވާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު ރިޕޯޓުގައި ސުޕްރީމް ކޯޓުން ޝަރުއީ ދާއިރާ ކޮންޓްރޯލްކޮށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެފައިވެ އެވެ. އަދި އެކަމާ ގުޅިގެން ދަށު ކޯޓުތަކުގެ ޝަރުއީ ބާރުތައް ހަނިވެ ކޯޓުތަކުގެ ބާރު ކެނޑިފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ސޫމޯޓޯ ދައުވާއާ މެދު އެމްޑީޕީން ކަންބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ