ބާއްޖަވެރި ހަޔާތެއް އުޅުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވެފައިވާ ހަމައެކަނި ދީނަކީ އިސްލާމް ދީން: ޚުތުބާ

ބާއްޖަވެރި ހަޔާތެއް އުޅުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވެފައިވާ ހަމައެކަނި ދީނަކީ އިސްލާމް ދީން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމްދީން"، މި މައުޟޫއުގެ މައްޗަށެވެ. ޚުތުބާގައި ބުނީ ބާއްޖަވެރިކަމަކީ، އިންސާނުން އެ ނިއުމަތެއް ހޯދުމަށްޓަކައި އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ނިއުމަތް ކަމަށާއި، ބާއްޖަވެރިކަމާއި އުފާވެރިކަން ހޯދުމުގައި މުސްކުޅިއެއް، ޒުވާނެއް، މުއްސަންޖެއް، ފަގީރެއް، މުސްލިމެއް ނުވަތަ ޣައިރު މުސްލިމެއް ތަފާތެއް ނުވާނެ ކަމަށެވެ. ނަމަވެސް މިއަދު ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އުފާވެރިކަމާއި ބާއްޖަވެރިކަން އޮތީ މުދަލާއި ފައިސާއާއި، ޖާހާއި މަންސަބާއި، މަޝްހޫރުކަމުގައިކަން ޚުތުބާގައި ފާހަގަކުރިއެވެ. އެހެންނަމަވެސް ކަން އޮތީ އެހެންނަކުންނޫން ކަމަށާއި، އެއްވެސް ޝައްކެތްނެތް ގޮތުގައި ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން ކަމަށް ޚުތުބާގައި ބުންޏެވެ. އެ ކަންކަން ދެއްވުމުގެ ބާރު ލިބިވޮޑިގެންވަނީ މާތްﷲއަށް ކަމަށާއި އެކަލާނގެއަށް ކިޔަމަންތެރިވުމުން މެނުވީ އެކަންކަން ހާސިލެއްނުވާނެ ކަމަށް ޚުތުބާގައި ބުންޏެވެ. ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމް ދީންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އިސްލާމް ދީނަކީ މާތްﷲ އިންސާނުން މި ދުނިޔޭގައި ދިރިއުޅުމަށްޓަކައި އިޚްތިޔާރުކުރައްވައިފައިވާ މަގު ކަމަށެވެ. އަދި އެއީ ނަފުސުގެ ހަމަޖެހުމާއި ހިތްތައް އިސްލާހުގެ މަގަށް ގެންދާ ފުރިހަމަ ނިޒާމެއް ކަމަށާއި އެ ނިޒާމުން ހެޔޮކަމާއި ބަރަކާތުގެ މަގުތައް ހުޅުވޭ ކަމަށެވެ. ޞާލިހު އަމަލުކުރާ މުއުމިނުންނަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް ދެއްވާނެކަމަށް، މާތްﷲ ވައުދުވެވޮޑިގެންފައިވާ ކަމަށާއި ނަމަވެސް އިސްލާމްދީނާ ދުރުވެ، މާތްﷲ ގެ މަގުން އެއްކިބާވާ މީހުންނަށް އޮތީ އޭގެ އިދިކޮޅު ކަމަށް ޚުތުބާގައި ބުންޏެވެ. ޚުތުބާގައި ބުނި ގޮތުގައި ބާއްޖަވެރިކަމުގެ އެއް ސަބަބަކީ، އިސްލާމީ ޝަރީއަތަކީ ފުރިހަމަ އަދި ޝާމިލު ޝަރީއަތެއްކަން އެނގުމެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ، އިސްލާމީ ޝަރީއަތަކީ ހަމައެކަނި އަޅުކަމާއި ހައްދުތައް ގާއިމުކުރުން ކަމަށް. އިސްލާމީ ޝަރީއަތަކީ ދިރިއުޅުމުގެ ހުރިހާ ދާއިރާއެއް ޝާމިލުވާ ގޮތަށް އޮތް ފުރިހަމަ ނިޒާމެއް. އިސްލާމީ ޝަރީއަތުގައި އަގީދާއާއި، އަޅުކަމާއި، އަޚުލާގާއި، އާއިލީ ގުޅުންތަކާއި، ތަރިކައާއި، އިގްތިސޯދާއި، ސިޔާސީ އަދި ބައިނަލްއަގުވާމީ ގުޅުންތަކާއި، ހަމަހަމަކަމާއި އަދުލު އިންސާފާއި މިފަދަ އެންމެހައި ދާއިރާތަކާއި ކަންކަން ހިމެނޭ، ހުކުރު ޚުތުބާ އިސްލާމީ މަރުކަޒުގައި ގިނަ ބަޔަކު ހުކުރު ޚުތުބާ އަޑުއަހަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ އިންސާނާ ދުނިޔޭގައި ބާއްޖަވެރި ހަޔާތެއް އުޅުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވެފައިވާ ހަމައެކަނި ދީނަކީ އިސްލާމް ދީންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެ ކަމެއް ހޯދުމަށް މީސްތަކުން މަސައްކަތްކުރަމުން މިދާ ދުނިޔެވީ ބާއްޖަވެރިކަން، އޭގެ އެންމެ ފުރިހަމަ ގޮތުގައި އިސްލާމީ ޝަރީއަތް ވަނީ، ހޯދައިދީފައި ކަމަށެވެ. އިސްލާމީ ޝަރީއަތުގައި ވަނީ އަދުލުވެރިކަމާއި، އިހުސާންތެރިކަމާއި، މީސްތަކުންގެ ހައްގުތައް ރައްކާތެރިކޮށްދީފައި ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެ ޝަރީއަތުގައި ފަގީރުންނާއި، ޔަތީމުންނާއި، އަންހެނުންނާއި، ކުޑަކުދީންނާއި، ޣައިރުމުސްލިމުންނަށް ވެސް ދުނިޔޭގެ އެއްވެސް ނިޒާމެއްގައި ނުދޭހާ ފުރިހަމައަށް، އެ ހައްގުތައް ވަނީ ކަށަވަރުކޮށްދީފައިކަން ޚުތުބާގައި ވަނީ ހަނދާން ކޮށްދީފައެވެ. ހަމައެހެންމެ އިސްލާމީ ޝަރީއަތްވަނީ މީސްތަކުންގެ ކިބައިގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ރަހުމަތާއި، އިއްފަތްތެރިކަމާއި، އިހުސާންތެރިކަން އަށަގެންނެވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިކަމަށް ޚުތުބާގައި ބުންޏެވެ. އޭގެ އިތުރަށް ވެސް އެތައް ދާއިރާއަކުން ވަނީ އެ ބާއްޖަވެރިކަން ގެނެސްދިނުމަށް، ގިނަގުނަ ކަންކަން ޝަރުއުކުރައްވައިފައި ކަމަށް ޚުތުބާގައި ބުންޏެވެ. އެފަދަ ފުރިހަމަ ނިޒާމެއް، ފަލްސަފާއެއް ނުވަތަ އުސޫލެއް އިސްލާމްދީން ފިޔަވައި މި ދުނިޔޭގައި ނުވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމާއި ނިއުމަތަށް އިންސާނާ ގެންދާ ދީން ކަމަށެވެ. ޚުތުބާގައި ބުނީ ބާއްޖަވެރިކަމަކީ ބޭނުން މީހަކު ބޭނުން ގޮތަކަށް ހޯދޭނެ އެއްޗެއް ނޫން ކަމަށެވެ. އެހެނެއްކަމަކު އެއީ އީމާންކަމުގެ މޭވާ ކަމަށާއި، އެއީ ދީނަށް އުޅުމުގެ ނަތީޖާއާއި ކެތްތެރިކަމުގެ ޖަޒާގެ އިތުރުން މާތްﷲ ގެ ޙަޟުރަތުން އަންނަ ތައުފީގެއްކަން ޚުތުބާގައި ފާހަގަކުރިއެވެ. ބާއްޖަވެރިކަން ވަނީ ހަމައެކަނި ދުނިޔެ ހާސިލުކުރުމަކުން ނޫންކަން ފާހަގަކޮށް ޚުތުބާގައި ވަނީ އެއީ މާތްﷲ ގެ ރުހިވޮޑިގަތުން ލިބުމުން ނޫނީ ލިބޭނެ އެއްޗެއް ނޫންކަން ހަނދާންކޮށްދީ ނަސޭހަތްތެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ