ފުލުހުންގެ ތިޖޫރީން ''ވައްކަން'': އައު ކަމެއްތަ؟ އާންމު ކަމެއްތަ؟

ރޭގެ ޚަބަރާއެކު ހައިރާންނުވާ ހަމަ އެކަކު ވެސް ނެތެވެ. ދިވެހީން "ރައްކާތެރިކޮށް, ޚިދުމަތް ކުރަން" އުފައްދާފައިވާ, އަހަރަކު ދެ ބިލިއަނެއްހާ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރާ, ފުލުހުންގެ މުއައްސަސާގެ ތެރޭގައި ބޮޑު ވައްކަމެއް ހިނގިކަމުގެ ތުހުމަތާ އެކުއެވެ. މާޔޫސްވެ ހުރެ ގިނަ ބަޔަކަށް ބުނެވުނީ "މި އޮތީ ވާ ގައުމެއް" ކަމަށެވެ. އަޅުގަނޑުމެން ރަސްމީކޮށް މި ޚަބަރު ރޭ ޖެހުމުގެ މާ ކުރިން މި މައުލޫމާތު ލިބިއްޖެއެވެ. އެކަމަކު، އެކިއެކި މަސްދަރުތަކުން ޔަގީންކުރަން ވަގުތުތަކެއް ހޭދަވިއެވެ. ފުރަތަމަ މައުލޫމާތު ލިބުނީ ކުށެއްގެ ތުހުމަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާގެ ތެރެއިން 30,000 ޑޮލަރު ފުލުހުންގެ ތިޖޫރީގައި ހުއްޓައި ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. އެކަން އެނގުނީ އެ މައްސަލަ ކޯޓުން ނިމުމުން އެ ފައިސާ އަނބުރާ އޭގެ ވެރިފަރާތަށް ހަވާލުކުރަން ބެލިއިރު އަތުލައިގެން ވަރަށް ފައިސާ ނެތުމުން ކަމަށް އޭރު މައުލޫމާތު ލިބުނެވެ. އެ ފައިސާ ގެއްލުނީ ނުވަތަ "ވަގަށް ނެގީ" ހަމައެކަނި ފުލުހުންގެ ވަކި ފެންވަރެއްގެ ބަޔަކަށް އެކްސަސް ވެވޭ, ފުލުހުންގެ އިދާރާގެ ތެރޭގައި ހުރި ތިޖޫރިއެއްގައި ބަހައްޓާފައި ހުއްޓާ ކަމަށް ފުރަތަމަ ވެސް ލިބުނު މައުލޫމާތުގައިވެއެވެ. https://www.sun.mv/209950 ގައުމަށް ވަރަށް ވެސް މުހިންމު, އަދި ރައްޔިތުންނަށްޓަކައި ވަރަށް ރަނގަޅު ޚިދުމަތްތަކެއް ރެއާއި ދުވާލު ކޮށްދެމުން އަންނަ މިފަދަ މުއައްސަސާއަކަށް މި ކުރެވުނު ބޮޑު ތުހުމަތަށް ފުލުހުންގެ ރަސްމީ ބަހެއް ހޯދުމަށް, އެކި ގޮތްގޮތުން ކުރި މަސައްކަތުން، ބަހެއް ލިބޭވަރުވީ ރޭ 22:11 ގައެވެ. ފުލުހުން ޔަގީންކޮށްދިނީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމެވެ. އެކަމުގެ ތަފުސީލު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ އިދާރާއަށް ސެޕްޓެންބަރު 15، 2019 ގައި ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބެލުމުގެ ދަށަށް ގެންދިޔަ ފައިސާގެ ޖުމުލަ އަދަދު ދިމާނުވާކަން ފާހަގަކުރެވޭތީ އެކަން އެ މުއައްސަސާގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ދަނީ ތަހުގީގުކުރަމުން ކަމަށެވެ. އެކަން ފުލުހުންނަށް ފާހަގަކުރެވުނީ މިދިޔަ ބުދަ ދުވަހު ކަމަށް ވެސް ބުންޏެވެ. "ތިރީސް ހާސް ޑޮލަރުގެ ފަރަގެއް ފާހަގަކުރެވިފައިވޭ. ހަލާކުވެފައިވާ ފައިސާ ވެސް ފައިސާ ބެހެއްޓިފައިވާ ތަނުން ކޮތަޅެއްގެ ތެރެއިން ފެނިފައިވާތީ އެކަން ފޮރެންސިކް މެދުވެރިކޮށް ދަނީ ބަލަމުން," އޮފިޝަލް ވިދާޅުވިއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އެކި މައްސަލަތަކާ ގުޅިގެން ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު ވެސް ގެންދެއެވެ. އެހެން ގެންދާ ފައިސާއާއި މަސްތުވާތަކެއްޗާއި އަގު ބޮޑެތި އެހެން ސާމާނުތައް ވެސް މި ގޮތަށް ގެއްލޭ ކަމަށް ކުރިން ވެސް އަޑުތައް އަރައެވެ. އޭރު ކުރެވެނީ ހުސް ތުހުމަތެވެ. ނަމަވެސް، މިހާ ބޮޑު މައްސަލައެއް ހިނގައިގެން އުޅޭކަން މިއީ ފުލުހުން ޔަގީންކޮށްދިން ފުރަތަމަ ފަހަރެވެ. ސުވާލަކީ, ރައްޔިތުންގެ މުދަލާއި ފުރާނައިގެ ރައްކާތެރި ކަމަށް އުފައްދާފައިވާ މި މުއައްސަސާގައި މިއީ އަލަށް ހިނގި ކަމެއްތޯއެވެ؟ 23 އޭޕްރީލް 2025: ވެއްޓުނު އަންހެން ކުއްޖާއަށް އިންސާފު ހޯދައިދޭންށާއި ފުލުހުން މުއައްސަސާ އިސްލާހު ކުރަން ގޮވާލައި ގިނަ އަދަދެއްގެ ޒުވާނުން އެއްވެ އަޑުއުފުލުން -- ސަން ފޮޓޯ/ މޫސާ ނަދީމް އާ ކަމެއް ނޫން! ރައްކާތެރިކަމާއި އިންސާފު ގާއިމުކޮށްދޭން އުފައްދާފައިވާ މުއައްސަސާތަކުގައި އެފަދަ ކުށްތައް ހިނގާނަމަ އެއީ ވަރަށް ވެސް ބޮޑު ނުރައްކަލެކެވެ. އެހެންވެ، މިކަން ފުލުހުންގެ ތެރޭގައި އޮތް މިންވަރު ބެލުމަށް އިތުބާރުހުރި ތަފާތު މަސްދަރުތަކުން އެއްކުރި މައުލޫމާތުން ޔަގީންވީ މިއީ އަލަށް ހިނގައިގެން އުޅޭ ކަމެއް ނޫން ކަމެވެ. "ވަރަށް އާންމު ނޫނަސް މަދުމަދުން ދިމާވެފައި އެބަހުރި މިކަހަލަ ކަންކަން. ފާއިތުވި 25 އަހަރު ހިނގި ތީގެ 3-4 މައްސަލައެއް އެނގޭ. އެކަމަކު، އެ ހުރިހާ މައްސަލައެއް ވެސް ތަހުގީގުކޮށް، ފިޔަވަޅު އެޅިކަމަށް އެނގިފައި އޮތީ," ފުލުހުންގެ އިސްވެރިއަކާ މި މައްސަލައިގައި ސުވާލުކުރުމުން ވިދާޅުވިއެވެ. ފުލުހުންގެ އިދާރާގެ ތެރެއިން މިކަން ހިނގާކަން ޔަގީންވުމުން ދެން ބެލީ ގާނޫނީ ވަކީލުންގެ ފަރާތުން މިކަން ޔަގީންވޭތޯއެވެ. އެއީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނާއި އެ މީހުންގެ އަތުން އަތުލާ ތަކެއްޗަށް ވާގޮތް އެންމެ ރަނގަޅަށް އެނގޭނެ މީހުންނަކީ ވަކީލުން ކަމަށް ވާތީއެވެ. އެގޮތުން ވާހަކަދެކެވުނު ބައެއް ގާނޫނީ ވަކީލުން މި ކަމަކާ މާ ހައިރާނެއް ނުވެއެވެ. އެއީ، މިއީ އެ މީހުންނަށް މާ އައު ކަމަކަށް ނުވާތީއެވެ. މައުލޫމާތު ދިން ބައެއް ގާނޫނީ ވަކީލުން ވިދާޅުވީ، މިފަދަ މައްސަލަތައް ދޭތެރެދޭތެރެއިން ހިނގާފައި އެބަހުރި ކަމަށެވެ. އެގޮތުން، ތުހުމަތުގައި ހިފެހެއްޓި ފައިސާ, މައްސަލަ ސާބިތުނުވުމުން ފުލުހުންގެ އަތުން ހޯދަން އުޅެ, ކުދި އަދަދާއި ބޮޑެތި އަދަދުތަކުން ވެސް ނުލިބި އެބަހުރި ކަމަށް ބައެއް ވަކީލުން ވިދާޅުވިއެވެ. "ވަރަށް ފަހުން ވެސް ބިދޭސީއެއްގެ އަތުން އަތުލި ޑޮލަރުތަކެއް ނުލިބި އެބަހުރި. ދައުވާ ނުކުރަން ނިންމީމާ ވެސް އެ ބިދޭސީ މީހާ ފަހުން ފުރައިގެން ދިޔައީ. އޭނާއާ ހަވާލުވެ ހުރި ދިވެހި ވެރިމީހާ މަސައްކަތްކޮށްގެން ވެސް އެ ފައިސާއެއް ނުލިބޭ އަދިވެސް," ވަރަށް ފަހުން ދިމާވި މިފަދަ މައްސަލައެއް ގާނޫނީ ވަކީލަކު ކިޔައިދެއްވިއެވެ. ބައެއް ގައުމުތަކުގައި ފުލުހުންގެ ފަރާތުން މިފަދަ މައްސަލަތައް ފާހަގަވުމަކީ އާއްމު ކަމެކެވެ. މީހުން ޖޫރިމަނާކޮށް ހޯދާ ފައިސާ އަމިއްލަ ބޭނުމަށް ބައެއް ގައުމުތަކުގައި ފުލުހުން ބޭނުން ކުރާ ކަމަށް ވެއެވެ. އަދި، ފައިސާ ދިނުމުން ޓްރެފިކް ކުށްތަކުގައި ހިފަހައްޓާ މީހުން ވެސް ދޫކޮށްލައެވެ. ނަމަވެސް، ރާއްޖޭގައި މިއީ ހިނގާ ކަންކަމެއް ނޫނެވެ. ރާއްޖޭގައި ކުރާ ޖޫރިމަނާތައް ދައްކަން އޮންނަނީ އެއަށް ވުރެ ހަރުދަނާ އުސޫލެކެވެ. އެކިއެކި އޮޕަރޭޝަންސްތަކުގައި ތަންތަން ބަލައި ފާސްކުރާއިރު ފެންނަ ފައިސާއާއި އެހެނިގެން ތަކެތީގެ ތެރެއިން ބައެއް ތަކެތި ދައްކާފައި އަނެއްބައި ތަކެއްޗަށް ޚިޔާނާތްވާ ކަމަށް ވެސް ބައެއް ގައުމުތަކުގައި ފުލުހުންގެ މައްޗަށް ތުހުމަތުކުރެވެއެވެ. ބޮޑީ ކެމެރާ ބޭނުންކުރަން ލާޒިމުކުރަނީ ވެސް މިފަދަ ކަންކަން ހިނގުމުގެ ފުރުސަތު ނުދިނުމަށެވެ. މިފަދަ ކަމެއް ދިވެހި ފުލުހުންގެ މެދުގައި ހިނގިކަން އެނގޭކަށް ނެތެވެ. ރާއްޖޭގެ ފުލުހުންގެ އިދާރާގައި މަސައްކަތްކުރާ ގިނަ ފުލުހުންނަކީ ތައުލީމާއި ތަމުރީނުގެ އިތުރުން އަހުލާގީ ގޮތުން ވެސް ރަނގަޅު މީހުން ނަމަވެސް ދޭތެރެ ދޭތެރެއިން ބައެއް ފުލުހުންގެ ކަންބޮޑުވާން ޖެހޭ މައްސަލަތައް ފެންމަތިވެއެވެ. މި ފަހުން ހިނގި އެފަދަ އެއްކަމަކީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ހިނގި ކަމެކެވެ. މާލޭގެ ގެއެއްގައި, ދެ ޖިންސުގެ ބަޔަކު, މަސްތުވާތަކެތި ބޭނުންކޮށްގެން ޕާޓީކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ފުލުހުންގެ، ޑުރަގު އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ)ގެ އިސް ފުލުހަކު ހިމެނުނެވެ. އެ މީހުން ހައްޔަރުކުރި ތަނުން އެއް ކިލޯއަށް ވުރެ ގިނަ ޕާޓީ ޑްރަގްސް ފެނިފައިވާ ކަމަށް އޭރު ބުންޏެވެ. މި ކޭސްގައި އެންމެ ނުރައްކާތެރި ކަމަކަށްވީ, މަސްތުވާތަކެތީގެ މި މައްސަލާގައި ހައްޔަރުކުރި ފުލުސް މީހާއަކީ, ޑުރަގު އެންފޯސްމެންޓްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބަލަހައްޓާ ޓީމުގައި ހިމެނޭ މީހަކަށް ވާތީއެވެ. https://sun.mv/174616 މި މައްސަލައިގައި ތުހުމަތުކުރެވޭ ފުލުސް މީހާގެ މައްސަލަ ބަލައި ފުރަތަމަ ނިންމީ އޭނާ ވަޒީފާއިން ވަކިކުރުމަށެވެ. ނަމަވެސް، އެ މައްސަލަ އޭނާ ފުލުހުންގެ އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޓީން ނިންމީ އޭނާ ވަޒީފާއިން ވަކިނުކޮށް, މަގާމު ދަށްކޮށްފައި ބެހެއްޓުމަށެވެ. މިކަން ހިނގުމާއެކު އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ މަސްތުވާތަކެތީގެ އެކިއެކި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ތަކެތި ނައްތާނުލައި، އަލުން ބޭރު ތެރެއަށް ނެރެފާނެތީއެވެ. ނަމަވެސް، ފުލުހުން އޭރު ބުނިގޮތުގައި އެ ކޭސްގައި ހައްޔަރުކުރި މީހާއަކީ ޑުރަގު އެންފޯސްމެންޓްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބަލަހައްޓާ ޓީމުގައި ހިމެނޭ ފުލުހެއް ނަމަވެސް އެ ޑިޕާޓްމެންޓްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބެލެހެއްޓުމުގައި އަމަލުކުރާ އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން އެތަކެތި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއްވެސް ފުރުސަތެއް އެ ފުލުހަށް ނުވަތަ އެހެންވެސް ފުލުހަކަށް ނޯންނާނެ ކަމަށެވެ. އޭގެ އިތުރުން، މި ފަހުން މާލޭން ވެސް އަންހެން ފުލުހަކު ވަނީ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައެވެ. ހަމަ އެހެންމެ އެފަދަ މައްސަލައެއްގައި ހައްޔަރުކުރި ފިރިހެން ފުލުހަކު ކޯޓުގައި އޭނާއަކީ ފުލުހެއް ނަމަވެސް, ހުވާ ނުކުރާ ކަމަށް ބުނި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އަދި، ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންގެ އަމިއްލަ އެކައުންޓުތަކަށް ކޮއްތު ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް ވެސް މި ފަހުން ފަޅާއެރިއެވެ. ބޮޑެތި ތުހުމަތުތަކެއް: ހަރުދަނާ އުސޫލެއް ނެތީތަ؟ ކުރެވޭ ބޮޑު ތުހުމަތުގެ ސަބަބުން މި ރިޕޯޓަށް ފުލުހުންގެ ރަސްމީ ބަހެއް ހޯދާލުމަށް އެކި ގޮތްގޮތުން މަސައްކަތްކުރި ނަމަވެސް މިހާތަނަށް ވަނީ ކޮމެންޓެއް ލިބޭގޮތް ނުވެފައެވެ. ސާފުކޮށްލަން ބޭނުންވީ މި ގޮތަށް އަތުލާތަކެއްޗާ މެދު ފުލުހުން އަމަލުކުރަން ހަރުދަނާ އުސޫލެއް އޮވޭތޯއެވެ. މި ސުވާލުތައް ފުލުހުންގެ މީޑިއާ އޮފިޝަލުންނާ ކުރުމުން އަދި މިހާތަނަށް ޖަވާބެއް ނުދެއްވައެވެ. ނަމަވެސް، ފުލުހުންގެ ވެރިއަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު ވަނީ, މައްސަލަތައް ތަހުގީގު ކުރާ އިންވެސްޓިގޭޝަން އޮފިސަރުންނާއި ޑިޕާޓްމަންޓްތަކަށް, ސޭފްތަކުގައި ފައިސާ ނުބަހައްޓަން ލިޔުމުން އަންގައިފައެވެ. މިހާރު އަމަލުކުރަމުން އަންނަ އުސޫލަކީ، ހެކީގެ ގޮތުގައި ފޮރެންސިކް ބޭނުމަށް އެ ނޫޓުތައް ބޭނުންނުވާހާ ހިނދަކު ހިފެހެއްޓި ފައިސާ 72 ގަޑިއިރު ތެރޭގައި ފިނޭންސް ޑިޕާޓްމަންޓްގެ ބޭންކް އެކައުންޓަށް ޖަމާކުރުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ފުލުހުންގެ ބޮޑީވޯން ކެމެރާއެއް: -- ފޮޓޯ/ ފުލުހުން އެކިއެކި ކުށްކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ފައިސާއާއި އެހެނިހެން ތަކެއްޗަށް ވީނުވީއެއް ނޭނގި ގެއްލޭކަމުގެ މައުލޫމާތު, ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)އަށް، އެ އިދާރާގެ އިސް ބޭފުޅުންތަކެއްގެ ފަރާތުން ލިބުމުން, ކުޑޫ ވަނީ މިދިޔަ އަހަރުގެ އޮގަސްޓް 22 ވަނަ ދުވަހު ހޯމް ލޭންޑް މިނިސްޓަރު އަލީ އިހްސާނާ ރަސްމީކޮށް އެ ސުވާލު ކުރައްވައިފައެވެ. ކުޑޫ ފޮނުއްވި ސުވާލުގައި އައްސަވާފައިވަނީ ފުލުހުންނާއި ކަސްޓަމްސްއިން އެކި ތުހުމަތުތަކުގައި ހިފަހައްޓާ ފައިސާ ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް އެ މުއައްސަސާތަކުގައި ގާއިމު ކުރެވިފައިވޭތޯއެވެ. އެ ސުވާލަށް މަޖިލީހަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ، މިފަދަ ކަންކަމުގައި އަމަލުކުރާނެ ޚާއްސަ އުސޫލެއް ފުލުހުންގެ ތެރޭގައި އޮންނަ ކަމަށެވެ. އެގޮތުން، އެކިއެކި ކުށްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ނެގޭ ދިވެހި ރުފިޔާ 24 ގަޑިއިރުގެ ތެރޭގައި ފުލުހުންގެ ހެޑްކުއާޓާއަށް ގެންގޮސް, ކަމާގުޅުންހުރި ފުލުހުންގެ ޑިޕާޓްމަންޓް މެދުވެރިކޮށް, އެ ފައިސާ އެމްއެމްއޭގައި ހުންނަ ވަގުތީ އެކައުންޓަކަށް ޖަމާކުރާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި، އެގޮތަށް ނަގާ ބޭރު ފައިސާ ބަހައްޓަނީ ފުލުހުންގެ އިދާރާގައި އެ ކަމަށް ޚާއްސަ ކޮށްފައި ހުންނަ ތިޖޫރިއެއްގައި ކަމަށް އިހްސާން އޭރު ވިދާޅުވިއެވެ. "ޖިނާއީ މައްސަލަ ނިމި ކޯޓުން ވަކި ގޮތެއް އަންގައި ނިމުމުން އެ ފައިސާއަށް ދެން އަމަލުކުރާނެ ގޮތެއް އެ ހިސާބުން ދެން ކަނޑައެޅިގެން ދާނެ. މި ފައިސާއަކީ އެޓް އެނީ ގިވެން ޓައިމްގައި ފުލުހުންގެ ބަހާތަކުގެ އިސްވެރިންނާއި އަދި ދައުލަތުގެ އިދާރާއެއްގެ އިސްވެރިއަކު ބޭނުންފުޅުވާ ކަމަށް ވެއްޖެއްޔާ އޮންނަ އުސޫލުގެ ތެރެއިން އޮޑިޓް ކުރެވި, އެ މައުލޫމާތު ރައްކާ ކުރެވިގެންދާ ތަނެއް," އިހްސާން މިދިޔަ އަހަރު އެ ޔަގީންކަން ދެއްވަމުން ވިދާޅުވިއެވެ. މިނިސްޓަރު އިހްސާން އޭރު ޔަގީންކަން ދެއްވީ އެފަދަ ފައިސާއަށް ހިނާޔާތްތެރި ނުވެވޭ ގޮތަށް ހަރުދަނާ އުސޫލުތަކެއް ހަދާފައިވާ ކަމަށެވެ. އެ ޔަގީންކަމަށް އެއް އަހަރު ނުވަނީސް މި މައްސަލަ މި ވަނީ ފެންމަތިވެފައެވެ. ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަކީ ކޮބާ؟ ބައެއް ގައުމުތަކުގައި ފުލުހުންގެ އިދާރާއަށް ސީރިއަސް ތުހުމަތުތައް ކުރެވޭއިރު އަނެއްބައި ގައުމުތަކުގައި މިފަދަ މުއައްސަސާތަކަކީ ވަރަށް ހަރުދަނާކޮށް ހިނގާ ތަންތަނެވެ. އުސޫލުތައް ހަރުދަނާ ވެފައި ތަންފީޒު ކުރުން ވަރަށް ވެސް ރަނގަޅެވެ. އޭގެ ތެރޭގައި އެކިއެކި ތުހުމަތުތަކުގައި ފުލުހުންގެ އިދާރާއަށް ގެންނަތަކެއްޗާމެދު އަމަލު ކުރާ ގޮތް ވެސް ހިމެނެއެވެ. އެގޮތުން، ޕްރޮފެޝަނަލް ޕޮލިސް ފޯސްތަކުގައި އަތުލައިގަންނަ ފައިސާ ބަލަހައްޓަނީ ވަގަށް ނުނެގޭނެ, ހަރުކަށި ގަވައިދުތަކެއްގެ ދަށުންނެވެ. ހިންގާ އޮޕަރޭޝަނެއްގައި އޮފިސަރުން ފައިސާ ނަގާއިރު އެތަން ބަލަން, އަދި ފައިސާ ގުނާއިރު ހެކިންގެ ގޮތުގައި މަދުވެގެން ދެ އޮފިސަރުން ތިބޭނެއެވެ. ނޫނީ ބައެއް ފަހަރު އެހެން މިނިވަން ހެކިވެރިން ބައިތިއްބައެވެ. އަދި، އެ އަދަދު ޑޮކިއުމެންޓްކޮށް، ފޮޓޯ ނަގައި، ޓެމްޕާ ޕްރޫފް އެވިޑެންސް ކޮތަޅެއްގައި ބަހައްޓާފައި ހުންނަނީ ޔުނިކް ކޯޑަކުން ފާހަގަކޮށްފައެވެ. މީގެ އިތުރުން، ފުލުހުންގެ ސްޓޭޝަންތަކުގައި ގިނަ އަދަދެއްގެ ފައިސާ ދިގު މުއްދަތަކަށް ނުބެހެއްޓޭނެއެވެ. ސިންގަޕޫރާއި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި 24 ގަޑިއިރާއި 48 ގަޑިއިރުގެ ތެރޭގައި, އެ ގޮތަށް އަތުލައިގަންނަ ފައިސާ, ސަރުކާރުން ކަނޑައަޅާ ފައިވާ ބޭންކް އެކައުންޓަކަށް ޖަމާކުރަން ލާޒިމުވާނެއެވެ. އަދި، އެވިޑެންސް ރޫމްތަކުގައި މެދުނުކެނޑި ރިކޯޑްކުރާ ކެމެރާތައް ހުންނައިރު, އެތަންތަނަށް ވަދެވޭނީ މަދުވެގެން ދެ އޮފިސަރުންގެ ހާޒިރުގައެވެ. ކިތަންމެ މުހިންމު ކަމެއްގައި ވިޔަސް އެފަދަ ރޫމުތަކަކަށް އެކަކަށް އެކަނި ނުވަދެވޭނެއެވެ. ނަގުދު ފައިސާ ހިމެނޭ ކޮންމެ މުއާމަލާތެއް ވެސް ލޮގްކޮށް، އިންޓާނަލް އަދި އެކްސްޓާނަލް އިންސްޕެކްޓަރުން ގަވާއިދުން އޮޑިޓްތައް ކުރެއެވެ. ނަތީޖާއެއްގެ ގޮތުން ފައިސާ ގެއްލުމުގެ ފުރުސަތު ކުޑަވެ، ނިޒާމާމެދު ރައްޔިތުންގެ އިތުބާރު އިތުރުވެއެވެ. ފުލުހުން ހިންގި އޮޕަރޭޟަނެއްގައި އަތުލައިގަތް 13 ކިލޯ މަސްތުވާތަކެއްޗާއި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ: އެތަކެއްޗާ އެކަކު ވަނީ ހަވާލުވެފައި --- ފޮޓޯ: ފުލުހުންއެއީ ތަހުޒީބީ އަދި ކަންކުރަން ޖެހޭ ގޮތަށް ކުރާ ގައުމުތަކުގައި އަމަލު ކުރާ އުސޫލެވެ. އެ ގައުމުތަކުގައި ފުލުހުންނާމެދު އާއްމުންގެ އިތުބާރު ބޮޑުވެފައިވަނީ ގިނަ ސަބަބުތަކަކާ ހުރެއެވެ. ރާއްޖޭގައި އެފަދަ އުސޫލެއް ނެތްނަމަ އުސޫލު ހަދަން ޖެހެއެވެ. އުސޫލެއް އޮތްނަމަ ތަންފީޒުކުރަން ޖެހެއެވެ. ރާއްޖޭގައި އެންމެ ބޮޑު މައްސަލައަކީ ގާނޫނާއި, ގަވާއިދާއި އުސޫލުތައް ތަންފީޒު ނުވާތީއެވެ. ރާއްޖޭގެ ފުލުހުންގެ އިދާރާއަކީ ޖުމުލަކޮށް ހަރުދަނާކޮށް ހިންގާ މުއައްސަސާއެކެވެ. ނަމަވެސް، ސިޔާސީ ނުފޫޒުން ކަންކަން ކުރުން އާއްމު ވާހަކައާއި, މަސްތުވާތަކެތީގެ މައްސަލަތަކުގައި މަދުން ނަމަވެސް ފުލުހުންގެ ބައިވެރިވުން އޮންނަ ވާހަކަ ދޭތެރެދޭތެރެއިން އަޑުއިވެއެވެ. ސިފައިންނާއި ފުލުހުންގެ ވެލްފެއާ ކުންފުނި ތެރޭގައި ކޮރަޕްޝަންގެ ގިނަ ކަންތައްތަކެއް ހިންގާފައިވާ ކަމަށް ވެސް މި ފަހުން އަނެއްކާ ވެސް މި ވަނީ ފެންމަތިވެފައެވެ. އެހެން އޮއްވައި ރޭ ފެންމަތި މިވީ ވެސް ސީރިއަސް މައްސަލައެކެވެ. ރައްކާތެރިކަން ކަށަވަރުކުރަން އޮންނަ ފުލުހުންގެ އިދާރާގެ ތިޖޫރީން ވައްކަން ކުރެވޭނަމަ އެއީ ނުރައްކަލެކެވެ. މިފަދަ ކަންކަން ވިޔަނުދީ, މުއައްސަސާގެ އަގު ހިފަހައްޓަން މުހިންމު ފިޔަވަޅުތަކެއް އަޅަން ލަސް ވެސް ވެއްޖެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ