ކުރިއަށް އޮތް 2 ދުވަހު ވެސް މޫސުން ގޯސްވާނެ، ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވޭ

މިއަދާއި ކުރިއަށް އޮތް 2 ދުވަހު އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ. އަދި އެ ސަރަހައްދަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
އުތުރާއި މެދުރާއްޖެތެރެއަށް އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މޫސުން ގޯސްވެ މެޓް އޮފީހުން މިހާރު ވެސް ވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ރަށްތަކަށް އޮރެންޖު އެލާޓް ނެރެފައެވެ. ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ. ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓް އޮފީހުގެ ސަމާލުގައި ބުނެފައި ވެއެވެ.
ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މެޓް އޮފީހުން ވަނީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތް ވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް މެޓް އޮފީހުން ވަނީ ގޮވާލާފައެވެ.
މި އަހަރުގެ ޖޫން، ޖުލައި، އޮގަސްޓް އަދި ސެޕްޓެންބަރު މަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ