އިންޑިއާ ސިފައިން ރާއްޖޭގައި އަދިވެސް އެބަތިބި

އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި އަދިވެސް އެބަތިބި ކަމަށާއި އެގޮތުން އިންޑިއާގެ ނޭވީ ހެލިކޮޕްޓަރާއި، ޑޯނިއާ އާއި ރާޑަރު ސްޓޭޝަންތަކުގެ އިތުރުން ނޭވީ ސްޓާފުން ވެސް ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެހެންކަމުން އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށް އުމަރު ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ސިފައިންގެ ފަހު ބެޗް އިއްޔެ ވަނީ ރާއްޖެ ދޫކޮށް ގޮސްފަ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އިންޑިއާގެ ސިފައިންގެ ފުރަތަމަ ބެޗް ރާއްޖެ އިން ފޭބީ މާޗް މަހުގެ ކުރީކޮޅު އެވެ. އަދި ދެވަނަ ބެޗް ފޭބީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ހަރަކާތްތެރިވަމުން ގޮސްފައިވެ އެވެ. އެ މީހުންނަކީ އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓްގެ އޮޕަރޭޝަނަށާއި އޭގެ މެއިންޓަނަންސަށް ތިބި މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ