ގާފަރު ފަޅުން 16 ރަށް ހިއްކަން އެޓޯލް ވޯކްސް ލިމިޓެޑާ ހަވާލުކޮށްފި

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ކ. ގާފަރު ފަޅުގައި 16 ރަށް ހިއްކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރަން ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އެޓޯލް ވޯކްސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.
އެމްއެފްއެމްސީ އިން ބުނީ، މި އެއްބަސްވުމުގެ ދަށުން ކ. ގާފަރު ފަޅުގައި 14 ޕްރައިވެޓް އައިލެންޑް އަދި ދެ ލަގްޒަރީ ރިސޯޓު ތަރައްގީ ކުރުމަށް ޖުމްލަ 16 ރަށް ހިއްކަން ނިންމާފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ކ. ގާފަރަށް 40 ހެކްޓަރު އިތުރު ކުރަން ބިން ހިއްކުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އެ ކޯޕަރޭޝަން އިން ބުނެއެވެ.
ޖުމްލަ 106.91 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާ އިރު، ކ. އަތޮޅުގައި މިފަދަ ގޮތަކަށް އެއް ފަޅަކުން ގިނަ ރައްތަކެއް ހިއްކަން ނިންމި މިއީ ފުރަތަމަ ފަހަރު ވެސް މެއެވެ.
މިއަދު 16 ރަށް ހިއްކުމަށް ހަވާލުކުރި މަޝްރޫއަށް ޖުމްލަ 36.5 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ ތެރިން، ހިއްކުމުގެ މަސައްކަތަށް 3،747،792 ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެ ކަމަށާއި ކިއުބިކް މީޓަރަކަށް 7.8 ޑޮލަރުގެ ރޭޓުން، ޖުމްލަ 29،232،774 ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށް އެމްއެފްއެމްސީން ބުނެއެވެ. މި އަދަދަކީ ރާއްޖޭގައި މިވަގުތު ހިންގަމުންދާ ހިއްކުމުގެ މަޝްރޫއު ތަކަށް ދާ ހަރަދަށް ވުރެ ވަރަށް ކުޑަ އަދަދެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ކޮންޓްރެކްޓަރު ފައިނޭންސިންގެ އުސޫލުން ކަމަށާއި، އެޑްވާސްންސް ޕޭމަންޓްގެ ގޮތުގައި އެ ކުންފުނިން އެއްވެސް ފައިސާއެއް ދައްކަން ނުޖެހުމާ އެކު، މި އެއްބަސްވުމުގެ ދަށުން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެމްއެފްއެމްސީ އިން ބުނެއެވެ. އަދި މި މަސައްކަތަށް ދާ ހަރަދު އެ ކުންފުނިން ކޮންޓްރެކްޓަރަށް އަނބުރާ ދެއްކުމަށް ހަމަޖެހިފައި ވަނީ، ރަށްތައް ހިއްކައި ނިންމާ، އެ ރަށްތައް ދިގު މުއްދަތަށް ކުއްޔަށް ދޭ އުސޫލުން ވިއްކައިގެން، އާމްދަނީ ހޯދައިގެން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ކ. ގާފަރު ފަޅަކީ ސަރުކާރުން އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ތަރައްގީކުރުމަށް އެމްއެފްއެމްސީއަށް ހަވާލުކޮށްފައިވާ ފަޅެކެވެ. މި ފަޅު ތަރައްގީ ކުރުމުގެ ކޮންސެޕްޗުއަލް މާސްޓަ ޕްލޭން ނިމިފައިވާއިރު، މި މަޝްރޫއަކީ ދިވެހި ސަރުކާރުން އިސްނަގައިގެން އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް، ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން، ވިއްކާނެ ގޮތަށް ފަރުމާކޮށްފައިވާ ފުރަތަމަ މަޝްރޫއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ