ދައުލަތުގެ ކުންފުނިތައް ހިންގޭނެ ފެންވަރު ހުރި ބޭފުޅަކީ ގާސިމް އިބްރާހީމް: އަލީ ހުސެއިން

ދައުލަތުގެ ކުންފުނިތައް ހިންގޭނެ ފެންވަރު ހުރި ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާޙީމްކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރަސްމީ އިންތިޚާބީ އެޖެންޓު އަދި ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަލީ ވަހީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، މިއަދުގެ ހާލަތަށް ބަލާއިރު ދައުލަތުގެ ބޮޑެތި ކުންފުނިތަކާއި ވިޔަފާރިތައް ނަގާ ކޮޅަށްޖެހޭނެ ހަމައެކަނި ވެރިއަކީ ގާސިމް އިބްރާހީމް ކަމަށެވެ.
ދުނިޔޭގެ ތަހުޒީބު ގައުމުތަކުގަ ކަންކުރާގޮތް ބަލަންޖެހޭކަން ފާހަގަކުރައްވާ އަލީ ވިދާޅުވީ، ރިޔާސީ އިންތިޚާބެއްގަ ގޮތް ނިންމާއިރު ވިސްނަންޖެހޭ ކަންތައްތައް ވަރަށް ގިނަ ކަމަށާއި އެގޮތުން ދައުލަތުން ކުރާ ވިޔަފާރިތައް ނަގާ ކޮޅަށްޖެހޭނެ ގޮތްތައްވެސް ހޯދަން ޖެހޭ ކަމަށެވެ.
ޒުވާނުންނަށް ފަހި ފުރުސަތުތައް ހޯދައިދެވޭނީ ގާސިމަށް ކަމަށާއި ގައުމުގައި މިނިވަންކަން އުފެއްދެނީ މިނިވަން ގައުމަކާއި މިނިވަން ވިސްމުނެއް އޮވެގެން ކަމަށް ވެސް މެމްބަރު އަލީ ހުސެއިން ވިދާޅުވިއެވެ.
މިނިވަންކަމަށް މިހާ ބޮޑު ލޮޅުމެއް އައި ޒަމާނެއް ނުދެކޭކަން ފާހަގަކުރައްވާ އަލީ ހުސެއިން ވިދާޅުވީ، މިހާލަތުން އަރައިގަނެވޭނީ މިގައުމު ދެކެ ލޯބިވާ މީހަކަށް ގައުމުގެ ވެރިކަން ދީގެން ކަމަށެވެ.
މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުރީގެ ދާހިލީ ވަޒީރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަޒްލީން އަހްމަދު ވިދާޅުވީ، ސިޔާސީ ބައިބައިވުންތައް މި ގައުމުން ނައްތާލައްވާ، ގައުމީ ރޫހުގައި ސިޔާސީ މަސައްކަތް ފެއްޓެވި ވެރިއަކީ ގާސިމް އިބްރާހީމް ކަމަށެވެ.
އަޒްލީން ވިދާޅުވީ، ސިއްޚީ ޚިދުމަތް ހޯދުމާއި ވަޒީފާ ހޯދުމުގައި ދިވެހިން ވަނީ ދެވަނަ ދަރަޖައަށް ވެއްޓިފައި ކަމަށާއި ނަމަވެސް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓްގެ ސްލޯގަންއަކީ މޯލްޑިވްސް ފަސްޓް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ