ސިފައިންނާއި ފުލުހުންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްފައިވާ އޮފިސަރުން "ޓަސްލާފައި މަރުވަމުންދާ މައްސަލަ" ތަހުގީގުކުރުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މިއަދު ކަމާ ބެހޭ އިދާރާތަކަށް ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟- ރިޔާސީ ކެމްޕޭނުގައި އުޅުއްވަމުން ގާސިމް އެ ކަންބޮޑުވުން މިއަދު ފާޅުކުރެއްވީ ށ. ނޫމަރައަށް ވަޑައިގެން ދެއްކެވި ވާހަކައިގަ އެވެ.
އެނގުން މުހިއްމު- މިދިޔަ ހޮނިހިރު ދުވަހު އެމްއެންޑީއެފްގެ ސާޖެންޓް މުހައްމަދު އަހުމަދު ދީދީ މަރުވީ، ނޯތު ހާބަރުގައި ހުއްޓާ ހޭނެތިގެން ވެއްޓި، އަދި ފަރުވާ ދެމުން ދަނިކޮށެވެ. މުހައްމަދު އަހުމަދު ދީދީގެ ސިއްހީ މައްސަލައެއް ކުރިން ހުރިކަން ނުވަތަ ނޫންކަން ފަދަ މައުލޫމާތެއް އެމްއެންޑީއެފުން ހިއްސާއެއްނުކުރެ އެވެ.
އޭގެ ފަހުން މިއަދު ފުލުހުންގެ އިސް އޮފިސަރެއް ކަމަށްވާ އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު މޫސާ ވެސް ވަނީ މަރުވެފަ އެވެ. އޭނާ ވަނީ ފުލުހުންގެ ހިދުމަތުގައި މެދުނުކެނޑި 25 އަހަރު ހިދުމަތްކޮށްފަ އެވެ.
ބުނީ ކީކޭ؟- "[ކުރީގެ މަރަށް 24 ގަޑި އިރު ނުވަނީސް،] އަނެއްކާ މިއަދު އިރުއެރި އިރު... ހަމަ ފުލުހުންގެ ކޮމާންޑަރަކު އަވަހާރަވެއްޖެ. ކީއްތޯ މިވަނީ؟ މިކަން ބަލާލަން އެބަޖެހޭ
ދޯ؟ މިއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެވެސް ކަހަލަ ކަންތައްތަކެއް އެބައޮތް [ކަމެއް]،" އެއްވެސް ބައްޔެއްގެ އަލާމާތެއް ނުފެންނަ މީހުން ކުއްލި އަކަށް މަރުވަމުންދާތީ އެ ކަންބޮޑުވުން ފާޅުކުރައްވަމުން ގާސިމް ވިދާޅުވި އެވެ.
އެ ކަންބޮޑުވުމާ އެކު ގާސިމް ކަމާ ބެހޭ ދައުލަތުގެ މުއައްސަސާތަކަށް ގޮވާލެއްވީ އެ މަރުތަކުގެ ބޭރު އަދި އެތެރެ ފެންނަ ތަހުގީގެއް ހިންގުމަށެވެ. އަދި އެކަމުގެ މައުލޫމާތު ރައްޔިތުންނަށް ވެސް އަންގަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޒުވާން ނުލާހިކު އެއްވެސް ކަހަލަ އާލާސްކަންފުޅެއްގެ އަލާމާލެއް ނެތް
މީހުން ހަމަ ޓަސްޓަޓަސް ލާފައި މިދަނީ. އަޅުގަނޑަށް ވެސް އެނގޭ މަރުވެދާނެކަން
ކޮންމެ އިންސާނަކު ވެސް ކޮންމެ ވަގުތަކު ވެސް. އެހެންމެ މިއީ ކޮން އިންސިޑެންސްއެއްތޯ،
މިއީ ކިހިނެއްވާ ކަމެއްތޯ ބަލާކަށް ނުޖެހޭތޯ."؟ ގާސިމް ވިދާޅުވި އެވެ.
ސިފައިންނާއި ފުލުސް އޮފިސަރުން "ޓަސްލާފައި" މަރުވާ މައްސަލަ ތަހުގީގުކުރަން ގާސިމް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ