ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް ދޯނީގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
މި ޙާދިސާގައި އަލިފާން ރޯވެފައިވަނީ "އޮގްޒޮން ކެރިއަރ 2" ނަމަކަށްކިޔާ ދޯންޏެއްގައެވެ.
މި ހާދިސާގެ މަޢުލޫމާތު މިއަދު 13:22 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ދަތުރުކޮށްފައެވެ. އެ ސަރަހައްދަށް ގޮސް ފަޔަރފައިޓަރުން ކުރި މަސައްކަތުން، ދޯނީގެ އިންޖީނު ރޫމުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 14:45 ހާއިރުކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 5 މީހުން ވަނީ އެހެން ދޯންޏަކަށް އަރައި، ރައްކާތެރިކަން ހޯދާފައެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، ދޯނީގެ އިންޖީނު ރޫމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
ގުޅީފަޅު ބޭރުގައި އޮތް ދޯނީގައި ރޯވި އަލިފާން ނިއްވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ