އިނގިރޭސިވިލާތުގައި ބޭއްވި އިންތިހާބުތަކުގައި، ވެރިކަން ކުރާ ލޭބާ ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުނު ނަމަވެސް، މަގާމުން އިސްތިއުފާދެއްވުމަށް ބޮޑުވަޒީރު ކިއަރު ސްޓާމާ އިންކާރު ކުރައްވައިފި އެވެ.
އިންގްލެންޑްގެ ކައުންސިލް ގޮނޑިތަކުގެ ތެރެއިން 1,100އަށް ވުރެ ގިނަ ގޮނޑި ލޭބާ ޕާޓީއަށް ގެއްލި، ވޭލްސްގައި ވޭތުވެދިޔަ 27 އަހަރު ކުރަމުން އައި ވެރިކަން ނިމުމަކަށް އައުމާ ގުޅިގެން ވާހަކަދައްކަވަމުން ސްޓާމާ އިއްޔެ ވިދާޅުވީ، ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ދޫކޮށްލުމަށް ފަހު މަގާމުން ވަކިވެވަޑައިނުގަންނަވާނެ ކަމަށެވެ.
މި އިންތިހާބުގައި ރިފޯމް ޔޫކޭ ޕާޓީން ވަނީ 1,400އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް، މީގެ ކުރިން ލޭބާ އަދި ކޮންޒަވޭޓިވް ޕާޓީގެ ބާރު އޮތް ބައެއް ކައުންސިލްތަކުގެ ކޮންޓްރޯލް ހޯދާފަ އެވެ. އެ ޕާޓީގެ ލީޑަރު ނައިޖެލް ފަރާޖް މި ނަތީޖާ ސިފަކުރެއްވީ އިނގިރޭސި ސިޔާސީ މަސްރަހަށް އައި ތާރީހީ ބޮޑު ބަދަލެއްގެ ގޮތުގަ އެވެ.
ބީބީސީގެ އަންދާޒާތަކަށް ބަލާއިރު، މުޅި ގައުމުގެ ވޯޓުގެ %26އާ އެކު އެންމެ ކުރީގައި އުޅެނީ ރިފޯމް ޔޫކޭ އެވެ. ގްރީން ޕާޓީއަށް %18 ލިބުނުއިރު، ލޭބާ ޕާޓީ އާއި ކޮންޒަވޭޓިވް ޕާޓީއަށް ލިބިފައިވަނީ ކޮންމެ ޕާޓީއަކަށް %17 ވޯޓެވެ.
ވޭލްސްގައި ޕްލައިޑް ކަމްރީ އެންމެ ބޮޑު ޕާޓީގެ ގޮތުގައި ފާހަގަވެގެން ދިޔައިރު، ސްކޮޓްލެންޑްގައި ސްކޮޓިޝް ނޭޝަނަލް ޕާޓީ (އެސްއެންޕީ)އަށް ލިބުނު ތާއީދު ކުޑަވި ނަމަވެސް، އެ ޕާޓީން ވަނީ ވެރިކަން ދަމަހައްޓާފަ އެވެ.
ލޭބާ ޕާޓީގެ މަދުވެގެން 22 މެންބަރަކު ފާޅުގައި ސްޓާމާ އިސްތިއުފާ ދެއްވުމަށް ނުވަތަ މަގާމުން ވަކިވާނެ ތާރީހެއް އިއުލާން ކުރުމަށް ގޮވާލުމާ ގުޅިގެން އޭނާއަށް އޮތް ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ. ނަމަވެސް، ސަރުކާރުގެ އިސް ވަޒީރުން ކަމަށްވާ ވެސް ސްޓްރީޓިން، ރޭޗަލް ރީވްސް އަދި އިވެޓް ކޫޕާ ވަނީ ސްޓާމާގެ ލީޑަޝިޕަށް ތާއީދުކުރައްވާފަ އެވެ.
ސްޓާމާ ވިދާޅުވީ ވޯޓުލީ މީހުން ދިން މެސެޖު ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، ޕާޓީގެ ފިކުރަށް ބޮޑު ބަދަލެއް ގެނައުމުގެ ބަދަލުގައި، ލޭބާ ޕާޓީން އިސްކަންދޭންވާނީ ބައިބައިވުން ނައްތާލައި، އެންމެން ގުޅިގެން ކުރިއަށްދާނެ ސިޔާސީ ހަރަކާތެއް ބިނާކުރުމަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ލޭބާ ޕާޓީއަށް ބޮޑު ނާކާމިޔާބީއެއް؛ ސްޓާމާ އިސްތިއުފާއެއް ނުދެއްވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ