އިމާރާތްކުރުމާއި ގެދޮރުގެ ވިޔަފާރި މި އަހަރު 3.5 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކޮށްފައިވާއިރު އަންނަ އަހަރު ސަރުކާރުން އުމްރާނީ ތަރައްގީއަށް ކުރާ ހޭދަ އިތުރުވެ އެ ދާއިރާގެ ކުރިއެރުން 5.2 އިންސައްތައިން އިތުރުވާނެކަށް ލަފާކޮށްފައިވޭ.
އިމާރާތްކުރުމުގެ ސިނާއަތާއި ރިއަލްއެސްޓޭޓް ވިޔަފާރީގެ ކުރިއެރުން މި އަހަރު ނިމޭއިރު 3.5 އިންސައްތާގައި ހުންނާނެކަމަށާއި އަންނަ އަހަރު 5.2 އިންސައްތައަށް އިތުރުވާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކޮށް މިހާރު ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ސަރުކާރުން ފާހަގަކުރި ގޮތުގައި ފާއިތުވި އަހަރު ނިމުނުއިރު ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ 3.5 އިންސައްތައިން ކުރިއެރި އެވެ. ނަމަވެސް ކޮވިޑް-19 ގެ އާލަމީ ވަބާގެ ކުރިން އެ ސިނާއަތުގެ ކުރިއެރުން ހުރި މިންވަރަށް ނިމުނު އަހަރުގެ ނިޔަލަށްވެސް އިއާދަވެފައިނުވާކަމަށް ބަޖެޓު ފޮތުގައި ބުނެފައިވެ އެވެ.
އޭގެ އިތުރަށް ކޮވިޑްގެ ކުރިން އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރި މިންވަރަށް އެތަކެތި އެތެރެކުރުންވެސް އިތުރުނުވާކަން ބަޖެޓު ފޮތުގައި ފާހަގަކުރި އެވެ. އިމާރާތްކުރުމާއި ރިއަލްއެސްޓޭޓު ވިޔަފާރި ކޮވިޑުގެ ކުރީގެ ހާލަތަށް އިއާދަނުވަނީ ކޮވިޑްގެ ސަބަބުން ކުރި ދިގު މުއްދަތުގެ އަސަރުތަކުން އަރައިނުގަނެވޭތީ އެވެ.
މި އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި 2023 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިމާރާތްކުރުމުގެ ދާއިރާގައި ބޭނުންކުރާ ތަކެތި އިމްޕޯޓުކުރި މިންވަރު 6.8 އިންސައްތަ ދަށްވިކަން ބަޖެޓު ފޮތުގައި ފާހަގަަކުރި އެވެ. ސަބަބެއްކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރަނީ މާލީ ހާލަތާ އެކަށޭނެ ގޮތަކަށް ސަރުކާރުގެ ޕީއެސްއައިޕީ ޕައިޕްލައިން އަލުން އެކުލަވައިލުމެވެ.
މި އަހަރު ނިމޭއިރު އިމާރާތްކުރުމުގެ ދާއިރާ 3.5 އިންސައްތައިން ކުރިއަރާނެ ކަމުގައި ލަފާކުރެވޭއިރު މި އަހަރު ބާޒާރަށް ނުކުންނަ ހައުސިން ޔުނިޓުތަކުގެ އަދަދުވެސް އިތުރުވާނެ ކަމުގައި ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭގައި 1.8 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫއު ހިމެނޭނެ އެވެ. އަދި އޭގެ އިތުރަށް 12 ބިލިއަނަށްވުރެ ގިނަ ރުފިޔާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރަން ބަޖެޓުގައި ހިމަނާފައިވެ އެވެ.
ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި ފައިސާ ހަރަދުކުރަން ފެށުމުން އިމާރާތްކުރުމުގެ ދާއިރާ ވަރަށް ބޮޑަށް ކުރިއަރާނެ އެވެ. އެގޮތުން އަންނަ އަހަރު 5.2 އިންސައްތައިން އިމާރާތްކުރުމާއި ގެދޮރުގެ ވިޔަފާރި ކުރިއަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި މެދު ރާސްތާގައި އެވެރެޖުކޮށް ކޮންމެ އަހަަރަކު 4.1 އިންސައްތައިން އެ ދާއިރާ ކުރިއަރާނެކަމަށް ލަފާކޮށްފަައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އިމާރާތްކުރުމާއި ރިއަލް އެސްޓޭޓު | މި އަހަރު %3.5 އިން، އަންނަ އަހަރު %5.2 އިން ކުރިއަރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ