ދެ އިންތިޚާބު އެއްކޮށްލާ ވޯޓާއި ކައުންސިލު އިންތިޚާބަށް ރީރަޖިސްޓްރީވާން މާދަމާއިން ފެށިގެން ފަސް ދުވަސް
މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓު، ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބާއެކު ބާއްވާނެކަން އާންމުކޮށް އިއުލާނުކޮށް، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުން ރީރަޖިސްޓްރީވާން މާދަމާއިން ފެށިގެން ފަސް ދުވަސް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. ކައުންސިލު އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހުގެ ހެނދުނު އަށަކުން ފެށިގެން ހަވީރު ހަތަރެއް ޖެހުމާ ހަމައަށެވެ. އެ ދުވަހު އޮތީ މައި ދެ އިންތިޚާބު އެއްކޮށްލުމާ މެދު އާންމުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓުވެސް ނަގާ ގޮތަށެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ، ރީރަޖިސްޓްރީވުމުގެ ފުރުސަތު، މާދަމާއިން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް، ހެނދުނު 10އިން ފެށިގެން މެންދުރުފަހު ތިނެއް ޖަހަންދެން ހުޅުވާލައިފައެވެ. މައި ދެ އިންތިޚާބު އެއްކޮށްލަން، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ޤާނޫނުއަސާސީއަށް އިސްލާހެއް ހުށަހެޅުއްވީ މިދިޔަ މަހެވެ. އެ އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ. އެއާއެކު، 20ވަނަ މަޖިލީހަށް ފަހު ދެން އިންތިޚާބުކުރާ އާ ރައްޔިތުންގެ މަޖިލީހުން ފެށިގެން ދެން އޮންނަ މަޖިލިސްތަކުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް ފަލާޙް ހުށަހެޅުއްވިއެވެ. އެ އިސްލާހު އެއްވެސް ބަދަލެއް ނުގެނެސް، މިދިޔަ ހަފުތާގެ ހޯމަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރިއެވެ. އަދި ޖެހިގެން އޮތް އަންގާރަ ދުވަހު، އަނެއްކާވެސް ބަދަލެއް ނުގެނެސް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ވޯޓާއެކު، ތަޅުމުން ވަނީ ފާސްކޮށްފައެވެ. އެހެންވެ، އިއްޔެ ރައީސް ވަނީ، މައި ދެ އިންތިޚާބު އެއްކޮށްލަން ނަގާ ފެންނަ ނުފެންނަ ވޯޓު، ކައުންސިލު އިންތިޚާބާ އެކީ ބާއްވަން ގަރާރަކުން ނިންމަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ