މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ އެމްޑީ އަދި ސީއީއޯކަމަށް ނޫރުބާން

މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމަށް ނޫރްބާން ފަހުމީ އައްޔަންކުރައްވައިފިއެވެ. އެމްއެސްޑީން ބުނި ގޮތުގައި އެމްއެސްޑީގެ އެންމެ އިސް މަގާމުގެ އިތުރުން، އެމްއެސްއީގެ ޗީފް ސްޓްރެޓެޖީ އޮފިސަރުގެ މަގާމާއި ދެ ކުންފުނީގެ ބޯޑު މެންބަރުކަން ވެސް ނޫރްބާންއަށް ވަނީ ދީފައެވެ. މި ބަދަލުތަކަށް އަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. މި އިދާރީ ބަދަލުތަކަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ޖަވާބުދާރީވުމުގެ ނިޒާމު ވަރުގަދަކުރުމާއެކު، ރާއްޖޭގެ ކެޕިޓަލް މާކެޓް އައު އުސްމިންތަކަކަށް ވާސިލުކޮށްދިނުމަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އަމާޒުތައް ހާސިލުކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. ނޫރްބާން ފަހުމީއަކީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި އެމްއެސްޑީ އާއި އެމްއެސްއީގެ އެކި އިސް މަގާމުތައް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން ސީއޯއޯގެ މަގާމުގެ އިތުރުން، ލީގަލް ކައުންސެލް އަދި ކުންފުނީގެ ސެކްރެޓަރީގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ. މީގެއިތުރުން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ކައުންސެލްގެ މަގާމު ވެސް އޭނާ ކުރިން އަދާކުރައްވާފައިވެއެވެ. ނޫރުބާނަކީ ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް މި ސަރުކާރުން އުފެއްދި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރުގެ އަނބިކަނބަލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ