ނެތް ފައިސާ އުފެއްދުމަކީ ޗާޕުކުރުން، މިއީ ގޯސް ޝޯޓުކަޓެއް ނެތް ފައިސާ އުފެއްދުމަކީ ޗާޕުކުރުން، މިއީ ގޯސް ޝޯޓުކަޓެއް

އިއްޔެ ރޭ ހަބަރުތަކުގެ ފަލަ ސުރުހީތަކަށް އެރީ ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭތީ ފުލުހުންނާއި ސިފައިން ގުޅިގެން ބޮޑު އޮޕަރޭޝަނެއް ފަށާފައިވާ ހަބަރެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ. ވަރަށް ސީރިއަސް ނުރައްކާތެރި ވާހަކައެކެވެ.
އެހެނަސް އާންމުންގެ ސަމާލުކަން ހުރީ މުޅިން އެހެން ކަމަކަށެވެ. އެއީ ސަރުކާރުގެ ހަރަދުތައް ފޫބައްދަން މަރުކަޒީ ބޭންކު, އެމްއެމްއޭ މެދުވެރިކޮށް ހުޅުމާލޭން ބިމެއް ގަންނަން ނެތް ފައިސާތަކެއް ހަރަދުކުރަން އުޅޭ ވާހަކަ އެވެ. މައުލޫމާތު ލިބެނީ މި މުއާމަލާތުގެ އަގު 15 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
އެންމެ އަޖައިބުވަނީ މިހާތަނަށް ރަސްމީކޮށް ސަރުކާރުން ވެސް އަދި އެމްއެމްއޭއިން ވެސް މިކަމާ ބަހެއް ނުބުނާތީ އެވެ. ހުރިހާ ކަމެއް ކުރަން އުޅުނީ ސިއްރިއްޔާތުގަ އެވެ. އެންމެނަށް ވަންހަނާކޮށްގެންނެވެ.
އެކަމަކު މި ވާހަކަ އާންމުންނާ ހަމައަށް ތިލަވީ ފަހުން ހިނގައިދިޔަ ކަންތައްތަކުން އެމްއެމްއޭއިން މި ނިންމުމެެއް ނިންމައިފި ކަމާ މެދު ސުވާލެއް ނުއުފެދޭ ވަރަށް ކަންކަން ހިނގައިފި އެވެ. މިހެން މި ބުނަނީ އެމްއެމްއޭގެ ބޯޑު މެންބަރުން އިސްތިއުފާދީ, ޑެޕިއުޓީ ގަވަރުނަރު ވަކިކުރާ ހިސާބަށް ކަންކަން ގޮސްފައިވާތީ އެވެ.
ރަސްމީ ބަހެއް ނުބުނި ނަމަވެސް ސަރުކާރަށް ތާއީދުކުރާ މީހުން ބޭނުންކޮށްގެން ސަރުކާރުން މިކަމުގައި ނެރޭޓިވްއެއް އަންނަނީ ހިފަހައްޓަމުންނެވެ. އެއީ, މިއީ ފައިސާ ޗާޕުކުރުމެއް ނޫން ކަމަށާއި, ފައިސާ ޗާޕުކުރާ ކަމަށް ވާނީ އޯވާޑްރޯ ފެސިލިޓީ ބޭނުންކޮށްގެން ސީދާ ސަރުކާރަށް ފައިސާ ނަގާނަމަ ކަމަށެވެ.
ތެދެކެވެ. ސީދާ ފައިސާ ޗާޕުކުރާ ކަމަށް ވާނީ ޑައިރެކްޓް ބޮންޑެއް ނޫނީ އޯވާޑްރޯ ފެސިލިޓީއަކުންނެވެ. ނަމަވެސް އެމްއެމްއޭގައި ނެތް ފައިސާއެއް ބޭނުންކޮށްގެން އިގުތިސޯދުގެ ތެރެއަށް ފައިސާ ވެއްދުން ވާނީ ފައިސާ ޗާޕުކުރުމެވެ. ސީދާ ގޮތް ނޫނީ ނުސީދާ ގޮތް ހިޔާރުކުރިޔަސް ނިކުންނަނީ އެއް ނަތީޖާއެކެވެ.
"މިއީ އޭގެ ޕްރިންސިޕަލްގައި އެސެޓް ބޭސްޑް ޓްރާންސެކްޝަނެއް. ގާނޫނުގައި [ސަރުކާރަށް] އޮންނަ ޕްރޮވިޝަން ބޭނުންކޮށްގެން ޗާޕުކުރުމެއް ނޫން. އެކަމަކު އެމްއެމްއޭގައި ހުރި ފައިސާ ނޫން އެހެން ގޮތަކުން ފައިސާ ބޭނުންކޮށްގެން ހިންގާ ކޮންމެ މުއާމަލާތަކީ ޗާޕުކުރުން," ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ފިނޭންސްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ފަންނީ ތަޖުރިބާކާރަކު ބުންޏެވެ.
ފައިސާ ޗާޕުނުކޮށް އެމްއެމްއޭއަށް ބިން ގަނެވޭނެ ގޮތްތައް އެބަހުއްޓެވެ. އެއް ގޮތަކީ ބޭރު ފައިސާގެ ރިޒާވުގައި ހުރި ފައިސާ މާރުކޮށްގެން މިކަން ކުރުމެވެ. ނަމަވެސް ބޭރު ފައިސާގެ ރިޒާވުގައި މި މުއާމަލާތަށް ބޭނުންވާ ފައިސާއެއް ނެތެވެ. މިއީ ދައްކަން ހުރި ދަރަނިތައް ބޯމަތިވެފައި ހުއްޓާ ކުރެވޭނެ ކަމެއް ވެސް ނޫނެވެ.
ދެން އޮތް ގޮތަކީ ސަރުކާރަށް ވިއްކާފައިވާ ބޮންޑުތަކާއި ޓީބިލުތަކުގެ ފައިސާ ސަރުކާރުން ހޯދުން ނުވަތަ "ރިޑީމް" ކުރުމެވެ. އެމްއެމްއޭގެ މުޅި މުއާމަލާތުގެ އަސްލަކީ ސަރުކާރަށް ފައިސާ ހޯދުމެވެ. އެހެންކަމުން ސަރުކާރުން ފައިސާއެއް ހޯދައިގެން އެމްއެމްއޭއަކަށް ބިމެއް ގަނެވޭނެ ގޮތެއް ނެތެވެ.
މި ދެ ގޮތުން ކުރެ ގޮތަކުން ނުވަންޏާ ދެން އޮތް ގޮތަކީ އެމްއެމްއޭއިން އޯޕަން މާކެޓް އޮޕަރޭޝަން ހިންގައިގެން އިގުތިސޯދުގައި ހުރި އެކްސެސް ލިޑުއިޓިޑީ "މޮޕްއަޕް" ކޮށްގެން އެ ފައިސާ ބޭނުންކޮށްގެން ބިން ގަތުމެވެ. އެކަމަކު 15 ބިލިއަނެއް އެކްސެސްގައި ވެސް ނެތެވެ. އެކްސެސް ލިކުއިޓިޑީ ކަމަށް ބަލައި އެމްއެމްއޭގެ އޯވަނައިޓް ޑިޕޮސިޓު ފެސިލިޓީގައި ހުރީ 5.6 ބިލިއަން ރުފިޔާ އެވެ.
މި ހުރިހާ ގޮތެއް ދޫކޮށްލާފައި, އެމްއެމްއޭގައި ހުރި ފައިސާއިން ބިން ގަންނަންޏާމުން ބޭނުންކުރަނީ އެ އިދާރާގެ ޖެނެރަލް ރިޒާވުގައި ހުރި ފައިސާއެވެ. އެންމެ ފަހުގެ ބެލެންސް ޝީޓުން ދައްކާ ގޮތުގައި އެމްއެމްއޭގެ ޖެނެރަލް ރިޒާވުގައި ހުރީ 1.4 ބިލިއަން ރުފިޔާ އެވެ.
ކަން މިހެން ހުރި އިރު, "އެސެޓް ބޭސްޑް ޓްރާންސެކްޝަން" އެއް ކަމަށް ބުނެ "ވިންޑޯ ޑްރެސް" ކޮށްގެން ކިތަންމެ ވަރަކަށް މި ނިންމުން ވިއްކަން އުޅުނަސް ފައިސާ ޗާޕުނުކުރާ ކަމަކަށް ނުވާނެ އެވެ. އިގުތިސޯދުގެ ތެރެއަށް މި މަގުން ވައްދާ ކޮންމެ ފައިސާ ފޮއްޗަކީ ހަމަ ޗާޕުކޮށްގެން ވައްދާ ފައިސާ އެވެ.
އެމްއެމްއޭއިން ބިން ގަންނަ ފައިސާ އެޗްޑީސީއަށް ދިނުމުން, މި ފައިސާ އިގުތިސޯދުގެ ތެރެއަށް ވަންނާނެ އެވެ. އަދި މީގެ "ޑިސްރަޕްޓިވް" އަސަރުތައް އިގުތިސޯދުގެ ހުރިހާ ދިމާއަކަށް ކުރާނެ އެވެ.
މިސާލަކަށް އެޗްޑީސީން މި ފައިސާ ބީއެމްއެލް ކަހަލަ ބޭންކެއްގައި ޑިޕޮސިޓު ކުރީ އެވެ. އެ ހިސާބުން މަނީ މަލްޓަޕްލަޔާގެ ދަށުން އެ ބޭންކަކަށް 150 ބިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމުގެ ފުރުސަތު ހުޅުވިގެން ދާނެ އެވެ. މި ބުނަނީ ބޭންކުތަކުން އެ ވަރަށް ފައިސާ ދޫކުރާނެއެކޭ ނޫނެވެ. އެކަމަކު ހުޅުވިގެން އެދަނީ އެކަން ކުރެވޭނެ ދޮރެކެވެ.
މި ގޮތަށް ފައިސާތަކެއް އިގުތިސޯދުގެ ތެރެއަށް ދޫކޮށްލުމުގެ އެންމެ ބޮޑު ނުރައްކަލަކީ އަހަރަމެންގެ އިގުތިސޯދާއި ޑޮލަރާ އޮންނަ "ބައިންޑިން ކޮންސްޓްރެއިންޓް" އެވެ. ދިވެހި ފައިސާ ކިތަންމެ ވަރަކަށް އިތުރުވިޔަސް އިގުތިސޯދީ ހަރަކާތްތައް ހިންގަން ޑޮލަރު ބޭނުންވެ އެވެ. ސަބަބަކީ އަހަރަމެންނަކީ އިމްޕޯޓަށް ބަަރޯސާވާ ގައުމަކަށް ވުމެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީއަށް މި ފައިސާ ވައްދައިގެން ސަރުކާރުން ބޭނުންވަނީ ނުދެއްކި ހުރި ބިލުތައް ދެއްކުމެވެ. ސަރުކާރުން ނުދައްކައި ހުރި ބިލުތަކުގެ އަގު ހަތް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެ އެވެ. އަދި އެސްއޯއީތަކުން އެކި މީސްމީހުންނަށް ނުދައްކައި ހުރި ހަތަރު ބިލިއަނެއްހާ ރުފިޔާއާއެކީ ބިލުތައް އަދާކުރަން 11 ބިލިއަން ރުފިޔާ ބޭނުންވެ އެވެ.
އަގު މަތިވާން މެދުވެރިވަނީ މި ހިސާބުންނެވެ. އަމިއްލަ ވިޔަފާރިތަކަށް ފައިސާ ލިބުމުން އެ ވިޔަފާރިތަކުން ވެސް އެ ފައިސާ ބައްކޮށްގެން ތިބޭކަށް, ނޫނީ ރައްކާކުރާކަށް ބޭނުމެއް ނުވާނެ އެވެ. މަސައްކަތް ކުރާނީ އޭގެން ވިޔަފާރި ފުޅާކުރާށެވެ. އިންވެސްޓު ކުރާނެ އެވެ. މުދާ ގަންނާނެ އެވެ. އެ ހިސާބުން ޑޮލަރު ފަހާ ވިޔަފާރިތަކުން ދުވަން ފަށާނެ އެވެ.
ޑޮލަރަށް އޮންނަ ޑިމާންޑު އިތުރުވުމާއެކީ, ޑޮލަރުގެ އަގު މައްޗަށް ދާނެ އެވެ. އެއީ އިކޮނޮމިކްސްގެ އަސާސީ ހަމައެކެވެ. ޑިމާންޑާ އެއް ވަރަށް ސަޕްލައި ނުކުރެވެންޏާމުން އަގު ދާނީ މައްޗަށެވެ. ކަޅު ބާޒާރުގައި މިހާރު ވެސް ޑޮލަރެއްގެ އަގު ހުރީ 19ރ. އަށެވެ. އިގުތިސޯދުގެ ތެރެއަށް 15 ބިލިއަން ދޫކޮށްލުމާއެކީ ޑޮލަރެއްގެ އަގު 25ރ. އަށް އަރާފާނެ އެވެ.
"ޑޮލަރުގެ އަގު ވަރަށް ބޮޑަށް މައްޗަށް އަރާނެ. މިހާރު ވެސް ޑޮލަރުގެ އަގު ހުރީ 19ރ. ގައި. މިއީ ސަރުކާރަށް ޑޮލަރު މާރުކުރަމުންދާއިރު ވެސް އަގު ހުރި ހިސާބު. ތަސައްވުރު ވެސް ކޮށްލަން ދަތި އަގު އަރާނެ ހިސާބު," އަމީރު ވިދާޅުވި އެވެ.
ޑޮލަރުގެ އަގު މަތިވުމާއެކީ ތަކެތީގެ އަގު މަތިވީ އެވެ. އެ ހަރަދުތައް އެއްވެސް ވިޔަފާރިއަކުން "އެބްސޯބް" ނުކުރާނެ އެވެ. އެ ހުރިހާ ހަރަދެއްގެ ޖަހަނީ ކޮންސިއުމަރުގެ ބޮލަށެވެ. ބޮޑު ބުރަ އުފުލުން ޖައްސަނީ ރައްޔިތުންނަށެވެ. ތަކެތީގެ އަގު މަތިވެ, ރުފިޔާގެ ބާރު ދަށްވީމާ, ކުރިން ދެކޮޅު ނުޖެހި އުޅުނު މީހުންނަށް އިތުރު ތަކުލީފުތަކެވެ.
ރައްޔިތުން އެކަންޏެއް ނޫނެވެ. އެންމެ ބޮޑު ކޮންސިއުމަރުގެ ހައިސިއްޔަތުން ސަރުކާރުން ވެސް މި ބުރަ އުފުލަން ޖެހޭނެ އެވެ. ސަރުކާރުގެ ދަރަނީގެ އަގު ވެސް މަތި ވާނެ އެވެ. ދަރަނި ހޯދަން ވެސް އުނދަގޫ ވާނެ އެވެ.
ސަރުކާރުގެ ހަރަދުތައް މައްޗަށް ގޮސް އާމްދަނީން ދެކޮޅު ނުޖެއްސާނަމަ ދެން އޮންނާނީ ރައްޔިތުންނާއި ވިޔަފާރިތަކަށް އިތުރަށް ބުރަ ބޮޑުވާ ގޮތަށް ޓެކްސަތައް ބޮޑުކުރަން މަޖުބޫރުވުމެވެ. މިއީ އިގުތިސޯދުގައި އެ ވަރުގެ ހަކަތަ ނެތީސް އަޅާ ޅައެއްޗެއްގެ ސަބަބުން ކުރު ރާސްތާގައި ބޯމަތިވެދާނެ ހާލަތެކެވެ.
މި ހުރިހާ ކަމެއް ބަންޑެލިވަމުން އައިސް އިގުތިސޯދުގެ މުޅި މިސްރާބު ޖަހަނީ އަޑިއަށެވެ. ވެއްޓެމުން ވެއްޓެމުން ގޮސް ވެއްޓޭނީ ކިހާ ހިސާބަކަށް ކަން ވެސް ނޭނގޭހާ އަޑިއަށެވެ.
އެމްއެމްއޭ ގާނޫނުގައި އޮންނަ ގޮތުން އެމްއެމްއޭގެ އެންމެ މައިގަނޑު މަގުސަދަކީ ޕްރައިސް ސެޓެބިލިޓީ އެވެ. ޕްރައިސް ސްޓެބިލިޓީއަކީ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމެވެ. އެމްއެމްއޭގެ އެހެން ހުރިހާ މަގުސަދުތަކެއް ތަރުތީބުވެގެން އަންނަނީ މި މަގުސަދު ހާސިލުކުރަން އުނިކަމެއް ނާންނާނެ ގޮތަށެވެ.
"އެމްއެމްއޭއަށް މަތި ކުރެވިފައިވާ އެންމެ ބޮޑު ޒިންމާއަކީ އަގު ހިފެހެއްޓުން. އެއީ ހުރިހާ ސެންޓްރަލް ބޭންކެއްގެ ވެސް އެންމެ ބޮޑު ޒިންމާ. އެކަމަކު މި ކުރާ ކަމުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް އަގުތައް މަތިވާނެ މެދުވެރިވާނެ. މަގުސަދާ ހިލާފުވީނޫންތޯ," އިގުތިސޯދު ދިރާސާކުރާ އަދި ކުރިން އެމްއެމްއޭގައި ވެސް މަސައްކަތްކޮށްފައިވާ ތަޖުރިބާކާރަކު ބުންޏެވެ.
ނުސީދާ ގޮތުން އަގުތައް މަތިވާން މެދުވެރިވާ ސަބަބު ވެސް ކުރިން ވާހަކަ ދެއްކި މީހާ ތަފުސީލުކޮށްދިނެވެ. އޭނާ ބުނި ގޮތުގައި "އިންފްލޭޝަން އެކްސްޕެކްޓޭޝަން" އާ އެކީ ވެސް އަގުތައް މައްޗަށް ދާނެ ކަމަށެވެ. ކުރުކޮށް ބުނާ ނަމަ ފައިސާ ޗާޕުކުރަން އުޅޭ އަޑުތައް އިވޭތީ, އެއާ ގުޅިގެން ވެސް އަގުތައް މައްޗަށް ދާން މެދުވެރިވާނެ ކަމަށެވެ.
އެމްއެމްއޭގެ ގާނޫނާ ހިލާފުވާ އަނެއް ސަބަބަކީ އެއްވެސް ބޭނުމަކަށް އެ އޮތޯރިޓީއަށް ބިން ގަނެވޭނީ އޮޕަރޭޝަނަލް ބޭނުންތަކަށް ކަމުގައި ގާނޫނުގައި ސާފު ސަރީހާ އިބާރާތުން ލިޔެފައި އޮންނާތީ އެވެ. މި ނޫން އެއްވެސް ބޭނުމެއްގައި, އެއީ ފައިނޭންޝަލް ސެންޓަރެއް އަޅަން ވިޔަސް, ނޫނީ ހޮޓަލެއް ހިންގަން ވިޔަސް, ބިން ގަނެވޭނެ ކަމަށް އެ ގާނޫނުގައި ނެތެވެ.
ކަން މިހެން ހުއްޓަސް, މި ކަމުގައި ސަރުކާރު ޖަވާބުދާރީކުރަން އޮތް ރައްޔިތުންގެ މަޖިލީހުން އިވެނީ ފައިސާ ޗާޕުކުރުން ދިފާއުކުރާ އަޑެވެ. ޒިންމާދާރު ކުރުމުގެ ވާހަކައެއް ވެސް ނެތެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ފުލް ކޮންޓްރޯލް އޮތް މަޖިލީހުން އެއްވެސް ކަމެއްގައި, އެއީ ކިތަންމެ ގޯސް ނިންމުމަކަށް ވިޔަސް ޖަވާބުދާރީ ކުރުމުގެ އެއްވެސް ނިޔަތެއް އޮތް ހެނެއް ހިޔެއް ނުވެ އެވެ.
ސަރުކާރަށް ފައިސާ ބޭނުންވާ ކަމާ މެދު ޝައްކެއް ނެތެވެ. މި އަހަރަށް ފާސްކުރި ރެކޯޑު ބަޖެޓަކީ ވެސް ބޮޑު ތަނުން ޑެފިސިޓު ބަޖެޓެކެވެ. ބަޖެޓުން އާމްދަނީއަށް ކަނޑާފައި 19 ބިލިއަނެއްހާ ރުފިޔާ ހޯދަން ޖެހެ އެވެ. މި ފައިސާގެ ތެރެއިން ބޮޑު ބަޔެއް ހޯދަން ރާވާފައި އޮތީ ބަޖެޓު ސަޕޯޓު ލޯނުގެ ގޮތުގައި ބޭރުންނެވެ.
ނަމަވެސް އަހަރުގެ ފުރަތަމަ ކުއާޓަރު ނުނިމެނީސް, މި ޕްލޭނު ބޮލާލައި ޖަހައި އެމްއެމްއޭ މެދުވެރިކޮށް ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް ހޯދަން މި ނިންމީ ކީއްވެ ކަމެއް ނޭނގެ އެވެ. ފައިނޭންސިން ޕްލޭނުގެ އެއްވެސް ހިސާބެއްގައި އެމްއެމްއޭއިން ފައިސާތަކެއް ހޯދާ ވާހަކައެއް ނެެތެވެ.
އިވޭ އަޑުތަކަކީ ތެދެއް ނަމަ ފައިނޭންސް ކުރަން ޖެހޭ އަދަދުގެ 80 ޕަސެންޓު މި ހޯދަނީ އެމްއެމްއޭއިންނެވެ. މިއީ ސަރުކާރުން ތައްޔާރުކުރި, ސަރުކާރުގެ ބަޖެޓުގައި ހުރި ގޮތާ ހިލާފަށް ކުރާ ކަންކަމެވެ.
ސަރުކާރުގެ ކަންކަން ހުރި ގޮތުން ނަން ނުޖަހާ ގޮތަށް "އަދަދު" އާ ވާހަކަ ދެއްކި ފިނޭންސުގެ ތަޖުރިބާކާރަކު ބުނީ, މި ހުރިހާ ކަމެއް މެދުވެރިވީ ސަރުކާރުން ރޭވި ގޮތަށް ހަރަދު ކުޑަކުރަން ނުކުޅެދި ބޭކާރު ޕްރޮޖެކްޓުތައް ހިންގަން އުޅޭތީ ކަމަށެވެ.
"އަންނަ މަހު ސީދާ ސަބްސިޑީ އުވާލަން ޖެހޭ. އެކަމަކު އޭގެ ވާހަކައެއް ވެސް ނުދައްކާ. އެކަން ކުރަން ބޭނުންވާހެން ހިޔެއް ނުވޭ. އަނެއް ކޮޅުން ހުރިހާ ދިމާލެއްގައި އެއާޕޯޓުތަކާއި ބަނދަރުތައް އެޅުން މިއީ މި ދަތި ހާލަތުގައި ކުރެވޭނެ ކަންކަމެއް ނޫން" އޭނާ ބުންޏެވެ.
ސަރުކާރުން މި ހާލަތަށް ވެއްޓުނީ އަމިއްލައަށެވެ. ކުރީ އަހަރުގެ ބަޖެޓާއި މި އަހަރުގެ ބަޖެޓުގައި ވެސް ހަރަދު ކުޑަކުރަން ރޭވި އެއްވެސް ފިޔަވަޅެއް އަޅަން ނުކުޅެދުނީމަ އެވެ. ސަރުކާރު ކުންފުނިތައް ރިފޯމް ކުރަން ކުރާ މަސައްކަތް ކޮޅެއްގައި ނުޖެހުނީމަ އެވެ. ސިޔާސީ ބޭނުންތަކަށް އޮބިނޯންނަ ވަރަށް ވަޒީފާތައް އުފައްދައި, ސަރުކާރުގެ ހިންގުމުގެ ހަރަދުތައް ބޮޑުވީމަ އެވެ.
މިއީ ގޮސް ނިންމުމެކެވެ. ކުރަން ހުރި ކަންކަން ނުކުރުމުގެ ނަތީޖާ އެވެ. ކުރީ ސަރުކާރުން ފައިސާ ޗާޕުކުރުން ގޯސްކަމަށް ވިދާޅުވަމުން, ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފަކުރެއްވި ގޮތަށް "ޝޯޓުކަޓެއް" ހޯދައިގެން ހަރަދުތައް ހަމަޖައްސާލަން އުޅުމެވެ. މި ނިންމުމާ މެދު ދެވަނަ ވިސްނުމަކަށް ގޮސް މިކަން ނުކުރާން ނިންމަން އެބަ ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ