އީރާނުގެ ބެލިސްޓިކް މިސައިލެއް އިޒްރޭލުގެ ދެކުނުގައި އޮންނަ ބީރުޝެބާއަށް މިއަދު ވެސް އަރައި ހަތް މީހަކަށް އަނިޔާވެ، ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
އޭގެ ކުރީ ދުވަހު ދެކުނުގެ ސިޓީގެ ސޮރޯކާ ހޮސްޕިޓަލަށް ދިން ހަމަލާގައި ހަތް މީހަކު މަރުވެ، ހޮސްޕިޓަލްގައި ތިބި އެންމެންނަށް ވެސް ކުދި ކުދި އަނިޔާތައް ލިބިފައިވާ ކަމަށް އިޒުރޭލުގެ ދަ ޓައިމްސް އިޒުރޭލުން ބުންޏެވެ.
މިއަދުގެ ހަމަލާ އެރީ ގިނަ އެޕާޓްމަންޓް އިމާރާތްތަކެއް ހުންނަ ސަރަހައްދެއްގެ މަގަކަށެވެ. އަދި އެ މިސައިލް އަރައި މަގުމަތީގައި ވަނީ ބޮޑު ފުން ވަޅުގަނޑެއް އުފެދިފަ އެވެ. އަދި ގިނަ ވެހިކަލްތަކެއްގައި އަލިފާން ރޯވި އެވެ.
އެ އިމްޕެކްޓްގެ ޝޮކްވޭވްގެ ސަބަބުން ކައިރީގައި ހުރި އެޕާޓްމަންޓް އިމާރާތުގެ ބެލްކަނިތައް ކުދިކުދިވެ، އިމާރާތްތަކުގެ ބިއްލޫރިތައް ތަޅައިގެން ދިއުމުގެ ސަބަބުން ބިއްލޫރިތަކުގެ ކުނިތައް ވައިގެ ތެރޭގައި އުދުހިގެން ދިޔަ އެވެ.
އެ ހަމަލާ އެރި އިރު އެ ސަރަހައްދުގެ އިމާރާތްތަކުގެ މީހުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ބޮން ޝެލްޓާތަކުގަ އެވެ. އަދި ފުލުހުންނާއި މެޖެން ޑޭވިޑް އަޑޮމް (އެމްޑީއޭ)ގެ ޕެރަމެޑިކްސް އަދި ހޯމް ފްރޮންޓް ކޮމާންޑްގެ ސާޗު އެންޑް ރެސްކިއުގެ ޓީމްތަކުން ވަނީ އެ ތަންތަން ވަގުތުން ހުސްކޮށްފަ އެވެ.
އެމްޑީއޭ އިން ބުނީ އެ ހަމަލާގެ ސަބަބުން ކުދި ކުދި އަނިޔާތައް ލިބުނު ފަސް މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެ މީހުން ސޮރޯކާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށެވެ. އަދި ބައެއް މީހުން އެމީސް މީހުންގެ ގެއަށް ދިއުމަށް ދުވުމުގެ ތެރޭގައި އަނިޔާވުމުން ވެސް ވަނީ ފަރުވާދީފަ އެވެ.
އިޒްރޭލުގެ ދިފާއީ ބާރުތަކުގެ އޮފިޝަލަކު ޓައިމްސް އޮފް އިޒުރޭލަށް ވިދާޅުވީ އީރާނުން މިއަދު ފޮނުވާލި މިސައިލެއް މައިތިރި ނުކުރެވި ބީރުޝެބާ ސަރަހައްދަށް އަރާފައިވާ ކަމަށެވެ.
އިޒުރޭލްގެ ޑިފެންސް ފޯސް އިން ބުނީ އީރާނުން ދޫކޮށްލަން ރޭވި ބެލިސްޓިކް މިސައިލްގެ ހަރަށް ހަމަލާދީ ހުއްޓުވި ކަމަށެވެ.
އިޒުރޭލްގެ ޑިފެންސް ފޯސް އިން ބުނީ އެ މީހުން ވެސް ހުއްޓުމެއް ނެތި އީރާނަށް ހަމަލާދެމުންދާ ކަމަށެވެ.
ފާއިތުވި ހަފުތާގައި އީރާނުން ވަނީ އިޒްރޭލާ ދިމާލަށް 450 އަށް ވުރެ ގިނަ ބެލިސްޓިކް މިސައިލާއި ގާތްގަނޑަކަށް 1،000 ޑްރޯން ފޮނުވާލާފައިވާ ކަމަށް ވެސް އިޒުރޭލުން ބުނެ އެވެ. އޭގެ ތެރެއިން ގިނަ މިސައިލްތައް މައިތިރިކޮށްފައިވާ ކަމަށް ވެސް އެ މީހުން ބުނެ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން މިއަދު ބުނީ އީރާންގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުކްލިއާ ރިސާޗު ފެސިލިޓީއަކަށް އަމާޒުކޮށް ރޭ އިޒުރޭލުން ވައިގެ ސިލްސިލާ ހަމަލާތަކެއް ދިން ކަމަށެވެ. އަދި އެ ހަމަލާތަކުގައި 60 އަށް ވުރެ ގިނަ ފައިޓާ ޖެޓް ބޭނުން ކުރި ކަމަށެވެ.
އީރާނުގެ މައްސަލަތައް ދިރާސާ ކުރާ އެމެރިކާގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުގައި އާންމުންގެ 263 މީހުންނާ އެކު 639 މީހެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ. އަދި 1300 އަށް ވުރެ ގިނަ މީހަކު ވަނީ ޒަހަމްވެފަ އެވެ.
އީރާނުގެ މިސައިލް ހަމަލާތަކުގައި މިހާތަނަށް އިޒުރޭލުން 24 މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަހަމްވެފައިވާ ކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުންނާއި ހޮސްޕިޓަލްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ވިދިވިދިގެން ދެ ވަނަ ދުވަހު އީރާނުން އިޒުރޭލުގެ ބީރުޝެބާއަށް ދިން ހަމަލާގައި 7 މީހަކު ޒަހަމުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ