އާރްޔަންގެ ފުރަތަމަ ގެނެސްދެނީ ވެބް ސީރީސްއެއް، ނަމަކީ 'ސްޓާޑަމް

ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އަދި އަގުބޮޑު އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ފިލްމީ ދާއިރާއިން ދެކެން ބޭނުންވާ ކިތަންމެ ބަޔަކުތިބިނަމަވެސް އާރްޔަންވަނީ ފިލްމު ކުޅުމުގެ ވިސްނުމެއް ނެތްކަމަށް ބުނެފައެވެ. އެއާ ޚިލާފަށް 25 އަހަރުގެ މި ޒުވާނާ ބޭނުންވަނީ ސިނަމާގައި ލިޔުންތެރިއެއް އަދި ފިލްމީ އުފެއްދުންތައް ޑައިރެކްޓްކުރުމުގެ މަސައްކަތުން ކުރިއަށް ދިއުމަށެވެ. އާރްޔަންގެ ފުރަތަމަ ސްކްރިޕްޓް ލިޔެ ނިންމާލާފައިވާއިރު ފަހުގެ މީޑިއާ ރިޕޯޓުތަކުން ބުނެފައިވަނީ އާރްޔަން ޑައިރެކްޓްކުރާ ފުރަތަމަ ވެބް ސީރީސްގެ ނަމަކީ "ސްޓާޑަމް"ކަމުގައެވެ. އަދި މިއީ ހަ އެޕިސޯޑުގެ މައްޗަށް ބިނާކޮށްގެން ގެނެސްދޭ ސިލްސިލާއެއްކަމަށް މީޑިއާ ރިޕޯޓުތަކުންވަނީ ބުނެފައެވެ. އާރްޔަންގެ އާއިލީ ކުންފުނި ރެޑް ޗިލީޒް އެންޓަޓެއިންމެންޓްއިން އުފައްދާ މި ސީރީސްގައި ދައްކުވައިދޭނީ ހިންދީ ސިނަމާގެ ކެމެރާތަކުގެ ފުރަގަހުގައި ކުރެވެމުންދާ މަސައްކަތްތަކެވެ. މިސީރީސްގެ މަސައްކަތް ޕޯސްޓް ޕްރޮޑަކްޝަންގެ މަރުޙަލާގައިއޮތްއިރު މިއަހަރުތެރޭ މަސައްކަތް ފެށުމަށް ނިންމާފައިވާކަމަށްވެސް ފަހުގެ ރިޕޯޓުތަކުންވަނީ ބުނެފައެވެ. ނަމަވެސް އާރްޔަން އަދި ރެޑް ޗިލީޒްގެ ފަރާތުން މި ޚަބަރު ކަށަވަރުކޮށްދީފައެއް ނުވެއެވެ. މިސީރީސްގެ ސްކްރިޕްޓް ނިންމާލުމަށްފަހު މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުތެރޭ އާރްޔަންވަނީ އިއުލާނުކޮށްފައެވެ. އެހެންކަމުން ބެލުންތެރިންނާ ހަމައަށް އާރްޔަންގެ ފުރަތަމަ މަސައްކަތް ގެންނަން ދެން މާގިނަ ދުވަހެއް ނުނަގާނެކަމަށް ރިޕޯޓުތަކުންވަނީ ބުނެފައެވެ. މިނިމުނު އޭޕްރިލް މަހު ފަހުކޮޅު އާރްޔަންވަނީ އަމިއްލަ ކްލޯތިންގް ބްރޭންޑް "ޑިޔަވޯލް އެކްސް" ލޯންޗުކުރުމަށްފަހު ބައްޕަ ޝާހުއާއެކު މިބްރޭންޑްގެ ފުރަތަމަ އިޝްތިހާރު ޑައިރެކްޓްކޮށްފައެވެ. ޝާހްރުކް ޚާންގެ ސޮޔާއެކު މިބްރޭންޑްގެ ބައެއް އުފެއްދުންތައް ބޮޑު އަގުގައި ވިއްކާލިއިރު ބައެއް ފަރާތްތަކުންވަނީ އުފެއްދުންތަކުގެ އަގުމަތިކަމުން އާރްޔަންއަށް ފާޑުކިޔާފައެވެ. އާރްޔަން ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރުވެފައިވާއިރު ކޮއްކޮ ސުހާނާ ޚާންވެސްވަނީ ފިލްމު އިންޑަސްޓްރީއަށް ނުކުންނަން ތައްޔާރުވެ ކެރިއަރުގެ ފުރަތަމަ ފިލްމުވެސް ނިންމާލާފައެވެ. ޝާހްރުކްޚާންއާއި ގޯރީ ޚާންގެ މި ދެ ކުދިންނަކީވެސް ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން ޝާހު ޝަރުތުކުރިގޮތަށް މަތީ ތަޢުލީމު ޙާސިލުކޮށްފައިވާ ދެ ކުދިންނެވެ. އެގޮތުން އާރްޔަން ޚާންވަނީ އެމެރިކާގެ ޔުނިވާސިޓީ އޮފް ސަދަން ކެލިފޯނިއާއިން ބެޗެލާ އޮފް ފައިން އާޓްސް، ސިނެމަޓިކް އާޓްސް، ފިލްމު އެންޑް ޓެލެވިޒަން ޕްރޮޑަކްޝަން ޙާސިލުކޮށްފައެވެ. އަދި ސުހާނާވަނީ އިނގިރޭސިވިލާތުގެ ލަންޑަން އަދި އެމެރިކާގެ ނިއު ޔޯކް ޔުނިވަސިޓީއިން އެކްޓިންގްއާއި ތިއޭޓާ ޑްރާމާއިން މަތީ ތަޢުލީމު ހާސިލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ