ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އިއްވި ޓެރަރިޒަމްގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅަންޖެހޭ ލިޔުންތައް ވަނީ ތައްޔާރުކޮށްފައިކަމަށާއި ނަމަވެސް ރައީސް ނަޝީދަށް އެލިޔުން ހަވާލުކުރެވޭނެ ގޮތެއް ނުވި ކަމަށް އެމަނިކުފާނުގެ ޤާނޫނީ ޓީމުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ އެއީ ވަރަށް ގިނަ އަދަދެއްގެ ލިޔުންތަކެއް ކަމަށާއި ކަރެކްޝަނަލް ސާވިސް އިން ބުނީ އެ ސާވިސްގެ މައި އިދާރާއަށް އެލިޔުންތައް ހުށަހެޅުމަށް ކަމަށެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ ޤާނޫނީ ވަކީލު ޙަސަން ލަތީފް ވިދާޅުވީ އެ ލިޔުންތަކަކީ ކަރެކްޝަންސްގެ އިދާރާއަށް ހަވާލުކުރަންޖެހޭ ލިޔުންތަކެއް ނޫން ކަމަށެވެ.
"މި ލިޔުންތަކަކީ އެ ވިދާޅުވާހެން ހެޑް އޮފީހަށް ހާވާލުކުރަންޖެހޭ ލިޔުންތަކެއް ނޫން. މިއީ ރައީސް ނަޝީދުގެ އެއްޗެއް،" ހަސަން ލަތީފް ވިދާޅުވިއެވެ.
ޤާނޫނީ ޓީމުން ބޭނުން ވަނީ ރައީސް ނަޝީދަށް އެ ލިޔުންތައް ދެއްކުމަށްފަހު އެމަނިކުފާނާއެކު އެ ލިޔުންތަކާ ބެހޭގޮތުން މަޝްވާކުރުމަށް ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ. އަދި އެމަނިކުފާނު އެ ހުރިހާ ލިޔުންތައް ވިދާޅުވެލައްވަން ބޭނުންފުޅުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޙަސަން ލަތީފް ވިދާޅުވީ މިއަދުވެސް ރައީސް ނަޝީދާ ބައްދަލުކުރަން ދާނީ އެ ލިޔުންތައް ހިފައިގެން ކަމަށެވެ.
"މިއަދުވެސް އެ ލިޔުންތައް ހިފައިގެންދާނަން. އުންމީދުކުރަނީ މިއަދު ހަވާލުކުރެވޭނެކަމަށް،" ޙަސަން ލަތީފް ވިދާޅުވިއެވެ.
އެ ހުރިހާ ލިޔުންތައް ކަރެކްޝަނަލް ސާވިސް އިން ބައްލަވައި ޗެކްކުރެއްވިޔަސް މައްސަލައެއް ނެތް ކަމަށާއި ޤާނޫނީ ޓީމުން އެދެނީ ހަރުކަށިގޮތްތައް ކަރެކްޝަނަލް ސާވިސް އިން ދޫކޮށްލެއްވުމަށް ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހުރިހާ ލިޔުންތަކެއް ޤާނޫނީ ޓީމުން ވަނީ ނޫސްވެރިންނަށް ދައްކާލާފައެވެ.
ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ ދިވެހިރާއްޖޭގެ ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުންނަވައި ސިފައިންނަށް އަމުރު ކުރައްވައިގެން ކްރިމިނަލް ކޯޓުގެ އިސް ޤާޒީ ޢަބްދުﷲ މުޙައްމަދު ޤާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ލިޔުން ރައީސް ނަޝީދަށް ދެއްކޭގޮތެއް ނުވި - ޤާނޫނީ ޓީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ