ކުރިން ދެނެގަނެވިފާ ނުވާ ބައްޔެއްގެ ނުރައްކާ މިލިއަނެއްހާ މީހުންނަށް ކޮށްފާނެ- ދިރާސާ

ސައެންސްވެރިންތަކެއް ކުރި ދިރާސާއަކުން ކުރިން ގިނަ ބަޔަކަށް ނޭނގޭ އަދި ދެނެގަނެވިފައި ނުވާ ބައްޔެއްގެ ނުރައްކާ މިލިއަނެއްހާ މީހުނަށް ކޮށްފާނޭކަމަށް ހާމަވެއްޖެއެވެ.
"މެލިއޮއިޑޮސިސް"ގެ ނަމުން ނަންދީފައިވާ މި ބަލި ފެތުރެނީ ބެކްޓީރިއާއަކުން ކަމަށް ދިރާސާގައި ބަޔާންކޮށްފައިވެއެވެ. މި ބައްޔަކީ މީސަލްސްހާ ނުރައްކާތެރި ބައްޔެކެވެ. މި ބަލި މިހާރުވެސްވަނީ ކަންބޮޑުވާންޖެހޭ މިންވަރެއްގައި ފެތުރިފައިކަމަށް ދިރާސާގައި ބަޔާންކޮށްފައިވެއެވެ.
މި ބަލި ފަތުރާ ޕޮތޮޖެނިކް ބެކްޓީރިއަމް އާއްމުގޮތެއްގައި ފެންނަނީ ދެކުނު އިރުމަތީ އޭޝިޔާ އަދި އުތުރު އޮސްޓްރޭލިޔާގެ ފަސްގަނޑުންނާއި ފެންގަނޑުތަކުންނެވެ.
މި ބަލި ޖެހިފައިވުމުގެ ނިޝާންތަކެއްގެ ގޮތުގައި ސައިންސްވެރިން ހާމަކުރަނީ ހުން އައުމާއި، ބޮލުގައި ރިހުން، ކެއްސުން، މޭގައި ރިހުން އަދި ނޭވާ ކުރުވުންކަމަށެވެ.
ދިރާސާގައި ހާމަކޮށްފައިވާގޮތުން ދުނިޔޭގެ 79 ޤައުމެއްގައި މި ބަލިވަނީ މިހާރުވެސް ފެތުރިފައެވެ. އަދި މި ބަލި އަހަރަކު 165،000 މީހުންނަށް ޖެހެއެވެ. އޭގެތެރެއިން 89،000 މީހުން މަރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މި ބަލި ޖެހެނީ ސްކިން ކޮންޓެކްޓުން ނުވަތަ މި ބަލި ޖައްސާ ބެކްޓީރިއަމް އެކުލެވޭ ފެން ބުއިމުން ނުވަތަ ވަސް ބެލުމުންނެވެ.
ދިރާސާކުރި ސައިންސްވެރިން ބުނިގޮތުގައި ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވަނީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތައް، ސަބް ސަހާރަން އެފްރިކާގެ ބައެއް ޤައުމުތައް އަދި ދެކުނު އެމެރިކާގެ ޤައުމުތަކުގައި ދިރިއުޅޭ މީހުންނެވެ.
މީގެ އިތުރުން އިންޑިޔާ އަދި ވިއެޓްނާމުންވެސް ބަލި ފެނިފައިވާއިރު، މިފަދަ ޤައުމުތަކުގައިވެސް ބަލި ފެތުރުން ބޮޑެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިންވެސް މި ބަލީގެ ވަަރަށް ކުޑަ ދިރާސާއެއްވަނީ ކޮށްފައެވެ. އަދި މިފަހަރުގެ ދިރާސާ ކުރި ސައިންސްވެރިން ބުނި ގޮތުގައި މި ބަލި ފަދަ ފުއްޕާމެއާ، ނޭވާލުމުގެ ނިޒާމު އަދި ލެޔަށްޖެހޭ ބަލިތަކަކީ ދެނެގަންނަން އުނދަގޫ ބަލިތަކެކެވެ.
މި ބަލި ދެނެގަންނަން ބޭނުންވާ ސާމާނުވެސް ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކުގައި ނެތްކަމަށް ދިރާސާކުރި ގުރޫޕުން ބުނެއެވެ. މީގެ އިތުރުން މި ބައްޔަށް އެދެވޭ ފަރުވާ ނުދެވިއްޖެނަމަ ބަލިމީހާ މަރުވުމުގެ ފުރުޞަތު 70 އިންސައްތަ އަށް ބޮޑުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ