ގައުމު މިއޮތީ ދުސްތޫރީ އަޅުވެތި ކަމެއްގެ ތެރޭގައި: އަބްދުﷲ ކަމާލުއްދީން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމުން ގައުމު މިއޮތީ ދުސްތޫރީ އަޅުވެތި ކަމެއްގެ ތެރެއަށް ވެއްޓިފައި ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރ އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
 
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގދ. ތިނަދޫގައި ރައްޔިތުންގެ ބަދަލުގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ހުކުމާއި އެކު މެމްބަރުންގެ ގޮނޑި ގެއްލުނު ކަމުގައިވީ ނަމަވެސް އެއްވެސް މަޖިލިސް މެމްބަރަކު ޖެހިލުންވެ ވަޑައިގަންނަވާނެ ކަމެއް ނެތް ކަމަށާއި ރައްޔިތުން މިތިބީ ގޮނޑި ގެއްލު ކަމުގައިވީ ނަމަވެސް އެއަށް ވުރެ ބޮޑު އަޣްލަބިއްޔަކުން އެމެމްބަރުން ހޮވައިދޭން ކަމަށެވެ.
 
ރާޢްޖެއަށް އައިސްފައިވާ ތަރައްޤީއަށް އަލިއަޅުވާލައްވަމުން އަބްދުﷲ ކަމާލުއްދީން ވިދާޅުވީ މާލެއަށް އަންނަ ތަރައްޤީއާއި އަތޮޅު ތެރޭގެ ތަރައްޤީ އޮތީ ގުޅިލާމެހިފައި ކަމަށްވާއިރު ގައުމެއް އޭގެ އެންމެ އުޖާލާ ގޮތުގައި ކުރިއަށް ގެންދަން ބޭނުން ނަމަ ބަދަހި އާއިލީ ގުޅުމެއް އޮންނަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި ވަރީގެ ނިސްބަތް އިންތިހާއަށް މައްޗަށް ގޮސްފައިވާ ގޮތަށް މިސާލު ޖައްސަވަމުން އޭނާ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތް މި ކުރަނީ ގައުމުގައި ދިމާވެފައިވާ ހުރިހާ ކަމެއް ހައްލު ކުރުމަށް އެކީގައި މަސައްކަތް ކުރުމަށް ކަމަށެވެ.
 
ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް ވާހަކަދައްކަނީ ސަރުކާރުން ކުރާ ނުރަނގަޅު ކަންތައްތައް ކިޔައިދީ ސަރުކާރު ހަމަ މަގަށް އެޅުވުމަށް ކަމަށްވެސް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ. އެހެންކަމުން މިއީ ވެރިކަން ބަދަލުކުރުމަށް ކުރާ ކަމެއް ނޫން ކަމަށާއި ޤާނޫނު އަސާސީން ވެރިކަން ބަދަލު ކުރެވޭނެ ވަރަށް ގިނަ ހަމަތައް އެބަހުރި ކަމަށް ވިދާޅުވިއެވެ.
 
ޤާނޫނު އަސާސީގެ ތެރެއިން ރައްޔިތުންނަށް އެބާރު ދީފައި ހުރިކަން ފާހަގަކުރައްވާ އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ރައްޔިތުންގެ ރައީސް މަސީހާއި ދެކޮޅަށް ވޯޓް ދިނުމަށް ސޮއިކުރި މެމްބަރުން އެކުރެއްވީ ޤައުމީ މަސައްކަތެއް ކަމަށެވެ. އެހެންކަމުން މިއަދު މެމްބަރުން އެފެއްޓެވީ ގައުމަށް މިއަދު ބޭނުންވެފައި އޮތް އިސްލާހީ މަސައްކަތެއް ކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ