ސުޕްރީމް ކޯޓު ފަނޑިޔާރުންނަކީ ހުރިހާ ފަރުވާއެއް ކުރާ ޑޮކްޓަރުންނެއް ނޫން – މުސްތަފާ

ސުޕްރީމް ކޯޓު ފަނޑިޔާރުންނަކީ ހުރިހާ ކަމަކަށް ފަރުވާ ކުރަން ތިިބި ޑޮކްޓަރުންނެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މުސްތަފާ ވިދާޅުވީ ސުޕްރީމް ކޯޓަށް ވެސް މާނަ ކުރެވޭނީ ޤާނޫނު އަސާސީގައި އޮތް އެއްޗެއް ކަމަށެވެ.
"ތިމަރަފުށީ މުސްތަފާ އަކީ އަންހެނެކޭ ނުބުނެވޭނެ. އެގޮތައް މާނައެއް ނުކުރެވޭނެ. އަޅުގަނޑަކީ އުފަންވިއިރުވެސް ފިރިހެނެއް." މުސްޠަފާ ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ ސުޕްރީމް ކޯޓުން އެދުނު ގޮތައް ރައީސް ޔާމީން ޝަރުޢީ ދާއިރާގެ ބަޖެޓް ވެސް ހަމަޖައްސަވައި ނުދެއްވި ކަމަށާއި އެހެންކަމުން ޝަރުޢީ ދާއިރާ އިން މިވެރިކަން ދިފާޢު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވިދާޅުވީ ބާރުތައް ނަހަމަގޮތުގައި ބޭނުން ކުރައްވައިގެން އިދިކޮޅު ފަރާތްތަކުގެ މަސައްކަތައް ހުރަސް އެޅުމުގެ މަސައްކަތް ކުރަމުން އެބަދާ ކަމަށެވެ.
"ނަމަވެސް އެއްވެސް މެންބަރަކު މިކަހަލަ އެއްވެސް ކަމަކުން ފަހަތަކަށް ނުޖެހޭނެ. އުންމީދަކީ 24 ވަނަ ދުވަހު ނެގޭ ވޯޓް ކާމިޔާބުކޮށް ރައްޔިތުންނަށްޓަކައި މަޖިލިސް ތެރެއިން ކުރަން ޖެހޭ ކަންކަން އަލުން ތަރުތީބުވެގެން ދާނެ." ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ ޤާނޫނު އަސާސީ އާއި ހިލާފަށް ސުޕްރީމް ކޯޓުން ކަމެއް ކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ޤާނޫނު އަސާސީ އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅުން. ގައުމު މިއަދު މިއޮތް ހާލަތު ހުރިހާ ފަރާތްތަކަށް ވެސް އެނގޭ. ސިޔާސީ ވިސްނުން އެއްކިބާ ކޮށްފައި އެންމެންގެ މަސްލަހަތައްޓަކައި ކުރާ ކަމެއް. އެއްވެސް މުއައްސަސާއަކުން ޤާނޫނު އަސާސީ އާއި ހިލާފަށް އަމަލު ނުކުރައްވާނެ ކަމަށް އުންމީދު ކުރަން." ފާރިސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ