ގާސިމް ހައްޔަރުކުރީ ޔާމީން ޖެހިލުންވާވަރުން: އަމީން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރީ ރައީސް އަބުދުﷲ ޔާމީން ޖެހިލުންވާވަރުންކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ ޤާސިމް އިބުރާހިމް ދެވަނަ ފަހަރަށް ހައްޔަރުކޮށް އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައިގައި ދައުވާ ކުރެވެން ނެތްކަމަށް ނިންމައި އެމައްސަލަ އަނބުރާ ފޮނުވާލުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
އަމީންގެ ޓްވީޓްގައި ވިދާޅުވީ ގާސިމް އިބްރާހިމް ހައްޔަރުކުރީ އެއްވެސް ބުރަދަނެއް ހެއްކެއް ނެތްކަމެއްގައިކަމަށެވެ. އަދި ޔާމީން ހައްުޔަރުކުރީ ރައީސް ޔާމީން ޖެހިލުންވާ ލީޑަރަަކަށް ގާސިމްވުމުންކަމަށް އަމީން ވިދާޅުވިއެވެ.
މީގެ އިތުރަށް އަމީން ވިދާޅުވީ ނެތް ހެއްކެއްގެ މައްޗަށް ޝަރީއަތެއް ނުހިންގޭނެކަމަށާ އަދި ހުކުމެއްވެސް ނުކުރެވޭނެކަމަށެވެ.
އަދި ގާސިމް އިބްރާހިމްގެ މައްޗަށް ކަނޑައަޅާފައިވާ ބާތިލް ޝަރުތުތައް އަނބުރާ ގެންދިއުމަށް ގޮވާލައްވާކަމަށްވެސް އަމީން ވިދާޅުވިއެވެ.
ފުލުހުން ޤާސިމް އިބުރާހިމް ދެވަނަ ފަހަރަށް ހައްޔަރުކޮށް ހިންގި ތަހުޤީޤުގައި އެމަނިކުފާނުގެ މައްޗަށް އިތުރު ދައުވާއެއްކޮށްދިނުމަށް އެދި ޕީޖީއަށް މައްސަލަ ފޮނުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލައެއް ހުށައެޅުއްވުމަށް މެމްބަރުންނަށް ނުފޫޒު ފޯރުވާކަމަށް ބުނެއެވެ. އެހެން ނަމަވެސް އެމައްސަލައިގައި ދައުވާ ކުރެވެން ނެތްކަމަށް ނިންމައި ޕީޖީން އަނބުރާ މައްސަލަ ފޮނުވާލީ މިމެއި މަހުގެ 10 ވަނަ ދުވަހުގައެވެ.
ޤާސިމްގެ ޤާނޫނީ ވަކީލުންގެ ޓީމުން ބުނެފައި ވަނީ އެމައްސަލަ އަނބުރާ ފޮނުވާލާފައިވާކަން ޕީޖީންވެސް ކަށަވަރު ކޮށްދީފައިވާ ކަމަށާއި އެމައްސަލަ އަނބުރާ ފޮނުވާލީ ދައުވާކުރެވޭ ވަރުގެ ހެއްކެއް ފުލުހުންގެ ފަރާތުން ހުށައަޅާފައި ނުވާތީ ކަމުގައެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް ފުލުހުންކުރާ ތުހުމަތާ ގުޅިގެން އެމަނިކުފާނު މިދިޔަ މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ހައްޔަރުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 އެހާއިރު އެމަނިކުފާނުގެ ގެކޮޅު، މާފަންނުވިލާގައި ހުންނަވަނިކޮށް ވަރަށް ކުއްލި ގޮތަކަށެވެ. މިމައްސަލާގައި ގާސިމް އިބްރާހީމްގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ 15 ދުވަސް ޖެހީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިމެއި މަހުގެ 5 ވަނަ ދުވަހު އިތުރު ހަތަރު ދުވަހު ޤާސިމް އިބުރާހިމް ބަންދުގައި ބެހެއްޓުމުގެ އަމުރު ކުރިމިނަލް ކޯޓުން ދިނެވެ.
ޤާސިމް އިބުރާހިމްގެ މައްޗަށް 7 ޝަރުތެއް ކުރުމަށް ފަހު އެމަނިކުފާނު ޖަލުބަންދުން މިނިވަން ކުރީ މިމެއި މަހުގެ 10 ވަނަ ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ