އައްޑޫ ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން މަނާކޮށްފި

އައްޑޫ ސިޓީގައި ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް މި ދުވަސްވަރު އޮތްކަމަށް ފެންނާތީ، އެ ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން މަނާކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ އާއި އައްޑޫގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ލަފާކުރެވޭތީ، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އައްޑޫ ސިޓީގެ މޮނިޓަރިންގ ހާލަތު އުވަންދެން ނުވަތަ ކައުންސިލުން ވަކިގޮތެއް އަންގަންދެން ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން އައްޑޫ ސިޓީގެ އެއްގެއިން އަނެއް ގެއަށާއި، އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ވަނީ މަނާކުރެވިފައެވެ. އަދި އެ ސިޓީގައި ގާއިމްވެފައިވާ އޮފީސްތަކާއި އާންމު ޚިދުމަތްދޭ ތަންތަން ބަންދުކޮށް، އެތަންތަނުގެ ޚިދުމަތްތައް އޮންލައިންކޮށް ދިނުމަށްވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އަންގާ އެންގުންތަކާ އެއްގޮތަށް ސެލޫން، ބޯކޮށާ ތަންތަނާއި ޖިމްތަކާއި އަދި ފިހާރަތަކުން ޚިދުމަތްދިނުމަށާއި، ކަނޑައަޅާފައިވާ އަދަދަށް ފިހާރަތަކަށް މީހުން ވެއްދުމަށް ސަމާލުކަންދޭން އައްޑޫ ސިޓީ ކައުންސިލުން ވަނީ އިރުޝާދުދީފައެވެ. އަދި ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުމަށްވެސް ވަނީ އެދިފައެވެ. މިކަންކަމުގެ އިތުރުން ތިރީގައި މިވާ ކަންކަމަށް ސަމާލުކަންދޭންވެސް އެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
ޕާޓީތަކާއި، ޙަފްލާތަކާއި، ބައްދަލުވުންތައް ކުރިއަށް ނުގެންދިއުން، މީގެ ތެރޭގައި ގިނަ މީހުން އެއްވެގެން ބާއްވާ ރޯދަވީއްލުން ހިމެނޭ.
ޓެކްސީ ޚިދުމަތްފޯރުކޮށްދޭނަމަ، ޓެކްސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެޗް.ޕީ.އޭ އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތްދިނުން.
މިސްކިތްތަކަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމާއި، ނަމާދުކުރުމަށް އަމިއްލަ މުސައްލަ ގެންދިއުމާއި މާސްކް އަޅައިގެން ދިއުމަށް ސަމާލުކަން ދިނުން، އަދި މިސްތަކުގައި ދަރުސް ޕްރޮގްރާމްތައް ކުރިއަށް ނުގެންދިއުން.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ އެންގުންތަކާ އެއްގޮތަށް ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ހޮޓާތަކާއި ގާޑިޔާތަކުން ޚިދުމަތްދިނުން، މިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ