އިންޑިއާގެ އުއްތަމަފަނޑިޔާރާ ދެކޮޅަށް އުފުލުނު ޖިންސީ ގޯނާކުރެއްވުމުގެ މައްސަލަ ނުބަލާން ނިންމުމުން އާންމުން ސުޕްރީމް ކޯޓު ދޮށަށް އެއްވެ އެކަމާ ނުރުހުން ފާޅުކޮށް މުޒާހަރާ ކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރު ރަންޖަން ގޯގޮއި، ޖިންސީ ގޯނާ ކުރެއްވި ކަމަށް ބުނެ މައްސަލަ ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގައި، ޖޫނިއަރ ކޯޓް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި އުމުރުން 35 އަހަރުގެ އަންހެން މުވައްޒަފެކެވެ. އެ އަންހެންމީހާ ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، އުއްތަމަ ފަނޑިޔާރު އޭނާއަށް ޖިންސީ ގޯނާ ކުރައްވާފައިވަނީ އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެކޮޅުގައި ހުންނަ އޮފީހުގައި އޭނާ މަސައްކަތް ކުރިއިރު މިދިޔަ އަހަރު ކަމަށެވެ.
އެހެންނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޕެނަލްއަކުން އިއްޔެ ނިންމާފައިވަނީ އެ މައްސަލަ ނުބެލުމަށެވެ.
"އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ކުރެވިފައިވާ ތުހުމަތުގައި އެއްވެސް އޮއްޓަރެއް ހުރިކަމަކަށް ކޮމިޓީއަކަށް ނުފެނުނު. އެހެންވެ މައްސަލަ ވަނީ ބާތިލްކޮށްފައި" އިންޑިއާ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.
އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ފަނޑިޔާރުންގެ ޕެނަލުން ނިންމިގޮތުގެ ރިޕޯޓް، ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރަކަށާއި އަދި އުއްތަމަ ފަނޑިޔާރަށްވެސް މިހާރު ފޮނުވާފައިވާ ކަމަށް ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. އަދި ފަނޑިޔާރުންގެ ޕެނަލުން ނިންމިގޮތުގެ ރިޕޯޓް އާންމު ނުކުރެވޭނޭ ކަމަށްވެސް ބުނެފައި ވެއެވެ.
މިމައްސަލާގައި ނުރުހުން ފާޅުކޮށް އެތައްސަކޭތަ ބަޔަކު މިއަދުވަނީ ސުޕްރީމް ކޯޓު އިމާރާތް ކައިރިއަށް އެއްވެ ނުރުހުން ފާޅުކޮށް އަޑުއުފުލާފައެވެ.
ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިތިބި އާންމުންވަނީ، އުއްތަމަ ފަނޑިޔާރާ ދެކޮޅަށް އުފުލިފައިވާ މައްސަލައިގެ މިނިވަން ތަހްގީގެއް ހިންގުމަށް ގޮވާލާފައެވެ. ނަމަވެސް، އެމީހުންނަށް މުޒާހަރާ ކުރަން ސުޕްރީމް ކޯޓު ދޮށުގައި ފަސްމިނެޓަށްވެސް ނުތިބެވުނެވެ.
އާންމުން މުޒާހަރާކުރަން އެއްވިއިރުވެސް ސަލާމަތީ ބާރުތަކުން އޮތީ ސުޕްރީމް ކޯޓު ވަށައިގެންވާ ސަރަހައްދުގައި ވަރަށް ވަރުގަދައަށް ސަލާމަތީ ފިޔަވަޅު އަޅާފައެވެ. އަދި ޕެރަމިލިޓަރީ ފުލުހުން ތިބީ ޕްރެޝަރުގައި ފެންޖަހާ ލޮރީތައްވެސް ޖަމާކޮށްގެންނެވެ.
މުޒާހަރާ ފެށުމާއެކު ފުލުހުންވަނީ މުޒާހަރާ ރުޅާލާފައެވެ. އަދި މުޒާހަރާގެ ގިނަ ބައިވެރިން ފުލުހުންގެ ވެހިކަލްތަކުގައި ވަނީ ގެންގޮސްފައެވެ.
"ފުލުހުންގެ ސްޓޭޝަންގައި އަހަރެމެން ތިބޭތާ ހަތަރު ގަޑިއިރު ވެއްޖެ. އަދިވެސް އަހަރެމެން ދިޔަކަނުދޭ" ސުޕްރީމް ކޯޓު ދޮށުގައި ބޭއްވި މުޒާހަރާ ރޭވުމުގައި އުޅުނު ހައްގުތަކަށް މަސައްކަތްކުރާ އަންހެނެއް ކަމަށްވާ ވަނީ ސުބްރަމާނިއަން ބުނެފައި ވެއެވެ.
"އަހަރެމެން ފަސްމިނެޓް މުޒާހަރާ ކުރަންވެސް ފުރުސަތު ނުދިން" މުޒާހަރާއަށްދިޔަ ގާނޫނީ ވަކީލަކު ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ.
ނޫސްވެރިއެއް ކަމަށްވާ ގައުރަވް ސަރްކާރު ބުނީ، އޭނާ ފުލުހުންގެ ވޭނަށް ކޫއްތާފައި އެރުވީ، އޭނާ މުޒާހަރާ ކަވަރުކުރަން އުޅެނިކޮށް ކަމަށެވެ.
ފުލުހުން ބުނެފައިވަނީ، ސުޕްރީމް ކޯޓު ދޮށުގައި މުޒާހަރާ ކުރުމަކީ ޣައިރުގާނޫނީ ކަމެއް ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ މައްސަލަ ނުބަލާން ނިންމުމުން، އަންހެންމީހާވަނީ އެކަމާ ހިތާމަކުރާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.
އޭނާ ބުނީ، އުއްތަމަ ފަނޑިޔާރު ކުރަން އުޅުއްވި ކަންތަކާ އޭނާ ދެކޮޅު ހެދުމުން، އޭނާ ވަޒީފާއިން ވަކިކޮށް އަދި އާއިލާއަށްވެސް ފުރައްސާރަ ކުރިމަތިކުރަމުންދިޔަ ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ މައްސަލަ ނުބަލާން ނިންމުމުން އިންޑިއާ ސުޕްރީމް ކޯޓުދޮށުގަ މުޒާހަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ