ދާންދޫ ކޯޓުގެ މެޖިސްޓްރޭޓްގެ ހަތަރު މައްސަލައަކާއި ހދ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓްގެ މައްސަލައެއް ބަލަނީ

ދާންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހީމްގެ ހަތަރު މައްސަލައަކާއި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމްގެ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
އެ މައްސަލަތައް ބެލުމަށް ޖޭއެސްސީން ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައެވެ.
ދާންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހީމްގެ ހަތަރު މައްސަލައެއް ބަލަން ނިންމައި، އެ މައްސަލަތައް ބެލުމަށް ފަސް މެމްބަރުންގެ ކޮމިޓީއެއް ވަނީ އެކުލަވާލައިފައެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީއާއި މެމްބަރު އަބްދުއްރައޫފް އިބްރާހީމާއި މެމްބަރު މުހައްމަދު އީސާފުޅާއި މެމްބަރު ހިސާން ހުސައިން އަދި މެމްބަރު އިބްރާހިމް ރިފްއަތެވެ.
ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމާ ބެހޭ މައްސަލަ ތަހުގީގުކުރަން ފޮނުވާފައިވަނީ އެ ކޮމިޝަނުގެ ތައުދީބީ ކޮމިޓީއަށެވެ.
އެ ނިންމުންތަކުގެ އިތުރުން ފަނޑިޔާރަކާ ބެހޭގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ ދެ ޝަކުވާއެއް ބަލާނެ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށް ވެސް މިއަދު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ