ފަތުރުވެރިންގެ އަދަދު މަދުވެދާނެ، އެކަމަކު އިޤްތިސާދު 10.5% ކުރިއަރާނެ - އެމްއެމްއޭ

2015 ވަނަ އަަހަރު ރާއްޖޭގެ އިޤްތިޞާދު 10.5 އިންސައްތަ ކުރި އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭ އިން ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ، މި އަހަރު ރާއްޖެ އަންނަ ފަތުރުވެރިން މަދުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ސަބަބެއް ކަމުގައި އެމްއެމްއޭ އިން ބުނެފައި ވަނީ ރަޝިއާއަށް ދިމާވެފައިވާ އިޤްތިޞާދީ މައްސަލައެވެ.
އެހެން ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާނެ ކަމަށް އެމްއޭއިން ބުނެއެވެ.
އެގޮތުން މިއަހަރު ރާއްޖޭގެ އިޤްތިޞާދު 10.5 އިންސައްތަ ކުރި އަރާނެ ކަމަށް ލަފާކޮށްފައި ވާއިރު، 2014 ވަނަ އަހަރު އިޤްތިޞާދު ކުރި އަރާފައި ވަނީ 8.5 އިންސައްތައެވެ.
އިޤްތިޞާދު ކުރިއަރާނެ ކަަމަށް ލަފާކޮށްފައި މިވަނީ 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު އިމާރަތްކުރުމުގެ ދާއިރާގެ އިޤްތިޞާދު ދަށްވުމަށް ފަހު މި އަހަރު އިމާރަތްކުރުމުގެ ދާއިރާއަށް އަންނާނެ ކަމަށް ލަފާކުރެވޭ އިޤްތިޞާދީ ކުރިއެރުންތަކުގެ ސަބަބުންނެވެ. އަދި ސްޕެޝަލް އިކޮނަކިމް ޒޯންތަކުންނާއި އަލަށް ހަދާ ރިސޯޓްތަކުން ދައްކަންޖެހޭ ކުލީގެ ފައިސާ އާއި އެކު އިޤްތިސާދަށް ރަނގަޅު ކުރިއެރުންތަކެއް އަންނާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
ނަމަވެސް ސައިކަލުން ޑިއުޓީ ނެގުން ހުއްޓާލުމާއި ޓީޖީއެސްޓީން ލިބޭނެ އާމްދަނީ ކުޑަވުމުގެ ސަބަބުން ސަރުކާރަށް ލިބޭ އާމްދަނީ މަދުވެދާނެ ކަމަށްވެސް އެމްއެމްއޭއިން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ