ގުދުސްގެ ދިފާއުގައި ނުކުތުމުން ޝަހީދު ކޮށްލި މީހުންގެ އަދަދު 15އަށް

ގުދުސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ބަލައިގަތުމާ ގުޅިގެން އެކަމާ ދެކޮޅަށް މުޒާހަރާކޮށް އިސްރާއީލުގެ ޔަހޫދީ ސިފައިންނާ ކުރިމަތިލި ފަލަސްތީނުގެ 15 މީހަކު މިހާތަނަށް ޝަހީދު ކޮށްލައިފި އެވެ. އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ހަމަޖައްސައި ތެލް އަވީވްގައި ހުރި އެމެރިކާގެ އެމްބަސީ ބަދަލު ކުރައްވާނެ ކަމަށް ޓްރަމްޕު ވިދާޅުވުމުން އުފެދު ހަމަނުޖެހުންތަކުގައި އެންމެ ފަހުން މަރުވެފައިވަނީ އުމުރުން 19 އަހަރުގެ ޒުވާނެކެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، ޣައްޒާ ސިޓީއަށް އުފަން މުހައްމަދު ސާމީ އަލް ދަހްދޫހު ނަމަކަށް ކިޔާ އެ ޒުވާނާ މަރުވީ އިސްރާއީލު ބޯޑަރު ކައިރީގައި ކުރި މުޒާހަރާއެއްގައި އިސްރާއީލުން ދިން ބަޑީގެ ހަމަލާއެއްގައި ޒަހަމްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިއަދު އެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން އަޝްރަފް އަލް ގުދްރާ ވިދާޅުވާ ގޮތުން، ދަހްދޫހުގެ މަރާއެކު ގުދުސްގެ މައްސަލާގައި އަޑުއުފުލައި މުޒާހަރާ ކުރަނިކޮށް ޝަހީދު ކޮށްލި ފަލަސްތީނު މީހުންގެ އަދަދު 15 މީހުންނަށް އަރައެވެ. ޝަހީދުވި މީހުންގެ ތެރޭގައި 2008 ވަނަ އަހަރު އިސްރާއީލުގެ ސިފައިން ޣައްޒާގައި 22 ދުވަސް ވަންދެން ހިންގި އުދުވާނުގައި އުނގަނޑުން ތިރި އެކުގައި ވަކިވެގެންދިޔަ 29 އަހަރުގެ އަބޫ ސުރައްޔާ ހިމެނެ އެވެ. އޭނާ އަކީ ފުރޮޅުލީ ގޮޑީގައި ވެސް ނުކުމެ ފަލަސްތީނުގެ މިނިވަންކަމުގެ ހަރަކާތުގައި މުޅި ޣައްޒާއަށް ވެސް ނަން ހިންގާފައިވާ ޒުވާނެކެވެ. އަދި އޭނާ މަޝްހޫރު ވެގެން ދިޔައީ ޣައްޒާ އާއި އިޒްރޭލާ ގުޅޭ ސަރަހައްދުގައި އިސްރާއީލުގެ ސިފައިން ނަގާފައި ހުރި އެގައުމުގެ ދިދަ ބާލައި ފަލަސްތީނުގެ ދިދަ ނެގި ހިތްވަރުގަދަ ޒުވާނެއްގެ ގޮތުގައެވެ. މިމަހުގެ 15 ވަނަ ދުވަހު އަބޫ ސުރައްޔާ ޝަހީދު ކޮށްލީ އިސްރާއީލުގެ ސްނައިޕަރަކު ދިން ހަމަލާއެއް އޭނާގެ ވާތް ފަރާތު ލޮލާ ދިމާލުން ނިތްކުރި އަށް އެރުމުންނެވެ. އަބޫ ސުރައްޔާގެ މަރާއެކު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ޗީފް ވެސް ވަނީ އެކަމުން ޝޮކެއް ލިބުނުކަން ފާހަގަކުރައްވައި އަބޫ ސުރައްޔާގެ މަރުގެ މިނިވަން އަދި އިތުބާރު ކުރެވޭނެ ތަހުގީގެއް ހިންގުމަށް އަމުރު ކުރައްވައިފައެވެ. އެ އަމުރާއެކު އިސްރާއީލުގެ އަސްކަރިއްޔާއިން ތަހުގީގެއް ހިންގި ނަމަވެސް އަބޫ ސުރައްޔާ މަރުވީ އެމީހުންގެ އަތުން ކަމެއް އެއްބަސްވެފައެއް ނުވެއެވެ. އިސްރާއީލުގެ ސިފައިން ބުނި ގޮތުގައި، އަބޫ ސުރައްޔާއަށް އަމާޒުކޮށް ވަޒަން ފޮނުވާލައިފައެއް ނުވެއެވެ. އަދި މުޒާހަރާ ރޫޅާލުމަށް ހިންގި އަމަލުތަކުގައި އަބޫ ސުރައްޔާ ޒަހަމްވި ކަމެއް ނުވަތަ މަރުވި ގޮތެއް ދެނެގަނެވިފައި ނުވާ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން މިދިޔަ ހޯމަ ދުވަހު ނެރުނު ތަހުގީގީ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެކަމަށް ހިތްވަރު ދެއްވައި އިސްރާއީލުގެ މޭޖަރ ޖެނެރަލް ފޭސްބުކްގައި ވިދާޅުވީ، އަބޫ ސުރައްޔާއަށް ފަރުވާ ދިނުމަށް ގެންދެވުނު ގޮތާއި ދިން ފަރުވާގެ މައުލޫމާތު ހޯދުމަށް ރެޑް ކުރޮސްގައި އެދިފައިވާނެ ކަމަށެވެ. އަދި އަބޫ ސުރައްޔާގެ މަރުގައި ގިނަ ސުވާލު ތަކެއް އުފެދޭ ކަމަށް ވިދާޅުވި އެވެ. ގުދުސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ބަލައިގަތުމާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން އަދިވެސް އަޑު އުފުލައި މުޒާހަރާ ކުރަމުންދާއިރު، މިދިޔަ ބުރާސްފަތި ދުވަހު އދ.ގެ އާންމު މަޖިލީހުން ވަނީ އެމެރިކާގެ ނިންމުން އަނބުރާ ގެންދިއުމަށް ފާސް ކޮށްފައެވެ. އދ. އިން އެގޮތަށް ނިންމީ މަޖިލީހުގައި ބައިވެރިވި 128 ގައުމެއްގެ ތާއީދާއެކު އެވެ. އެމެރިކާއާއެކު އެ މަޖިލީހުގައި ވޯޓު ދިނީ އެންމެ ނުވަ ގައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ