ކުދި ޤައުމު ތަކަށް ހުރަސް ނޭޅުމަށް ރައީސް މައުމޫން ގޮވާލައްވައިފި
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް ކުދި ޖަޒީރާ ޤައުމުތަކުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްނޭޅުމަށާއި، އެމަސައްކަތަށް ފުރުޞަތު ދިނުމަށް، ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ވެރިންނަށް، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ސަމޮއާގައި ސެޕްޓެންބަރ 1 އިން 4 އަށް ކުރިއަށްދާ ތިންވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސްގައި ހޯމަ ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ.ރައީސް މައުމޫންގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރާ ދެކޮޅަށް ދެމެހެއްޓިނިވި ގޮތެއްގައި މަސައްކަތް ކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، ބައިނަލްއަޤްވާމީ މައިދާނުގައި މިކަމަށް އެކަށީގެންވާ އެއްބާރުލުން ނުލިބުންކަމުގައި ވިދާޅުވިއެވެ.އަދި، މީގެ ކުރިން ބާއްވާފައިވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސްގެ ދެ ޖަލްސާގައި، ތިމާވެއްޓާ ގުޅޭ މުހިންމު ޤަރާރުތައް ފާސްކޮށްފައި ހުރި ނަމަވެސް، އެޤަރާރުތަކަށް އަދިވެސް ޢަމަލީ ސިފައެއް ގެނެވިފައިނުވާކަން ހިތާމައާއެކު ރައީސް މައުމޫން ފާހަގަ ކުރެއްވިއެވެ. މިގޮތުން، ތިމާވެއްޓަށް ގެއްލުންހުރި ގޭސްތައް ޖައްވަށް ބޭރުވުމުގެ ނިސްބަތަށް ބަދަލެއް އައިސްފައިނުވާކަމަށާއި، މިކަމުގެ ސަބަބުން ކުދި ޤައުމުތަކުގެ ނާޒުކު ތިމާވެށްޓަށް ކުރިމަތިވަމުންދާ ނުރައްކާތައް ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.ތަރައްޤީގެ މަގުގައި ކުދި ޤައުމުތަކަށް ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަން ބަޔާން ކުރައްވަމުން، އެއްޤައުމަކުން އަނެއް ޤައުމަކަށް އެއްބާރުލުން ދިނުމުގެ ރޫޙު، ހުރިހާ ޤައުމުތަކެއްގެ މެދުގައި އާލާކުރަންޖެހޭ ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ. އަދި މިއީ ހަމައެކަނި، ތަރައްޤީވެފައިވާ ޤައުމުތަކުން، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ދޭ އެހީތެރިކަން ނޫންކަމަށާއި، މިކަމަކީ އެހެން ޤައުމުތަކަށް ބަރޯސާ ނުވެ، އެ ޤައުމަކަށް ދިމާވެފައިވާ މައްސަލަތައް އެ ޤައުމަކުން އަމިއްލައަށް ޙައްލުކޮށް، އެ ޤައުމަކުން ދާންބޭނުންވާ މަންޒިލަށް ވާޞިލްވުމަށް ފަހި ކޮށްދެވޭ ފުރުޞަތަކަށް ހަދަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.ސަމޮއާގައި ކުރިއަށްދާ ތިންވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސްގައި ރައީސް މައުމޫނު ބައިވެރިވެވަޑައިގަންނަވަނީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާއްޞަ މަންދޫބެއްގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ