ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)
ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް
ހިންގާ ޝަރީއަތަކީ "ޒާތީ މައްސަލައެއް" ކަމަށާއި އެ ދައުވާ އަނބުރާ
ގެންދިއުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ
ގޮވާލައްވައިފި އެވެ.އެ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އަބްދުﷲ ގާޒީ
ހައްޔަރުކުރުމުން، ރައްޔިތުން އެދެމުންދިޔައީ އޭނާ ދޫކޮށްލުމަށް ނުވަތަ
ނަޝީދު އިސްތިއުފާ ދެއްވުމަށެވެ. އެކަމުގައި ނަޝީދު ހިޔާރުކުރެއްވީ
އިސްތިއުފާ ކަމަށާއި އެހެންވެ އެއީ އެކުށުގައި ނަޝީދަށް ލިބިވަޑައިގެންނެވި
އަދަބެއް ކަމަށް ގާސިމް ސިފަކުރެއްވެވި އެވެ. "އެހެންވީމާ
ކޮބައިތޯ އޭނާގެ މައްޗަށް ހިންގަންވީ ޝަރީއަތެއް. ނެތޭ އެއްވެސް ޝަރީއަތެއް
ހިންގާކަށް އެއްވެސް ޖާގައެއް،" އެމްޑީޕީއާއެކު މާދަމާ ރޭ ސޮއިކުރާ
އެއްބަސްވުން ޖުމްހޫރީ ޕާޓީގެ ހިންގާ ކޮމެޓީން ފާސްކުރުމަށް ފަހު ނޫސްވެރިންނާ
ވާހަކަ ދައްކަވަމުން، މާމިގިލީ މެމްބަރުކަމުގައި ވެސް ހުންނެވި ގާސިމް
ވިދާޅުވި އެވެ. އިންސާފަކީ ނަޝީދުގެ ޝަރީއަތް މިހާރު ނުހިންގުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އޭނާގެ
[ނަޝީދު]ގެ މައްޗަށް ހިންގާނެ ހުކުމެއް ނެތް، މަށަކަށް މި ގައުމުގައި، އެ
މައްސަލާގައި. ވަރަށް ސާބިތުކަމާއެކު އަޅުގަނޑު މިދަންނަވަނީ،" ގާސިމް
ވިދާޅުވި އެވެ. "އަޅުގަނޑު ޕްރޮސިކިއުޓަ ޖެނެރަލަށް އިލްތިމާސްކޮށް
ދަންނަވާލަން އޮތީ އެއްވެސް ރައްޔިތެއްގެ މައްޗަށް އަނިޔާވެރި ދައުވާއެއް
ނުކުރައްވާށޭ. އެހެންވެ އަވަހަށް [ނަޝީދުގެ މައްސަލަ] އަނބުރާ ގެންދަވައި
ފައިލް ކުރައްވާށޭ. މުހައްމަދު ނަޝީދަށް އެ މައްސަލާގައި ވެރިކަމަށް ކުރިމަތި ނުލެވޭނެ ހަމަ އެއްވެސް ހުކުމެއް އިއްވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއްވެސް ހުކުމެއް ނުކުރެއްވޭނެ،"މި މައްސަލައާ ގުޅޭ ޝަރީއަތްތައް ހުއްޓިފައި
ވަނީ މައްސަލަ ބަލާ ހުޅުމާލޭ ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗް، ޖުޑީޝަލް
ސާވިސް ކޮމިޝަނުން ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ނަޝީދުގެ
ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. ނަޝީދުގެ
މައްސަލަ ބަލާ ބެންޗާ މެދު، އެ މަނިކުފާނުގެ ފަރާތުން ސުވާލު އުފެއްދީ އެ
ބެންޗު ކަނޑައެޅީ ޖޭއެސްސީން ކަމަށް ވާތީ އެވެ. ކޯޓުތަކުގެ ގާނޫނު ބުނާ
ގޮތުން މައްސަލައެއް ބަލާނެ ފަނޑިޔާރުންނާއި ފަނޑިޔާރުންގެ އަދަދު
ކަނޑައަޅާނީ އެ ކޯޓެއްގެ އިސް ގާޒީ އެވެ. ނަޝީދު ހައި ކޯޓުގައި
އެދިވަޑައިގެންފައި ވަނީ، އެއީ ގާނޫނާ ހިލާފަށް ކަނޑައަޅާފައިވާ ބެންޗެއް
ކަމުގައި ނިންމައި ދެއްވުމަށެވެ.ނަޝީދު ހުށަހެޅުއްވި މައްސަލަ ހައި ކޯޓަށް ބެލޭނެތޯ އަންނަ ހަފުތާގައި ކަނޑައަޅާނެ އެވެ. އަބްދުﷲ
ގާޒީ ހައްޔަރުކުރިިއިރު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި
މޫސާ އަލީ
ޖަލީލަށް ޑިފެންސް މިނިސްޓަރުކަން ރައީސް އަބްދުﷲ ޔާމީން ދެއްވާފައިވަނީ،
އޭނާގެ މައްޗަށް، އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ދައުވާ
އުފުލާފައި ވަނިކޮށެވެ.
ނަޝީދުގެ މައްސަލަ އަނބުރާ ގެންދަން ގާސިމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ