ނަޝީދުގެ މައްޗަށް ކުރާނެ ދުއާއެއް ނޯންނާނެ: އުމަރު
ޓެރަރިޒަމްގެ ކުށުގައި ޖަލަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރަން ޖެހޭނެ ދުއާއެއް ނެތް ކަމަށާއި އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. އުމަރު އޭނާގެ ފޭސްބުކްގައި ވިދާޅުވީ "އެމީހެއްގެ ކިބައިން ގައުމާއި ދީން ސަލާމަތްވި މީހެއްގެ މައްޗަށް އަޅުގަނޑު ދުއާއެއް ނުކުރާނަން" ކަމަށެވެ. މިހާރު ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގެ ބޭރުގައި، ނަޝީދުގެ މައްޗަށް ކުރާ ދުއާއަށް އިިޝާރާތް ކުރައްވައި، އުމަރު ވިދާޅުވީ މިސްކިތުން މީހުން ނުކުތުމަށް ދަތިވާ ގޮތަށް، ދުއާކުރާ މީހުން ތިބޭ ކަމަށެވެ. "ހަވީރާ" ވާހަކަ ދައްކަވަމުން އުމަރު ފަހުން ވިދާޅުވީ ނަޝީދަކީ ދީނީ ކަންކަމުގައި "އޯލްޓަނޭޓިވް" ގޮތްތައް ބޭނުންވާ ބޭފުޅެއް ކަމަށެވެ. "އެފަދަ ބޭފުޅެއްގެ މައްޗަށް އަޅުގަނޑު ކުރާނެ ދުއާއެއް ނޯންނާނެ. އަޅުގަނޑު ނުވެސް ކުރާނަން،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ މައްޗަށް ދުއާކުރާ މީހުންގެ ހަގީގީ "ސައިޒު" އެނގޭނީ އިސްލާމީ މަރުކަޒުގެ ހަރިންމައިން ފެށިގެން 50 ފޫޓާ ހަމައަށް މީހުން ގެންގޮސްގެން ދުއާ ކުރުމުންނެވެ. "މިސްކިތުން ފައިބާ މީހުންނަށް ދަތިވާ ގޮތަށް ސިޑިމަތި ބްލޮކް ކޮށްގެންނާއި ވާނުވާއެއް ނޭނގި މީހުން މަޑުކޮށްގެން ތިބުމުން، ދުއާގައި ބައިވެރިވާ މީހުން ގިނަވާނެ. ދުއާ ކުރަނީ ނަޝީދުގެ މައްޗަށް ކަމަށް ބުނެފައި، ހަރިންމައިން ފެށިގެން 50 ފޫޓަށް މީހުން ގެންދިޔައީމާ އެނގޭނެ މުހައްމަދު ނަޝީދުގެ މައްޗަށް ދުއާކުރާ މީހުންގެ ހަގީގީ ސައިޒް،" އުމަރު ވިދާޅުވި އެވެ. މިއަދުގެ ހުކުރު ނަމާދަށް ފަހު، ނަޝީދުގެ މައްޗަށް ދުއާކުރަން ބައެއް މީހުން އަތް ނަގައިގެން ތިބިއިރު، އެމީހުންގެ ތެރެއިން މިނިސްޓަރު އުމަރު ވަޑައިގަންނަވަނީ.---ފޮޓޯ: ކިޔުންތެރިއެއް އޭނާ އެހެން ވިދާޅުވިއިރު އިސްލާމީ މަރުކަޒުގައި މިއަދު ކުރި ހުކުރު ނަމާދަށް ފަހު، ނަޝީދުގެ ސަޕޯޓަރުން ދުއާކުރަން ތިއްބައި އުމަރު މިސްކިތުގެ ސިޑިން ފައިބައި ވަޑައިގަންނަވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ފޮޓޯ އާންމު ކުރުމަށް ފަހު، ބައެއް މީހުން ބުނެފައި ވަނީ މިއަދުގެ ދުއާގައި އުމަރު ބައިވެރިވެވަޑައިގަތީ ކަމަށެވެ. އެހެން ނަމަވެސް ދުއާއަށް އަތް ނަގައިގެން ތިބި މީހުންގެ ތެރެއިން އުމަރު ސިޑިން ފައިބައިވަޑައިގެންނެވިއިރު އަތް މައްޗަށް ނުނަންގަވަ އެވެ. އުމަރު ވިދާޅުވީ ނަޝީދުގެ މައްޗަށް ކުރި ދުއާގައި އޭނާ ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ. "މީހުން ސިޑިމަތީގައި ތިބީމާ ދޭތެރެދޭތެރެއިން ނުކުމެގެން ދާން ޖެހެނީ. އެހެން ދަނިކޮށް ނަގާފައި ހުރި ފޮޓޯއެއް އެއީ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ