ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ އެކައުންޓް ފްރީޒްކޮށްފައިވަނީ ހަގީގަތެއް ނެތް މައްސަލަތަކެއް އުފައްދައިގެން ކަމަށް ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވީ ވިލާ އިން ދައުލަތަށް ދައްކަން އެންމެ ރުފިޔާއެއް ވެސް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނަކީ އިސްލާމް ދީނާ ދިވެހި ދައުލަތާ ދިވެހި ރައްޔިތުން ދެކެ ލޯބިވާ މީހަކަށްވާތީ ދައުލަތަށް ދައްކަންޖެހޭ އެއްޗެއް ދުވަހަކުވެސް ނުދައްކާ ނޯންނާނެ ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ތ. އެލާއިން ލިބެންޖެހޭ ފައިސާތަކެއް ވިލާ އިން ދައުލަތަށް ނުދައްކާ ކަމަށް ބުނެ ވިލާގެ އެކައުންޓް ފްރީޒްކުރި ނަމަވެސް އެއްބަސްވުންތައް ހުރި ގޮތުން އެފައިސާ ވިލާ އިން ދައުލަތަށް ދައްކަންޖެހެނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކަމަށެވެ. އެހެންކަމުން ފައިސާތަކެއް ދައްކަންޖެހޭ ކަަމަށް ބުނެ ކުޅެނީ ޑްރާމާއެއް ކަމަށްވެސް ވިދާޅުވި އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވިލާއަށް މިމަހުގެ 22 ވަނަ ދުވަހު ފޮނުވި ސިޓީގައިވާ ގޮތުން ތ. އެލާގެ ބިމު ކުލީގެ ގޮތުގައި ދައްކަންޖެހޭ 3.8 މިލިއަން އެމެރިކާ ޑޮލަރާއި، ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 14.6 މިލިއަން ޑޮލަރާއި އަދި އިންޓަރެސްޓް ރޭޓްގެ ގޮތުގައި ދައްކަންޖެހޭ 226،351 އެމެރިކާ ޑޮލަރާއެކު ޖުމްލަ 18.6 މިލިއަން އެމެރިކާ ޑޮލަރު ވިލާ ގުރޫޕުން މީރާއަށް ދައްކަންޖެހެ އެވެ.
ގާސިމް މިއަދު ވިދާޅުވީ ތ. އެލާގެ ކުއްޔާއި އެޑްވާންސް ފައިސާގެ ގޮތުގައި ވިލާއިން މިހާތަނަށް ވެސް ދިވެހި ދައުލަތަށް 4.6 މިލިއަން ޑޮލަރު ދައްކާފައިވާނެ ކަމަށެވެ.
ވިލާ ގުރޫޕާ ދެކޮޅަށް ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާތީ ގާސިމް މިއަދު ވަނީ އަނިޔާވެރިކަމުގެ ކުރިމަތީގައި އެމަނިކުފާނުގެ ބޭފުޅުންނާއި އެމަނިކުފާނުގެ މުވައްޒަފުން ކެތްތެރިވުމަށް އެދިވަޑައިގެންފަ އެވެ.
ވިލާ އިން މީރާއަށް ދައްކަންޖެހޭ ފައިސާތަކެއް ދައްކާފައި ނުވާ ކަމަށް ބުނެ ވިލާ ޝިޕިންގެ އެކައުންޓް ދެވަނަ ފަހަރަށް ފްރީޒްކޮށްފައިވާއިރު މީރާއަށް ގަވައިދުން ފައިސާ ދައްކާ ކުންފުނިތަކަށް ދެމުންގެންދާ ރަންލާރި އެވޯޑް ވިލާ ގުރޫޕަށް މީގެ ކުރިން ދީފައިވެ އެވެ.
-- ތަފްސީލް އަންނަނީ --
-- ތަފްސީލް އަންނަނީ --
ވިލާގެ އެކައުންޓް ފްރީޒްކުރީ މައްސަލައެއް އުފައްދައިގެން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ