މާފަންނު ދެކުނު ދާއިރާގެ މެމްބަރ އިބްރާހިމް ރަޝީދު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދު (ބޮންޑޭ) ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބޮންޑާ ހައްޔަރުކުރީ މިރޭ ދަންވަރު 12:20ހާއިރު ކޯޓް އަމުރެއްގެ ދަށުން، ފުލުހުން ބަލަމުންގެންދާ މައްސަލައަކާގުޅިގެންކަމަށެވެ. އެއީ ކޮން މައްސަލައެއްކަމެއް ފުލުހުން ހާމައެއްނުކުރެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކެފޭއެއްގައި އިންނަވަނިކޮށްކަމަށްވެއެވެ.
އަވަސް އިންތިހާބަކަށް ގޮވާލައި ކުރަމުންގެންދާ ސިލްސިލާ މުޒާހަރާތަކުގައި ހުންނަވަނިކޮށް ވަރަސް ގިނަ ފަހަރު ވަނީ ބޮންޑޭ ހައްޔަރުކޮށްފައެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި ސައިކަލް ބުރެއްގެ ތެރެއިން ފުލުހުން ވަނީ ބޮންޑޭ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރުމުގެ ތެރޭގައި ފުލުހުންގެ މީހަކު އޭނާގެ ބުރަކަށީގައި ދަތްއެޅިކަމަށް ބުނި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
އަންގާރަ ދުވަހުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އެ މައްސަލަ ނަންގަވާ އެވާހަކަ ދައްކަވާފައެވެ. ފުލުހުންގެ މީހަކު ބޮންޑޭގައިގައި ދަތްއެޅިކަމަށް އޭނާ ވެސް ވަނީ ވިދާޅުވެފައެވެ.
ހޯމަ ދުވަހުގެ މުޒާހަރާގެ ތެރޭގައި މެމްބަރުންނަށް އަނިޔާކުރިކަމަށް ބުނެ މީޑިއާގައި ރިޕޯޓްކޮށްފައިވަނިކޮށް ފުލުހުން ބުނެފައިވަނީ އެފަދަކަމެއް ނުހިނގާކަމަށާއި އަނިޔާނުކުރާކަމަށެވެ.
ބޮންޑޭގައިގައި ދަތްއެޅިކަމަށް ބުނާ ވާހަކަތައް ފުލުހުން ދޮގުކުރިއިރު ދަތްއަޅާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއްވަނީ މީޑިއާގައި އާންމުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ